ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލަން އަމުރުކޮށްފި

Wed, 20 Oct 2021 01:41 PM

View on this article on Zaviyani.mv

ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލަން އަމުރުކޮށްފި

ދައްތައާއި ކޮއްކޮ ޖާމިނުކޮށް، ކަފާލާތުގެ ދަށުން ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު މޫސާ (އައްމަޓީ) ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

އައްމަޓީގެ އެއްބަނޑުއެއްބަފާ ކޮއްކޮ އަދި ދައްތަ ޖާމިނުކުރުމަށްފަހު އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމީ، އައްމަޓީގެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގަ އެވެ. މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި، މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ ހަރުދަނާ ފިޔަވަޅުތަކަކާއެކު އައްމަޓީ ބަންދުން ދޫކުރަން ނިންމަވާ ކަމަށެވެ.

މިއަދު އަޑުއެހުމަށް އައްމަޓީގެ ދައްތައާއި ކޮއްކޮ ހާޒިރުކޮށްފަ އެވެ. އެ އަދަބު އަންނާނެ ކަން ވެސް އެނގިހުރެ، އޭގެ ޒިންމާ ނަގާ ގޮތަށް، އައްމަޓީ ފިލައިގެން ނުދާނެ ކަމުގެ ޔަގީން ކަންދޭ ކަމަށް އެދެމީހުން ވަނީ ޝަރީއަތުގައި ބުނެފަ އެވެ. ދެ ފަރާތުން ދެއްކި ވާހަކަތަކާއި، ހައި ކޯޓުގެ ފަނޑިޔާރުންގެ ރައުޔުތަކަށް ރިއާޔަތް ކުރުމަށް ފަހު، ގާޒީ ހަސަން ސައީދު ވިދާޅުވީ ބައެއް ޝަރުތުތަކާއެކު އޭނާ ދޫކޮށްލަން ނިންމިނަމަވެސް، ކޮންމެ ދުވަހަކު ފުލުހަށް ހާޒިރުވެ ސޮއިކުރަން ޖެހޭނެ ކަމަށެވެ. އަދި، މާލެއިން ބޭރަށް ފުރުންވެސް ވަނީ މަނާކޮށްފަ އެވެ.

ADVERTISEMENT

އެގޮތުން މައްސަލައިގައި ދައުވާ އުފުލާފައިވާ ފަރާތް ފިލައިފިނަމަ، ޖާމިނުވީ ފަރާތްތަކަށް އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް ނުވަތަ ދެ އަހަރުގެ ގޭބަންދު ހުކުމެއް ނުވަތަ 15،000 ރުފިޔާ ޖޫރިމަނާގެ ހުކުމެއް އިއްވިދާނެކަން މިއަދުގެ ޝަރީއަތުގައި ގާޒީ ވަނީ ފާހަގަ ކުރައްވާފަ އެވެ.

މީގެކުރިންވެސް ކްރިމިނަލް ކޯޓުން ޝަރުތުތަކަކާއެކު އައްމަޓީ ބަންދުން ދޫކޮށްލި އެވެ. އެފަހަރު އައްމަޓީ ބަންދުން ދޫކޮށްފައިވަނީ އޭނާއަށް ބޭސްފަރުވާ އެކަށީގެންވާގޮތުގައި ނުލިބޭތީ އަދި ބަލިހާލަތު ހުރިގޮތުން އެކަމަށް އޭނާގެ ފަރާތުން އެދުމުންނެވެ.

ހުޅުމާލޭގައި ފްލެޓް އިމާރާތް ކޮށްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލުމަށްފަހު، މަސައްކަތް ނުކޮށް ފިލައިގެން އުޅެނިކޮށް ރާއްޖެއިން ބޭރުން ހައްޔަރުކޮށް، އޭނާ ރާއްޖެ ގެނެސް 42 ދައުވާއެއް އުފުލައި ބަންދުކުރީ އެ މައްސަލަތަކުގެ ޝަރީއަތް ނިމެންދެންނެވެ.

 



More from Zaviyani.mv