ޣައްޒާ ސިޓީ ދޫކޮށްދިޔުމަށް އިސްރާއީލު އަސްކަރިއްޔާއިން އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އަންގައިފި

Wed, 10 Jul 2024 05:13 PM

View on this article on vNews

ޣައްޒާ ސިޓީ ދޫކޮށްދިޔުމަށް އިސްރާއީލު އަސްކަރިއްޔާއިން އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އަންގައިފި

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގެ ތެރެއިން ޣައްޒާ ސިޓީގައި ދިރިއުޅޭ ރައްޔިތުން އެސަރަހައްދު ދޫކޮށް ޣައްޒާގެ ދެކުނަށާއި މެދު ތެރެއަށް ބަދަލުވުމަށް އަންގައިފިއެވެ.



އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު 9 މަސްވެފައިވާއިރު އިސްރާއީލު އަސްކަރިއްޔާއިން ވަނީ ޣައްޒާ ސިޓީއަށް ލީފްލެޓްތައް އަޅާފައެވެ. ލީފްލެޓްތަކުގައި ބުނެފައިވަނީ ޣައްޒާ ސިޓީއަކީ ހުރިހާ އެންމެންނަށްވެސް ނުރައްކާތެރި ހިސާބެއްކަމަށާއި އެހެންކަމުން އެސަރަހައްދު ދޫކޮށް އެހެން ދެ ސަރަހައްދަކަށް ބަދަލުވުމަށް ވަނީ އެދިފައެވެ.

ދީރް އަލް ބަލާ އަދި އަލް ޒަވައިދާ އަށް ބަދަލުވާ މަގުތައް މިވަގުތަށް "ސޭފް ޒޯން"ގެ ގޮތުގައި އިސްރާއީލު އަސްކަރިއްޔާއިން ވަނީ އަންގާފައެވެ. ޣަައްޒާގައި ދިރިއުޅޭ ރައްޔިތުން އެކި ސަރަހައްދުތަކަށް ބަދަލުވުމަށް އިސްރާއީލު އަސްކަރިއްޔާއިން ވަނީ ފާއިތުވި ދުވަސްތަކުގައި އެތައް ފަހަރަކު އެދިފައެވެ.

އދން ވަނީ އިސްރާއީލު އަސްކަރިއްޔާއިން އެންމެ ފަހުން މިއެންގި އެންގުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިސްރާއީލު އަސްކަރިއްޔާއިން ގަބޫލުކުރާ ގޮތުގައި މިވަގުތު ހަމާސް އާއި ޕަލަސްތީނިއަން އިސްލާމިކް ޖިހާދުން އެންމެ ބޮޑަށް ހަރަކާތްތެރިވަމުން އަންނަނީ ޣައްޒާ ސިޓީގެ އެކި ހިސާބުތަކުގައެވެ. ބުދަ ދުވަހު އިސްރާއީލު އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަމާސް އާއި ޕަލަސްތީނިއަން އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރިންނާ ދެކޮޅަށް ވަނީ ޚާއްސަ އޮޕަރޭޝަނެއް ޣައްޒާ ސިޓީގައި ކުރިޔަށްގެންގޮސްފައެވެ. އެގޮތުން އދ ގެ ފަލަސްތީނިއަން ރެފިޔުޖީންނާ ބެހޭ މައި އޮފީހުގައި އޮޕަރޭޝަން ކުރިޔަށްގެންދިޔަކަމަށް އިސްރާއީލު އަސްކަރިއްޔާއިން ބުނެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލުއާންމުގައި ޣައްޒާގެ 38،000ށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިގެންގޮސްފައިވާއިރު މުޅި ޣައްޒާ އިސްރާއީލުން ވަނީ ސުންނާފަތިކޮށްލާފައެވެ. ޣައްޒާގައި ދިރިއުޅޭ ރައްޔިތުން ބުނާގޮތުގައި އެމީހުންނަށް ޣައްޒާގައި ސަލާމަތްތެރި އެއްވެސް ތަނެއްނެތެވެ. އެހެންކަމުން ސޭފް ޒޯންކަމުގައި އިސްރާއީލު އަސްކަރިއްޔާއިން ވަކި ސަރަހައްދުތަކެއް ބުނިކަމުގައިވިޔަސް ޣައްޒާގެ ރައްޔިތުން އަންނަނީ އެކަމާ ސުވާލު އުފައްދަމުންނެވެ.



More from vNews