އޮޑިޓަރ ޖެނެރަލްގެ އޮފީހަށް 114 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

Mon, 21 Oct 2024 03:51 PM

View on this article on vNews

އޮޑިޓަރ ޖެނެރަލްގެ އޮފީހަށް 114 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

އޮޑިޓަރ ޖެނެރަލް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓަކީ 114 މިލިއަން ރުފިޔާކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.



މިއަދު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އަންނަ އަހަރުގެ އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓް ދިރާސާކުރުމަށްފަހު މާލިއްޔަތު ކޮމިޓީން ހުށަހެޅި ރިޕޯޓް ފާސްކޮށްފައެވެ. ރިޕޯޓް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 75 މެމްބަރުންގެ ވޯޓުންނެވެ.

2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފާސްކުރި މުޅި ޖުމްލަ ބަޖެޓްގެ އަދަދަކީ 114،497،312 (ސަތޭކަ ސާދަ މިލިއަން ހަތަރު ލައްކަ ނުވަދިހަ ހަތް ހާސް ތިންސަތޭކަ ބާރަ) ރުފިޔާއެވެ. ރިކަރަންޓް ޚަރަދާއި އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ކުރާ ޚަރަދުގެ ގޮތުގައި ކަނޑައަޅާފައިވަނީ 80،497،312 (އަށްޑިހަ މިލިއަން ހަތަރު ލައްކަ ނުވަދިހަ ހަތް ހާސް ތިންސަތޭކަ ބާރަ) ރުފިޔާއެވެ. އަދި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ގޮތުގައި 34،000،000 (ތިރީސް ހަތަރު މިލިއަން) ރުފިޔާކަމަށް ވަނީ ކަނޑައަޅާފައެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓްގައި ހިމަނާފައިވާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް މާލިއްޔަތު ކޮމިޓީން ވަނީ 14 މިލިއަން ރުފިޔާ އިތުރުކޮށްފައެވެ. މާލިއްޔަތު ކޮމިޓީގެ ރިޕޯޓްގައި ބުނެފައިވަނީ ޕީއެސްއައިޕީ މަޝްރޫޢަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވަނީ 19،050،000 (ނަވާރަ މިލިއަން ފަންސާސް ހާސް ) ރުފިޔާކަމަށެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން ކޮމިޓީއަށް ފޮނުވާފައިވާ ސިޓީގައި ވަނީ ޕީއެސްއައިޕީގެ ގޮތުގައި ހިމަނާފައިވާ މަޝްރޫޢަކީ އަންނަ އަހަރު ޑޮމެސްޓިކް ބަޖެޓްގެ ތެރެއިން ކުރިޔަށްގެންދިޔުމަށް ރާވާފައިވާ މަޝްރޫއެއްކަމަށާއި އެމަޝްރޫޢުގެ ދަށުން ޚަރަދުކުރުމަށް ފައިނޭންސްކުރުމަށް ހަމަޖެހިފައިވަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ޑެފެސިޓް ފައިނޭންސް ކުރުމަށް ހޯދާ ފައިސާއިންކަމަށެވެ.

އަދި އެމަޝްރޫޢުގެ އަގު 4 އަހަރަށް ބަހާލައިގެން އަހަރަކަށް އެވްރެޖްކޮށް 34 މިލިއަން ރުފިޔާ މަޝްރޫޢު ކުރިޔަށްދާ މިންވަރުގެ މައްޗަށް ބިނާކޮށް ދެއްކުމަށްކަމަށްވުމުން އަންނަ އަހަރު އޮޑިޓް ޖެނެރަލް އޮފީހުގެ ބަޖެޓްގައި ޕީއެސްއައިޕީ ބަޖެޓްގެ ގޮތުގައި 34 މިލިއަން ހިމެނުމަށް ފިނޭންސް މިނިސްޓްރީއަށް ފެންނާތީކަމަށެވެ.



More from vNews