ޖުވާކުޅުމަކީ މީސްތަކުންގެ މުދާ ހަރާމް ގޮތުގައި ކެއުން: ހުތުބާ

Fri, 18 Oct 2024 01:10 PM

View on this article on vNews

ޖުވާކުޅުމަކީ މީސްތަކުންގެ މުދާ ހަރާމް ގޮތުގައި ކެއުން: ހުތުބާ

ޖުވާކުޅުމަކީ މީސްތަކުންގެ މުދާ ހަރާމް ގޮތުގައި ކެއުންކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.



މިއަދު އިއްވި ހުތުބާ ހާއްސަކޮށްފައިވަނީ "ޖުވާކުޅުމަކީ ޙަރާމް ކަމެއް" މި މައުޟޫއުއަށެވެ.

ހުތުބާގައި ބުނެފައިވަނީ، اللهُ سُبُحَانَهُ وَتَعَالَى އެކަލާނގެ މާތް ފޮތުގައި ވަނީ ޖުވާގެ ހުރިހައި ބާވަތްތަކެއް ޙަރާމްކުރައްވައިފައިކަމަށާއި، އެކަލާނގެ ބަޔާންކުރައްވައިފައިވާ ގޮތުގައި އެއީ ޝައިޠާނާގެ ހަޑި ހުތުރު ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަންކަންކަމަށެވެ.

ޖުވާކުޅުމަކީ މާތް ﷲ ޙަރާމްކުރައްވައިފައިވާ ބޮޑެތި މުންކަރާތްތަކަށް އަރައިގަތުމަށް ހިތްވަރުދޭ ކަމެކެވެ. އެ ކަމުގެ ސަބަބުން ދަރަނިވެރިވުމާއި، ރިޝްވަތުނެގުމާއި، ދޮގުހެދުމާއި، ވައްކަންކުރުމާއި، މަސްތުވާތަކެތީގެ އަޅަކަށްވުން ހިމެނޭކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ، ޖުވާ ކުޅުމުގެ ސަބަބުން ތިމާގެ ލޮބުވެތި ޢާއިލާ ޚަރާބުވެ ގެދޮރު ގެއްލި އަނބިދަރީން ނިކަމެތިވާކަމަށެވެ. އަދި ނަފްސާނީ މައްސަލަތައް ކުރިމަތިވެ، އަމިއްލަ ފުރާނަ ވެސް ދުއްވައިލާކަމަށެވެ.

މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "އޭ إيمانވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރާން ހަދާފައި ހުންނަ ބުދުތަކާއި نصيب ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، شيطانއާގެ عملތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نَصِيْبُ ލިބުމަށްޓަކައެވެ. شَيْطَان އާ އެދޭކަން ކަށަވަރީ، ރާއާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި عَدَاوَة ތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި ﷲ ހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ، ތިޔަބައިމީހުން ތިޔަ ތިބީ އެ ކަންތައްތައް ހުއްޓާލަންހެއްޔެވެ؟ (އެބަހީ: ހުއްޓާލާށެވެ!)"
ހުތުބާ

ޖުވާއަކީ ދެމީހަކު ނުވަތަ އެއަށް ވުރެ ގިނަ ބަޔަކު ފައިސާ ބަހައްޓައިގެން ކުޅޭ ކުޅިވަރެވެ. މި ކުޅިވަރުގައި ބެހެއްޓި ފައިސާ މޮޅުވާ ފަރާތަށް ދޭން ޝަރުޠުކުރެއެވެ. ހުތުބާގައި ބުނީ، އެއީ މީސްތަކުންގެ މުދާ ޙަރާމް ގޮތުގައި ކެއުންކަމަށެވެ. އެއީ މާތް ﷲ އާއި އެކަލާނގެ ރަސޫލާ ޙަރާމްކުރައްވައިފައިވާ ކަމެއްކަމަށެވެ.

ކީރިތި ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّ رِجَالًا يَتَخَوَّضُوْنَ فِيْ مَالِ اللَّهِ بِغَيْرِ حَقٍّ، فَلَهُمُ النَّارُ يَوْمَ الْقِيَامَةِ)މާނައީ: " ހަމަކަށަވަރުން ﷲގެ މުދައު ޙައްޤު ނޫން ގޮތުގައި ބަޔަކު މީހުން ބޭނުން ކުރެއެވެ. ފަހެ ޤިޔާމަތް ދުވަހުން އެބައިމީހުންނަށް ނަރަކަ ހުށްޓެވެ." ކީރިތި ރަސޫލާޙަދީޘްކުރައްވައިފައި ވެއެވެ. (وَمَنْ قَالَ لِصَاحِبِهِ: تَعَالَ أُقَامِرْكَ، فَلْيَتَصَدَّقْ)[3] މާނައީ: "އަދި އޭނާގެ އެކުވެރިޔާއަށް ޖުވާކުޅެން އަންނާށޭ ބުނިމީހާ، ފަހެ އެ ފާފަ ފުއްސަވައިދެއްވައިތޯ އޭނާ ޞަދަޤާތްކުރާހުށި ކަމެވެ." ވީމާ ޖުވާކުޅޭ މީހާގެ ޙާލާ މެދު ވިސްނައިލުން ހުށްޓެވެ!
ހުތުބާ

މީސްތަކުންގެ މުދާތަކަށް ނުޙައްޤުން އަރައިގަތުމަށާއި ބާޠިލު ގޮތުގައި އެތަކެތި ކެއުމަށް ޓަކައި މިއަދު ވަނީ ތަފާތު ވައްތަރުތަކާއި އާ ގޮތްތައް ހޯދައިފައިކަން ފާހަގަކޮށް ހުތުބާގައި ބުނީ، ޙައްޤަކާ ނުލައި މީހުންގެ ފައިސާ ކެއުމަށް ޓަކައި މާއްދިއްޔަތުގެ އަޅުން ވަނީ ތަފާތު ބާވަތްބާވަތުގެ އުކުޅުތައް ބޭނުންކުރާން ފަށައިފައިކަމަށެވެ.

ﷲ ޖުވާ ޙަރާމްކުރެއްވީ އެއިން ފަރުދުންނަށާއި މުޖުތަމަޢަށް ލިބޭ ގެއްލުމާއި އެ ކަމުގައި ހިމެނޭ ފަސާދައިގެ ބޮޑު ކަމުންކަމަށް ހުތުބާގައި ބުނެފައިވެއެވެ. އޭގެ ތެރޭގައި ޖުވާކުޅޭ ދޭދޭ މީހުންގެ މެދުގައި ހިނގާ އަރައިރުންތަކާއި މާރާމާރީތައް ފާހަގަކުރެވޭކަމަށާއި، ޖުވާގެ އަވައިގައި ޖެހި ﷲ ހަނދުމަކުރުން މަތިން ހަނދާންނެތި ނަމާދު އަޅައި ޙައްޤުތަކާއި ވާޖިބުތައް ދޫކޮށްލާކަމަށެވެ.

ޖުވާ ކުޅުމުގެ ސަބަބުން އަތްމަތި ދަތިވެ މީހާ ބަނގުރޫޓުވެ ދަރަނިވެރިވެއެވެ. މީގެ އިތުރަށް ޖުވާކުޅުމަކީ ކަންނެތްކަމަށް ގޮވައިލާ ކަމެކެވެ. އެހެނީ ޖުވާކުޅޭ މީހުން އެ ކަން ކުރަނީ ފަސޭހައިން އަވަހަށް މުއްސަނދިވުމުގެ ބޭނުމުގައެވެ. ނަމަވެސް ހެޔޮ ގޮތަކީ ޙަލާލު މަސައްކަތުން ފައިސާ ހޯދައި ލިބޭ މިންވަރުން ފުއްދައިގެން އުޅުންކަން ހުތުބާގައި ފާހަގަކޮށްފައި ވެއެވެ.

ޖުވާ ކުޅުމުގެ ބާވަތްތަކުގެ ތެރޭގައި ބާޖުމެރުން ނުވަތަ ބެޓުކުރުން ހިމެނެއެވެ. އެކިއެކި މުބާރާތްތަކާއި ރޭސްތައް ބާއްވާ އިރު މިވެނި ޓީމެއް ނުވަތަ މިވެނި ފަރާތެއް މޮޅުވާނެކަމަށް ބުނެ، އެ ޓީމެއް ނުވަތަ އެ ފަރާތެއް ދެރަވެއްޖެ ނަމަ އޭނާ ބާޖުމެރުމަށް ނުވަތަ ހަރާދުކިޔުމަށް ބެހެއްޓި ފައިސާކޮޅު ގެއްލޭނެކަން ހުތުބާގައި ފާހަގަކޮށްފައި ވެއެވެ.

މިއަދު ބައެއް ޤައުމުތަކުގައި ޖުވާ ވަނީ ވަރަށް ތަފާތު ސިފަސިފައިގައި ފެތުރިފައެވެ. ލޮޓަރީއާއި ޖެކްޕޮޓްފަދަ ޖުވާގެ ޒަމާނީ ބާވަތްތަކެވެ. މި ކަމަށް ޓަކައި ޚާއްޞަ ނާދީތަކާއި މަރުކަޒުތައް ވަނީ ޤާއިމުކޮށްފައެވެ. މި ތަންތަނަށް މުއްސަނދީންނާއި ފަޤީރުން ވަދެ އެ ޙަރަކާތްތަކުގައި ބައިވެރިވެއެވެ. މިފަދަ މުންކަރާތްތަކުގައި ބައިވެރިވުމަށް ދަތުރުހަދައިގެން ވެސް ދެއެވެ. ޖުވާގެ ނަން ބޭނުންނުކޮށް ރީތި ނަންނަމުގައި އިބިލީހުގެ މި އަނދަވަޅުތައް ކޮންނަމުންދަނީ މުސްލިމުންގެ ދީނީ ޝިޢާރުތަކާ ދުރުހެލިކޮށް ޝައިޠާނާގެ އެކުވެރީންނަށް ހެދުމަށް ޓަކައިކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

މިހާރަކަށް އައިސް ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޖުވާކުޅުން ދަނީ ޢާންމުވަމުންނެވެ. އޭގެ ތެރޭގައި ޖުވާކުޅޭ ވެބްސައިޓުތަކާއި، ގޭމުތަކާއި، އެޕުތައް ހިމެނެއެވެ. މިވަބާގެ ޝިކާރައަކަށް ހަރުމީހުންނާއި ޒުވާނުންނާއި ކިޔަވާކުދިން ވެގެން ދާކަމީ ނުހަނު ހިތާމަހުރިކަމެކެވެ. މި ކަންކަމުން ދަރީން ސަލާމަތްކުރުމަށް ޓަކައި ބެލެނިވެރީން ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ.



More from vNews