ޑަބްލިއުޓީއޭގައި ރާއްޖެއަށް ވޯޓުލުމަށް އެންމެ ދެ ދުވަސް

Fri, 18 Oct 2024 11:22 AM

View on this article on vNews

ޑަބްލިއުޓީއޭގައި ރާއްޖެއަށް ވޯޓުލުމަށް އެންމެ ދެ ދުވަސް

2024 ވަނަ އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިޔުޓީއޭ) ގައި ދިވެހިރާއްޖެއަށް ވޯޓު ދިނުމަށް ދެން އޮތީ އެންމެ ދެދުވަހެވެ. މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންއިން އަންނަނީ، ފަތުރުވެރިންނާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ ޕްރޮފެޝަނަލުންނާއި، ދިވެހި އަދި ބޭރުގެ ކޮމިއުނިޓީތަކުން ރާއްޖެއަށް ވޯޓު ހޯދުމުގެ މަސައްކަތްކުރަމުންނެވެ.



ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން 2024ގެ ލަގަބާއެކު ޑަބްލިއުޓީއޭގެ މަޝްހޫރު ހަ އެވޯޑަކަށް ދިވެހިރާއްޖެ ވަނީ ނޮމިނޭޓްވެފައެވެ. ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެއަށް ލިބިފައިވާ ނޮމިނޭޝަންތަކުގެ އިތުރުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންވެސް ވަނީ ޖެހިޖެހިގިން ތިންވަނަ ފަހަރަށް ދުނިޔޭގެ ލީޑިންގ ޓޫރިސްޓް ބޯޑު 2024 ގެ މަގާމަށް ނޮމިނޭޓްވެފައެވެ.

20 އޮކްޓޯބަރުގެ ނިޔަލަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ރާއްޖެއަށް މި ޝަރަފުވެރި މަގާމުތައް ހޯދައިދިނުމުގައި ދިވެހިންގެ ތާއީދުން ބޮޑު ތަފާތެއް ގެނެސްދެވިދާނެކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ. ވޯޓު ދީގެން ދިވެހިރާއްޖޭގެ ކާމިޔާބީތައް ފާހަގަކޮށް، ފަތުރުވެރިކަމުގެ ދާއިރާގައި މުޅި ދުނިޔެއިންވެސް އެންމެ ފާހަގަކޮށްލެވޭ މަންޒިލްގެ ގޮތުގައި ދިވެހިރާއްޖެ މަގާމު ދެމެހެއްޓުމަށް ހުރިހާ ދިވެހިންގެ ވޯޓުވެސް ވަރަށް މުހިންމުކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ރާއްޖޭން ނޮމިނޭޓްވެފައިވާ އެވޯޑްތައް:

  • ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން 2024
  • ވޯލްޑްސް ލީޑިންގ ގްރީން ޑެސްޓިނޭޝަން 2024
  • ވޯލްޑް ލީޑިންގ ޑައިވް ޑެސްޓިނޭޝަން 2024
  • ވޯލްޑްސް ލީޑިންގ ހަނީމޫން ޑެސްޓިނޭޝަން 2024
  • ވޯލްޑްސް ލީޑިންގ ބީޗް ޑެސްޓިނޭޝަން 2024
  • ވޯލްޑްސް ލީޑިންގ ޓޫރިސްޓް ބޯޑް 2024 – މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

1993 ވަނަ އަހަރު އުފެދުނު ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ދަތުރުފަތުރާއި، ފަތުރުވެރިކަމުގެ ރޮނގުން އެންމެ އިޙްތިރާމް ލިބިފައިވާ އެންމެ މަޤުބޫލު އެއް އެވޯޑުގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި އަދި ދަތުރުފަތުރުގެ ސިނާޢަތުގެ އެންމެ ފާހަގަކޮށްލެވޭ އެންޑޯސްމަންޓް ރަމްޒުކޮށްދޭ މި އެވޯޑްތަކުގެ މަޤްޞަދަކީ ދުނިޔޭގެ ފެންވަރުގައި ދަތުރުފަތުރާއި، ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ދާއިރާއަކުން ހޯދާ ކާމިޔާބީތައް ފާހަގަކޮށް އެވޯޑް ދިނުމެވެ.

އެމްއެމްޕީއާރުސީން ބުނީ، ދަތުރުފަތުރުގެ ސިނާޢަތުން ލިބޭ މިފަދަ އެވޯޑްތައް ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެއަށް މުހިއްމު ކަމަށެވެ. އަދި އެއީ އެހެން މަންޒިލްތަކާއި ތަފާތު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޤާއިމުވެފައި އޮތްކަން ހާމަކޮށްދޭ ކަމެއްކަމަށެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަކީ “މޯލްޑިވްސް” ބްރޭންޑާއި “މޯލްޑިވްސް... ދަ ސަނީ ސައިޑް އޮފް ލައިފް” ޝިއާރުގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް ކަނޑައަޅާފައިވާ ދައުލަތުގެ ކުންފުންޏެކެވެ. އެމްއެމްޕީއާރުސީއިން އިންޓަގްރޭޓެޑް 360 ޑިގްރީ މާކެޓިން އެޕްރޯޗަކާއެކު ދުނިޔޭގެ މާކެޓްތަކުގައި ރާއްޖެ މާކެޓްކުރާއިރު، ދުނިޔޭގެ މުހިންމު 15 މާކެޓެއްގައި ޕީއާރު އަދި ޓްރޭޑް ރެޕްރެޒެންޓޭޝަން އައްޔަންކޮށްފައިވެއެވެ. އަދި އެމްއެމްޕީއާރުސީގެ ބެލުމުގެ ދަށުން ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ މައިދާނުގައި ރާއްޖެއަށް ވަނީ ޝަރަފުވެރިކަމާއި ތައުރީފުތަކާއި އެވޯޑްތައް ލިބިފައެވެ.



More from vNews