ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތަކެއް ދެއްވަދޫގައި ކުރިއަށް ގެންގޮސްފި

Thu, 21 Oct 2021 11:20 AM

View on this article on Zaviyani.mv

ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތަކެއް ދެއްވަދޫގައި ކުރިއަށް ގެންގޮސްފި

ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކޮށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގއ. ދެއްވަދޫގައި ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފި އެވެ.

އޮކްޓޯބަރ 20 ވަނަ ދުވަހު ވިލިގިލީ ޕޮލިސް ސްޓޭޝަނާއި މާމެންދޫ ޕޮލިސް ސްޓޭޝަން އަދި ގެމަނަފުށި ޕޮލިސް ސްޓޭޝަން ގުޅިގެން 'މުޖުތަމައުގެ އަމާންކަމަށް އަހަރުމެންގެ ދައުރު' ގެ ނަމުގައި ދެއްވަދޫގައި ކުރިއަށްގެންދިޔަ އެ ޕްރޮގްމާރުގައި ރަށުގެ ރައްޔިތުންނާއި ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދީފައިވެއެވެ.

އެގޮތުން ގޭބިސީތަކަށް ޒިޔާރަތްކޮށް، މުޖުތަމުގައި ހިނގަމުންދާ ކުށްތަކާއި އެ ކުށްތަކުން ސަލަމާތްވުމާއި ރައްޔިތުންގެ މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައި ވެއެވެ. އަދި ކުށެއް ހިނގައިފިނަމަ އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ހިއްސާކޮށް ލަސްނުކޮށް އެކަމެއް ރިޕޯޓު ކުރުމަށް އިރުޝާދުދީފައި ވެއެވެ.

ADVERTISEMENT

އޭގެ އިތުރުން، ރަށުގެ ފިހާރަތަކާއި އެހެނިހެން ވިޔަފާރިތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި، ވިޔަފާރިތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައި ވެއެވެ. އަދި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުންދާ ކަންކަމުން ރައްކާތެރިވުމަށްވެސް މައުލޫމާތު ހިއްސާކޮށްފައި ވެއެވެ.

އެރަށު ސްކޫލުގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި، ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރާނެ ގޮތްތަކާއި ދަރިން ތަރުބިއްޔަތު ކުރުމުގައި ހެދޭ ގޯސްތަކުގެ ސަބަބުން ދިމާވާ ނޭދެވޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށް އެފަދަ ކަންކަމުން ދުރުހެލިވުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައި ވެއެވެ. އަދި ފުރާވަރު އުމުރުގެ ކުދިން މުޖުތަމައުގައި ހިނގާ ކުށްތަކަށް އަރައިގަންނަން މެދުވެރިވާ ސަބަބުތަކާއި އެ އުމުރުގެ ކުދިން އާންމުކޮށްކުރާ ކުށްތަކުގެ މައުލޫމާތު ހިއްސާކޮށް ކުދިން އެފަދަ ކަންކަމުން ދުރުހެލިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ. އަދި ޖިންސީ ގޯނާގެ މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތުވެސް ހިއްސާކޮށްފައި ވެއެވެ.

އޭގެ އިތުރުން، އެރަށު ސްކޫލުގެ ގްރޭޑް 5 އިން 10 އަށް ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި މުޖުތަމައުގައި ކުދިންގެ މެދުގައި ހިނގާ ކުށްތަކާއި އެފަދަ ކުށްތަކުން ރައްކާތެރިވުމަށް ދަރިވަރުންގެ ފެންވަރުގައި ކުރެވިދާނެ ކަންކަމާއި އަމާން މުޖުތަމައަކަށް ސްކޫލު ކުދިންގެ ދައުރު ބުނެދީ ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް މައުލޫމާތު ހިއްސާކޮށްފައި ވެއެވެ.

އެ ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމުގައި ގއ. ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރާއި ދެއްވަދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އާއި ރަށުގެ އެހެނިހެން މުއައްސަސާތަކުގެ އިތުރުން އެރަށު ސްކޫލުގެ އެހީތެރިކަން ލިބުނުކަމަށް ފުލުހުން ބުނެފައި ވެއެވެ.



More from Zaviyani.mv