އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމެއް ޕާކިސްތާނުގައި ބާއްވަނީ

Thu, 09 Dec 2021 05:04 PM

View on this article on Zaviyani.mv

އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމެއް ޕާކިސްތާނުގައި ބާއްވަނީ

އަފްޣާނިސްތާނުގެ ހާލަތަށް ބެލުމާއި މައްސަލައާމެދު މަޝްވަރާ ކުރުމަށްޓަކައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ޕާކިސްތާނުގައި ބާއްވަން ނިންމައިފި އެވެ.

ދިވެހި ރާއްޖޭގައި ހުންނަ ޕާކިސްތާން ކައިކޮމިޝަނުން މައުލޫމާތުދޭގޮތުގައި، މި ބައްދަލުވުން އޮންނާނީ މިމަހުގެ 19 ވަނަ ދުވަހު ޕާކިސްތާނުގެ ވެރި ރަށް އިސްލާމް އާބާދުގަ އެވެ.

އަފްޣާނިސްތާނަށް ކުރިމަތި ވެފައިވާ އިންސާނިއްޔަ ކާރިސާގެ ސަބަބުން ދިމާވެފައިވާ ހިތާމަވެރި ހާލަތުން އަރައިގަނެވޭނޭ ގޮތްތަކެއް އެ ގައުމަށް ހޯދައިދިނުމުގެ މަގުސަދުގައި ބާއްވަން ނިންމި މިބައްދަލުވުމުގައި  ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ޕާކިސްތާނުގެ ޚާރިޖީ ވަޒީރު މަޙްދޫމް ޝާހް މަޙްމޫދު ޤުރައިޝީ ވަނީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދަށް އަރުވާފަ އެވެ.

ADVERTISEMENT

ޕާކިސްތާނުން ގަބޫލުކުރާގޮތުގައި، މި ބައްދަލުވުމުގައި އޯއައިސީގެ މެންބަރު ގައުމުތަކުން ބައިވެރިވުމަކީ އެކަށީގެންވާ ރަނގަޅު ނަތީޖާއެއް ނެރެވިދާނޭ ކަމެކެވެ. އަދި، ޕާކިސްތާނުން އުއްމީދު ކުރަނީ އޯއައިސީއާއި އެހެން ބައިނަލްއަގުވާމީ ބައިވެރިންގެ މަޝްވަރާގެ ސަބަބުން އަފްޣާނިސްތާނާއި، އަފްޣާނިސްތާނުގެ ރައްޔިތުންގެ މައްސަލަތައް ހައްލުކޮށް ދިނުމުގައި އެކަށިގެންވާ ނަތީޖާއެއް ނެރުން ކަމަށް ޕާކިސްތާނު ހައިކޮމިޝަނުން ބުނެއެވެ.

"ޕާކިސްތާނުން ފާހަގަކުރާ ގޮތުގައި، އޯއައިސީއާއި އިސްލާމީ އުއްމަތް ގުޅިގެން އަފްޣާނިސްތާނުގެ އަޚުންނާއި އުޚުތުންނަށް ކުރިމަތިވެފައިވާ އިންސާނިއްޔަ އަދި އިގްތިސާދީ ކާރިސާއިން އަރައިގަތުމުގައި އެހީތެރިވުމަކީ ވަރަށް މުހިއްމު ކަމެއް. އަދި މި ވަގުތު ބައިނަލްއަގުވާމީ މުޖުތަމައުގެ އެއްބާރުލުމާއި އެހީތެރިކަން އިންތިހާއަށް ބޭނުން ވެފައިވާ އަފްޣާނީ ރައްޔިތުންނަށް އެހީތެރި ވުމަށްޓަކައި ބައިނަލްއަގުވާމީ ޖަމްއިއްޔާ ޖަމާއަތްތަކާއި ގައުމުތަކުން ކުރިއަށް ޖެހިލާނޭ ފަދަ ފިޔަވަޅުތަކެއް އެޅުމުގައި އެހީތެރިވުމަކީ އޯއައިސީއަށް ކުރެވިދާނޭ ކަމެއް." ހައިކޮމިޝަނުން ބައްދަލުވުމާގުޅޭގޮތުން ނެރުނުބަޔާނުގައި ވެއެވެ.

އަފްޣާނިސްތާނަށް ދިމާވެފައިވާ ހިތާމަވެރި އަދި ނުރައްކާތެރި ހާލަތަށް ބަލައި އެހީތެރިކަން ފޯރުކޮށް ދެވޭނޭ ގޮތްތަކެއް ހޯދުމަށްޓަކައި އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމެއް ބާއްވަން އިސްނެގީ 29 ނޮވެމްބަރު 2021 ގައި ސަޢޫދީ އަރަބިއްޔާއިންނެވެ. ސަޢޫދީ އަރަބިއްޔާއަކީ އޯއައިސީ ސަމިޓްގެ ރައީސްކަން ކުރާ ގައުމެވެ. މި ނިންމުމާ ގުޅިގެން ޕާކިސްތާނުން ވަނީ އިސްލާމްއާބާދުގައި ޚާރިޖީ ވަޒީރުންގެ ބައްދަލުވުން ބޭއްވުމުގެ ހުރިހައި ކަމަކާ ހަވާލުވެފަ އެވެ.

 



More from Zaviyani.mv