ވިލިމާލޭ 100 އެނދުގެ ހޮސްޕިޓަލްގެ ފީސިބިލިޓީ ސްޓަޑީ ނިމި ޓެންޑަރިން މަރުހަލާގައި

Fri, 18 Oct 2024 10:47 AM

View on this article on vNews

ވިލިމާލޭ 100 އެނދުގެ ހޮސްޕިޓަލްގެ ފީސިބިލިޓީ ސްޓަޑީ ނިމި ޓެންޑަރިން މަރުހަލާގައި

ވިލިމާލޭގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ 100 އެނދުގެ ޓާރޝަރީ ހޮސްޕިޓަލްގެ ފީސިބިލިޓީ ސްޓަޑީ ނިމި ޓެންޑަރިން މަރުހަލާ ކުރިއަށް ގެންދިއުމުގެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން، ޗައިނާ ސަރުކާާރާއެކު ސޮއިކޮށްފިއެވެ.



ފީސިބިލިޓީ ފައިންޑިންގްސްގެ މެމޮރެންޑަމްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ، ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރު ވަންގ ލީޒިންގއެވެ.

މި ރަސްމިއްޔާތުގައި އައި.ޖީ.އެމް.އެޗްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގު ހަލީމްގެ އިތުރުން މިނިސްޓްރީގެ އިސް ބޭފުޅުންނާއި، ޗައިނާ އެމްބަސީގެ އިސްވެރިންނާއި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަޝްރޫއުޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، މި އަހަރުގެ ޖެނުއަރީ މަހު ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ގައުމުން ހަމަޖައްސައިދިން ހިލޭ އެހީ އެކެވެ. މި މަޝްރޫއުއަކީ ވިލިމާލޭގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތްތައް ރަނގަޅު ފެންވަރަކަށް ފޯރުކޮއްދެއްވުމަށްޓަކައި އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ބުނެއެވެ.

މިހޮސްޕިޓަލުގެ ސަބަބުން ވިލިމާލޭ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކަށް ފަސޭހައިން ވާސިލުވެވި، އެތައް ހާސް ރައްޔިތުންނެއްގެ ދަތި ދިގު ތަކުލީފަކަށް ނިމުމެއް އަންނާނެކަމަށް އުއްމީދުކުރެވޭކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެއެވެ.

މި މަޝްރޫޢު ނިމުމާއެކު ވިލިމާލޭގެ ޞިއްޙީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ސަރުކާރުން އުއްމީދުކުރެއެވެ. ސަރުކާރުން އުއްމީދު ކުރަނީ މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު މި މަޝްރޫއު ފަށައި ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލުމަށެވެ.

ވިލިމާލޭގައި މިހާރު ބޭނުންކުރާ ހޮސްޕިޓަލުގައި ބޭނުންކުރަނީ އެމަޖެންސީ ފަސް އެނދެވެ. އަދި ބަލި މީހުން ބަލާ ތިން ކޮޓަރި ހުރި އިރު ގިނަ ފަހަރު ޑޮކްޓަރަށް ދެއްކުމަށް އަންނަނީ މާލެއަށެވެ.

ވިލިމާލޭގައި މިހާރު 15،000 އެއްހާ މީހުންގެ އާބާދީއެއް އޮތް އިރު، ކުރިއަށް އޮތްތަނުގައި ގުޅީފަޅު އާބާދުވުމާއެކު މި އާބާދީ އިތުރުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

އެހެންކަމުން ސަރުކާރުގެ އަމާޒަކީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި އާބާދުވާ ސަރަހައްދުތަކުގައި އުޅޭ ރައްޔިތުންނަށް ކައިރިން ލުއިފަސޭހަ ޚިދުމަތްތަކެއް ލިބިގެން ދިއުމެވެ.



More from vNews