އިންޑިއާގެ "ޔުނިފައިޑް ޕޭމަންޓް އިންޓަރފޭސް" ރާއްޖެއަށް ތަޢާރުފުކުރަން ނިންމައިފި

Mon, 21 Oct 2024 08:54 PM

View on this article on vNews

އިންޑިއާގެ "ޔުނިފައިޑް ޕޭމަންޓް އިންޓަރފޭސް" ރާއްޖެއަށް ތަޢާރުފުކުރަން ނިންމައިފި

އިންޑިއާގެ "ޔުނިފައިޑް ޕޭމަންޓް އިންޓަރފޭސް" (ޔޫ.ޕީ.އައި) ރާއްޖެއަށް ތަޢާރުފުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރިއަށްގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.



ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުގައެވެ.

އެގޮތުން ޔުނިފައިޑް ޕޭމަންޓް އިންޓަރފޭސް" (ޔޫ.ޕީ.އައި) ތަޢާރަފުކުރުމަށްޓަކައި، ކޮންސޯޓިއަމްއެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އަދި މި ކޮންސޯޓިއަމްގައި، ރާއްޖޭގެ ބޭންކުތަކާއި، ޓެލެކޮމް ކުންފުނިތަކާއި، ސަރުކާރުގެ ކުންފުނިތައް އަދި ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ފިންޓެކް ކުންފުނިތައް ހިމެނުމަށް އެމަނިކުފާނު ވަނީ ކަނޑައަޅުއްވާފައެވެ. އަދި މި ކޮންސޯޓިއަމް ލީޑް ކުރާނެ އޭޖެންސީއަކަށް އެމަނިކުފާނު ހަމަޖެއްސެވީ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑެވެ.

މީގެ އިތުރުން ޔޫ.ޕީ.އައި ގާއިމުކުރުމުގެ މަސައްކަތް ވިލަރެސްކުރުމަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ލީޑް ކުރާގޮތަށް، މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ހިމެނޭ އިންޓަރ އޭޖެންސީ ކޯޑިނޭޝަން ޓީމެއް އެކުލަވައިލުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

2030 ވަނަ އަހަރު އަންނަން ވާއިރަށް، ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 އިންސައްތަ ހިއްސާކުރާނީ ޑިޖިޓަލް އިޤްތިޞާދުންކަމުގައި ހެއްދެވުމަށްޓަކައި، ޑިޖިޓަލް ދާއިރާ ކުރިއެރުވުމުގެ ގޮތުން މުހިންމު މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނައިރު، ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ވެސް ވަނީ މިފަހުން އިފްތިތާހުކޮށްފައެވެ.

ރުޕޭ ކާޑު ތަޢާރަފުކުރުމާއެކު ބީއެމްއެލްގެ އޭޓީއެމްތަކާއި ޕީއޯއެސް މެޝިން އަދި އެހެނިހެން ޑިޖިޓަލް ޗެނަލްތަކުގައިވެސް ރުޕޭ ކާޑު ބޭނުންކުރެވޭނެއެވެ. ރުޕޭއަކީ އިންޑިއާގައި ވަރަށް ބޮޑަށް މަގްބޫލުކަން ހޯދާފައިވާ ޑެބިޓް އަދި ކްރެޑިޓް ކާޑު ޕޭމަންޓް ނެޓްވޯކެކެވެ.

ރައީސް މިފަހުން އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ރާއްޖެއާއި އިންޑިއާއާ ދެމެދު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ދެއްވި ސްޓޭޓްމަންޓްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ، ރާއްޖޭގައި އިންޑިއާގެ އިންސްޓެންޓު ސިސްޓަމް، ޔުނިފައިޑް ޕޭމަންޓު އިންޓަފޭސް (ޔޫޕީއައި)ގެ ޚިދުމަތް ފަށަން ތައްޔާރުވެފައިވާކަން ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި ޔޫޕީއައިގެ ޚިދުމަތް ފެށުމަށް ނިންމާފައިވާއިރު މި ކަމަުގެ އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ އޯގަސްޓްމަހު އެވެ.



More from vNews