"ދުންފަތުގެ ވިޔަފާރިކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު"

Mon, 21 Oct 2024 11:49 PM

View on this article on vNews

"ދުންފަތުގެ ވިޔަފާރިކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު"

ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމުގައި ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ.



އެގޮތަށް ނިންމެވިކަން ހާމަކުރައްވައި މީސްމީޑިއާގެ މަންސަތަކުގައި ރައީސް ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ދިވެހިރާއްޖެއަށް އެތެރެކޮށް، ބޭނުންކުރުން މަނާކުރުމުގެ އިތުރުން، ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށްޓަކާ ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރުކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށެވެ.

މީގެ އިތުރުން، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ހަރުކަށިކުރުމަށްވެސް ގާނޫނަށް އިސްލާހު ގެންނާނެކަމަށް ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ދުންފަތާއި އެއާ ގުޅުންހުރި އެކިއެކި އާލަތްތަކުގެ މަސްތުގައި ޖެހި ރާއްޖޭގެ ޒުވާން ޖީލު ނުރައްކަލާއި ހަލާކުގެ ތެރެއަށް ވެއްޓެމުންދާކަމަށް ބުނެ ސިއްހީ މާހިރުން ކަންބޮޑުވުން ފާޅުކުރަމުން އައި ދަނޑިވަޅެއްގައި، އަންނަ ނޮވެމްބަރު މަހުން ފެށިގެން ރާއްޖޭގައި ވޭޕް ވިއްކުމާއި ހިލޭ ބެހުން މަނާކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ މި މަހުގެ 14 ވަނަ ދުވަހު ނިންމަވާފައެވެ.

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރުން ފެށިގެން މަނާ ކުރުމަށް އަދި ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ވެސް 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް 8 ރުފިޔާއަށް މަތިކުރުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ. ދިވެހިންގެ އާބާދީގެ ބޮޑު ބައެއް މި މަސްތުގައި ޖެހިފައިވާއިރު، މި ގައުމުގެ މުސްތަގުބަލު ރައްކާތެރިކުރުމަށް، ރައީސް ނިންމަވަމުން ގެންދަވާ ނިންމެވުންތަކަށް ގިނަބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ.

ރައީސްގެ މި ނިންމެވުންތަކަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ވެސް ވަނީ ތައުރީފުކޮށްފައެވެ.



More from vNews