އއ މަތިވެރި ބިންހިއްކުމުގެ މަޝްރޫއު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިން މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އއ މަތިވެރިއަށް ކުރެއްވި ދަތުރުފުޅުގައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
"މަތިވެރީ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަންވަނީ ބަޖެޓްކުރެވިފައި. ބިން ހިއްކުމުގެ މަޝްރޫޢު 2022 ބަޖެޓުގައި ހިމެނޭނެ. ރިޔާސީ ވައުދުތަކާ ގުޅިގެން ކުރިއަށްގެންދަންޖެހޭ ކަންކަން އަވަސް ކުރުމަށް އިތުރު މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުން." ރައީސް ވިދާޅުވި އެވެ.
ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައި އެރަށުގެ ޔުޓިލިޓީ ބިލުތަކުގެ އަގުތަކާއި، ޘާނަވީ ތައުލީމު ހަރުދަނާ ކުރުމާމެދު މަޝްވަރާ ކުރެއްވި އެވެ.

މަތިވެރިއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވަނީ އެރަށު ކައުންސިލްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާވެސް ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުކުރެއްވުމުގައިވެސް މައިގަނޑުގޮތެެއްގައި މަޝްވަރާ ކުރައްވާފައިވަނީ ޔުޓިލިޓީ ބިލުތައް އަގުހެޔޮކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުންނާއި، އެރަށުގައި ކުރިޔަށްގެންދަން ނިންމާފައިވާ ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އާ ބެހޭގޮތުންނެވެ. މީގެ އިތުރުންވެސް ޑަބްލިއުޑީސީއާ ކައުންސިލް ސެކްރެޓްރިއޭޓްގެ މުވައްޒިފުންނަށް ކަމާގުޅުންހުރި ތަމްރީނުތައް ހިންގުމާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައި ވެއެވެ.
