ޝަރަފުގެ ބެޖު ވެއްޓުނަ ނުދެއްވި، ރައީސްގެ ހުށިޔާރުކަމަށް އެތައް ބައެއްގެ ތައުރީފް

Sat, 27 Jul 2024 12:21 PM

View on this article on vNews

ޝަރަފުގެ ބެޖު ވެއްޓުނަ ނުދެއްވި، ރައީސްގެ ހުށިޔާރުކަމަށް އެތައް ބައެއްގެ ތައުރީފް

ރޭ ބޭއްވި މިނިވަން ދުވަހުގެ ޖަލްސާގައި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިނާމާއި ޝަރަފުގެ ބެޖު ހަވާލުކުރެއްވުމުގެ ތެރޭގައި، އެ ބެޖު ވެއްޓުނަ ނުދެއްވާ ދެއްކެވި ހުށިޔާރުކަމަށް އެތައް ބަޔަކު އެމަނިކުފާނަށް ތައުރީފުކޮށްފިއެވެ.



މި ވީޑިއޯއިން ފެންނަނީ ކ. ތުލުސްދޫ، ރޯޒީ، ޚާލިދު ގާސިމާ ބެޖު ހަވާލުކުރައްވަނިކޮށް، ޚާލިދުގެ އަތުން ބެޖު ދޫވާ މަންޒަރެވެ. ނަމަވެސް، ރައީސް އެ ބެޖު ވެއްޓުނަނުދީ، ހުޝިޔާރުކަމާއެކު ހިފަހައްޓަވައެވެ.

އެ ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކޮށް މީހުން ވަނީ ރައީސްގެ އަވަސް ހަރަކާތްޕުޅަށް ތައުރީފުކޮށް، ޝުކުރު ވެސް އަދާކޮށްފައެވެ. އަދި ބައެއް މީހުން ވަނީ، ޝަރަފުގެ ބެޖު ރައްކާތެރި ކުރެއްވި ގޮތަށް، އެ މަނިކުފާނު ގައުމު ރައްކާތެރިކޮށްދެއްވާނެ ކަމުގެ އިތުބާރު އޮތް ކަމަށް ވެސް ބުނެފައެވެ.

ގިނަ ބަޔަކު އަންނަނީ ބެޖު ވެއްޓެން ދިޔަ ވަގުތުކޮޅުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކޮށް ރައީސަށް ތައުރީފު ކުރަމުންނެވެ.

އެ ވީޑިއޯ ހިއްސާކުރައްވަމުން ދިވެހިބަހުގެ އެކެޑެމީގެ ކުރީގެ ރައީސް އަޝްރަފް އަލީ ފޭސްބުގައި ލިޔުއްވީ، ރައީސް ވަރަށް ވެސް ހުޝިޔާރު ކަމަށާއި އެ މަންޒަރަކީ ވަރަށް މާނަ ފުން "އެތައް ހާސް މެސެޖަކާއި ވާހަކައެއް ކިޔައިދޭ މަންޒަރެއް" ކަމަށެވެ.

ވެރިކަމުގެ ހުވާކުރެއްވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ، އެމަނިކުފާނަކީ މި ލޮބުވެތި ގައުމާއި، ގައުމިއްޔަތާ ގުޅުންހުރި އެންމެހާ ކަމެއް ރައްކާތެރިކޮށް، ހިމާޔަތްކުރައްވާ، ލޯބިކުރައްވާ ބޭފުޅެއްކަން ބަހާއި އަމަލުން ސާބިތުކޮށްދެއްވަމުންނެވެ.

ގައުމީ ދިދައާ މުހާތަބުކޮށް ދެއްކެވި އަސަރުގަދަ ވާހަކަފުޅުން ފެށިގެން، މި ގައުމު ވެއްްޓިފައިވާ އިގްތިސާދީ އަނދަވަޅުން ސަލާމަތްކުރުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ހިކުމަތްތެރި މުހިންމު މަސައްކަތްތައް އެކަމުގެ ހެއްކަކަށް ފުދެއެވެ. ސިޔާސީ ގޮތުން މި ސަރުކާރާ އިދިކޮޅު ބައެއް ފަރާތްތަކުން ރައީސް ޑރ. މުޙައްމަދު މުއިއްޒު، ގައުމު ދެކެ ވެވަޑައިގަންނަވާ ލޯތްބަށް ފުރައްސާރަކޮށް މަލާމަތްކުރި ނަމަވެސް، އެމަނިކުފާނު ސާބިތުކޮށްދެއްވަމުން ގެންދަވަނީ، ގައުމާއި ރައްޔިތުންގެ ހައްގުގައި ކިތަންމެ ހިތި ބޭހެއް ޚިޔާރު ކުރަން ޖެހުނު ނަމަވެސް، އޭގެ އާހިރު ނަތީޖާ އުފާވެރި ނަމަ، އެ ހިތި ބޭހެއް އިހްތިޔާރުކުރައްވާނެ ކަމެވެ.

ގައުމުގެ މިނިވަންކަމާއި އިސްތިގްލާލު ދެމެހެއްޓުމަށްޓަކައި އަސްކަރީ އަދި އިގްތިސާދީ ގޮތުން ބޮޑެތި ބާރުތަކާ ދެކޮޅަށް ތެދުވާން ޖެހުނަސް، އެކަން ވެސް ކުރައްވާނެކަން، ރާއްޖޭގައި ގާއިމްވެތިބި އިންޑިއާ ސިފައިން މި ގައުމުން ފޮނުވާލި ފޮނުވާލުމުން ވެސް ހާމަވެއެވެ. ފާއިތުވީ ސަރުކާރުތަކަށް ހައްލު ނުކުރެވި އޮތް، ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރައީސްގެ އިރުޝާދާއެކު ކަމާ ގުޅުންހުރި މުއައްސަސާތަކާއި ވުޒާރާތަކުން ކުރަމުން އަންނަ ކާމިޔާބު މަސައްކަތް ވެސް އެކަމުގެ ހެއްކަކަށް ފުދެއެވެ.



More from vNews