ޓެކްސް ނުދައްކާ ފަރާތްތަކާމެދު އަމަލުކުރާ އުސޫލު ހަރުކަށިކޮށްފި

Mon, 21 Oct 2024 07:18 PM

View on this article on vNews

ޓެކްސް ނުދައްކާ ފަރާތްތަކާމެދު އަމަލުކުރާ އުސޫލު ހަރުކަށިކޮށްފި

ދައުލަތަށް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަލައިގަންނަ ޓެކްސް އަދި އެހެނިހެން ފައިސާތަކުގެ ތެރެއިން ނުލިބިވާ ފައިސާ ހޯދުމުގެ ގޮތުން މީރާއިން އަމަލުކުރާ އުސޫލުތައް ހަރުކަށިކޮށް، ބަދަލުތަކެއް ގެނެސް ޝާއިއުކޮށްފިއެވެ.



އެގޮތުން ބަދަލު ގެނެސްފައި ވަނީ، ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާމެދު ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އާންމު އުސޫލުގެ އިތުރުން ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލާއި އަދި ބެންކް އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމާއި ބެންކު އެކައުންޓު ބެލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަށެވެ.

ބޭންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމާއި ބޭންކު އެކައުންޓު ބެލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން ޓެކްސް ނުދައްކާ ފަރާތެއްގެ އެކައުންޓުގައި ހުރި ފައިސާ ވަކި ޝަރުތުތަކާއެކު ހިފެހެއްޓުމުގެ ބާރު މީރާއަށް ލިބެއެވެ. އެގޮތުން މީގެ ކުރިން ފިޔަވަޅު އެޅޭނީ ޓެކްސްފައިސާ ދައްކަން ޖެހޭ މުއްދަތު ހަމަވެ 60 ދުވަސް ފާއިތުވުމަށްފަހުއެވެ. ނަމަވެސް އެ އުސޫލަށް މިހާރު އަލަށް ގެނައި އިސްލާހުގައި އެ ފަރާތްތަކަށް ދޭން ޖެހޭ ނޯޓިސްތައް ދިނުމަށް ފަހު ވަގުތުން މީރާއަށް ފިޔަވަޅު އެޅޭނެއެވެ.

މީގެއިތުރުުން ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާމެދު ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެގޮތުގެ ޢާންމު އުސޫލުގައި ބަޔާންކޮށްފައިވަނީ ޓެކްސް ނުދައްކާ ފަރާތްތަކަށް 30 ދުވަހުގެ ދެ ނޯޓިސް ދޭންޖެހޭނެކަމަށެވެ. ނަމަވެސް އެ އުސޫލަށް މިހާރު ގެނެސްފައިވާ އިޞްލާހުގައިވަނީ ނޯޓިސް މުއްދަތު 15 ދުވަހަށް ކުޑަކޮށްފައެވެ. އަދި ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމަށްފަހު އެއް މަރުހަލާއިން އަނެއް މަރުހަލާއަށް ދިއުމަށް އޮންނަ މުއްދަތުވެސް ވަނީ 5 ދުވަހަށް ކުޑަކޮށްފައެވެ. މީގެ ކުރިން އޮންނަނީ 15 ދުވަހުގެ މުއްދަތެކެވެ.

މީރާއިން ބުނީ މީރާގެ ފިޔަވަޅުތައް ތަންފީޒުކުރާއިރުވެސް، ޓެކްސް ދައްކާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް އުސޫލުގެ ތެރޭގައި ހިމެނިފައިވާނެ ކަމަށެވެ. އެގޮތުން ދައުލަތުން ދައްކަންޖެހޭ ފައިސާއެއް ނުލިބިގެން ޓެކްސް ނުދެއްކިވާ ފަރާތްތަކަށް، ދައުލަތުން ދައްކަން ޖެހޭ ފައިސާ ޓެކްސްއިން އުނިކުރެވޭނެ ނިޒާމެއް މިހާރު ޤާއިމްކޮށްފައިވާކަމަށް މީރާއިން ބުނެއެވެ. އަދި އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅެއް ނާޅާނެކަމުގެ ޔަޤީންކަން މީރާއިން ވަނީ ދީފައެވެ.

ނަމަވެސް ދައުލަތުން ދައްކަންޖެހޭ ފައިސާއިން ޓެކުހަށް ކެނޑުމަށް ފަހުވެސް، ބޮޑު އަދަދެއް ޓެކްސް ގޮތުގައި ދައްކަން އޮތްނަމަ އެ ފައިސާ ހޯދުމުގެ މަސައްކަތް މީރާއިން ކުރާނެކަމަށް އެއިދާރާއިން ބުނެއެވެ.



More from vNews