ދިވެހި އަޑު، އަކުރަށް ބަދަލުކުރާ "ކާތިބު" އިފުތިތާހުކޮށްފި

Fri, 26 Apr 2024 10:35 AM

View on this article on vNews

ދިވެހި އަޑު، އަކުރަށް ބަދަލުކުރާ "ކާތިބު" އިފުތިތާހުކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިޔަށްގެންދާ ތަޙުޤީޤުތަކާ ގުޅުންހުރި ބަޔާންތަކާއި، ކޮމިޝަނުން ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް އަމިއްލައަށް ލިޔާ އެޕްލިކޭޝަން 'ކާތިބު' އިފްތިތާހުކޮށްފިއެވެ.



"ކާތިބު" އެޕްލިކޭޝަން އިފުތިތާހުކުރީ، 18 އޭޕްރީލް 2024 ވީ ބުރާސްފަތި ދުވަހުގައި މިކަމަށްޓަކައި އޭސީސީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އެޕްލިކޭޝަން އިފުތިތާހުކޮށްދެއްވީ، އޭސީސީގެ ރިޓަޔަރޑް ސުޕްރިންޓެންޑެންޓް އޮފް އިންވެސްޓިގޭޝަން ޢަބްދުލްޢަޒީޒު މޫސާއެވެ.

"ކާތިބު" އެޕްލިކޭޝަނަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތްތައް ޑިޖިޓަލައިޒުކޮށް އޮޓޮމޭޓުކުރުމަށް ކުރިޔަށް ގެންދާ މަޝްރޫޢުގެ ދަށުން ފުރިހަމަކުރެވުނު އެއް މަސައްކަތެވެ. މި އެޕްލިކޭޝަނަކީ އާޓިފިޝަލް އިންޓެލިޖެންސް ގެ އެހީގައި، ދިވެހިބަހުން ދައްކާ ވާހަކަ ވަގުތުން ލިޔުމާއި، ތަރުތީބުކޮށް ބެލެހެއްޓުމުގެ ޤާބިލުކަން ހޯދޭނެ އެޕްލިކޭޝަނެކެވެ.

މި އެޕްލިކޭޝަނުގެ ސަބަބުން، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުން ކޮމިޝަނުގެ މައްޗަށް އޮންނަ ބައްދަލުވުންތަކުގެ ޔައުމިއްޔާ އަކުރުންއަކުރަށް ލިޔުމުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމަށް، ކޮމިޝަނުގެ މުވައްޒަފުން ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑުތަކުން ކުޑަކުރެވިގެންދާނެއެވެ. އަދި، ތަޙުޤީޤުތަކުގެ ބޭނުމަށް ކޮމިޝަނުން ނަގާ ބަޔާންތައް ޓައިޕުކުރުމަށް ކޮމިޝަނުގެ އިންވެސްޓިގޭޓަރުން ހޭދަކުރާ ވަގުތުވެސް ބޮޑުތަކުން ކުޑަކުރެވޭނެއެވެ.

މި އެޕްލިކޭޝަން އުފެއްދި ދިވެހި ޑިވެލޮޕަރުންގެ ކުންފުނިން (އޮކްސިގާއިން) މަޢުލޫމާތުދޭ ގޮތުގައި "ސްޕީޗް ޓް ޓެކްސްޓް" ގެ އިތުރުން މި އެޕްލިކޭޝަނުން ޔައުމިއްޔާއާއި ބަޔާން ޚުލާޞާކުރުންފަދަ އިތުރު ފީޗަރތައް، މި އެޕްލިކޭޝަނަށް، ވަރަށް އަވަހަށް، އިތުރުކުރެވިގެން ދާނެއެވެ.



More from vNews