ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ހާއްސަ އިންޝުއަރެންސް ސްކީމެއް

Fri, 18 Oct 2024 11:53 AM

View on this article on vNews

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ހާއްސަ އިންޝުއަރެންސް ސްކީމެއް

އެކި ކުޅިވަރުތަކުގެ ގައުމީ ޓީމްތަކުގެ ކުޅުންތެރިންނަށް ލިބޭ އަނިޔާތަކަށް ފަރުވާކުރުން ފަސޭހަކޮށްދިނުމަށް، ގައުމީ ޓީމްތަކުގެ ކުޅުންތެރިންނަށް ހާއްސަ އިންޝުއަރެންސް ސްކީމެއް ތައާރަފްކުރުމަށް ސަރުކާރުން ނިންމައިފިއެވެ.



ރާއްޖޭގައި ކުޅިވަރުތައް ކުރިއަރުވައި އެތުލީޓުންގެ އަގުވަޒަންކުރުމަށްދޭ ސްޕޯޓްސް އެވޯޑު ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓާ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު ވިދާޅުވީ، ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅުންތެރިންނަށް ފުރުސަތުތައް ހޯދައިދީ ކުރިއަށް ދިއުމަށް ހިތްވަރު ދިނުމަކީ މި ސަރުކާރުން މުހިންމު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އެގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިން ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ކުޅިވަރުގެ ތެރެއިން ލިބޭ އަނިޔާތަކަށް ފަރުވާ ހޯދުމަށް ހުރި ދަތިތައް ފިލުވައިދިނުމަށް، އެފަރާތްތަކަށް ހާއްސަ އިންޝުއަރެންސް ސްކީމެއް ތައާރަފްކުރުމަށް ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުޅުންތެރިންނަށް ލިބޭ އަނިޔާތަކަށް ފަރުވާ ހޯދުމަށް ހުރި ދަތިތައް ފިލުވައިދިނުމުގެ ގޮތުން ގައުމީ ޓީމްތަކުގެ ކުޅުންތެރިންނަށް ހާއްސަ އިންޝުއަރެންސް ސްކީމެއް ތައާރަފްކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައި. މި އިންޝުއަރެންސް ސްކީމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް މިހާރު ވާނީ އަޅުގަނޑުމެން ފޮނުވާފައި"
ސްޕޯޓްސް މިނިސްޓަރު ރާފިއު

މިނިސްޓަރު ވިދާޅުވީ މި އިންޝުއަރެންސް ސްކީމް ތައާރަފްކުރުމަށް ބޭނުންވާ ފައިސާ އަންނަ އަހަރަށް ސަރުކާރުން ކަނޑައަޅާ ބަޖެޓުގައި ހިމެނުމަށް ފޮނުވާފައިވާނެ ކަމަށެވެ.

މުބާރާތްތަކުގެ ތެރެއިން ކުޅުންތެރިންނަށް ލިބޭ އަނިޔާތަކަށް އަވަސް ފަރުވާ ދެވޭނެ ނިޒާމެއް މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ތައާރަފްކުރެވިފައިވާކަން މިނިސްޓަރު ރާފިއު ފާހަގަކުރެއްވިއެވެ. އެގޮތުން ގައުމީ އަދި ބައިނަލްއަގުވާމީ ކުޅިވަރު ސްޓޭޑިއަމްތަކުގައި ހުރުން ލާޒިމް ސިއްހީ ފަރުވާގެ ވަސީލަތްތައް ތައާރަފްކުރެވި، އެތަންތަނުގެ ހިދުމަތްތައް މިހާރު ކުޅުންތެރިންނާއި އެސޯސިއޭޝަންތަކަށް ފޯރުކޮށްދެމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ ކުޅިވަރު ކުޅުންތެރިންނާއި އަދި އެކި ގޮތްގޮތުން ކުޅިވަރުގެ ދާއިރާއަށް ހިދުމަތްކޮށްދެއްވި ބޭފުޅުންގެ އަގު ވަޒަންކޮށް އެވޯޑު ދީފައެވެ. މި ހަފްލާގެ އެންމެ ޝަރަފްވެރި އެވޯޑުކަމަށްވާ އެންމެ މޮޅު އަންހެން އަދި ފިރިހެން އެތުލީޓުގެ އެވޯޑު އަދި ކުޅިވަރުގެ ރޮނގުން ލައިފްޓައިމް އެވޯޑު ހާސިލްކުރެއްވި ދެބޭފުޅަކަށް ވެސް ވަނީ އެވޯޑު ދީފައެވެ.



More from vNews