އެންމެ މަގުބޫލް މަންޒިލްގެ ޝަރަފާއެކު ރާއްޖެއަށް ހަތަރު އެވޯޑެއް

Mon, 06 May 2024 05:36 PM

View on this article on vNews

އެންމެ މަގުބޫލް މަންޒިލްގެ ޝަރަފާއެކު ރާއްޖެއަށް ހަތަރު އެވޯޑެއް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީން ރާއްޖެއަށް ހަތަރު ކެޓަގަރީއަކުން އެވޯޑް ލިބިއްޖެއެވެ.



ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަންސް ކެޓަގަރީގެ ބައިން އެވޯޑް ހާސިލުކުރި ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފައިވަނީ ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައެވެ.

މިއަހަރު އެވޯޑް ލިބުނު ހަތަރު ކެޓަގައީއަކީ، އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން، އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަންގެ އިތުރުން އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން އަދި އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަންއެވެ.

މި އެވޯޑްތަކާއި ހަވާލލުވެވަޑައިގެންފައިވަނީ، މިނިސްޓަރ އޮފް ޓޫރިޒަމް އިބްރާހީމް ފައިޞަލްގެ އިތުރުން އެމްއެމްޕީއާރްސީ ބޯޑުގެ ޗެއަރޕަރސަން، އައިޝާ ނޫރައިން ޖަނާހް އަދި އެމްއެމްޕީއާރްސީގެ ޗީފް އެގްޒެކްޓިވް އޮފިސަރ ފާޠިމަތު ތައުފީޤްގެ އިތުރުން ޓޫރިޒަމް ޑިވެލޮޕްމަންޓާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފައިވާ އެޑްވައިޒަރު މުހައްމަދު ޚަލީލް އެވެ.

މި އެވޯޑްތަކުގެ ސަބަބުން ފަތުރުވެރިކަމުގެ މަޤްބޫލު މަންޒިލެއްގެ ގޮތުގައި އެއްވެސް ބަދަލެއްނެތި ރާއްޖެ އޮތްކަން ހާމަކޮށްދިނުމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހަނދާން ނައްތާނުލެވޭނެ ފަދަ ތަޖުރިބާތައް ފޯރުކޮށްދިނުމާއި، އަދި، އެމްއެމްޕީއާރްސީ އިން މެދުކެނޑުމެއްނެތި ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމުގައި ކުރަމުންގެންދަވާ ބުރަ މަސައްކަތްތަކުގެ އަގުވަޒަންކުރުމަށް މަގުފަހިވެގެންދާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

1993 ވަނަ އަހަރު ތައާރްކުރި ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ފެންވަރުގައި ދަތުރުފަތުރުގެ ދާއިރާގައި އެންމެ މަޤްބޫލުކަން ހޯދައިފައިވާ އެވޯޑެކެވެ. ދުނިޔޭގެ ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ސިނާއަތުގައި އެންމެ ފާހަގަކޮށްލެވޭ ޝަރަފު ރަމްޒުކޮށްދޭ މި އެވޯޑްތަކުގެ މަޤްސަދަކީ ދުނިޔޭގެ ފެންވަރުގައި ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ހުރިހާ ދާއިރާއަކުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމެވެ.

2003 ވަނަ އަހަރު ވޯލްޑް ޓްރެވަލް އެވޯޑްސްގައި އިންޑިއަން އޯޝަން ކެޓަގަރީ ތައާރަފްކުރި ފަހުން ދިވެހިރާއްޖެއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވެއެވެ. މީގެ ކުރިން، ރާއްޖެއިން ލީޑިން ޑެސްޓިނޭޝަން 17 ފަހަރު، ލީޑިން ހަނީމޫން ޑެސްޓިނޭޝަން 6 ފަހަރު، އަދި ލީޑިން ޑައިވް ޑެސްޓިނޭޝަން ވަނީ 9 ފަހަރު ކާމިޔާބު ކޮށްފައިއެވެ.



More from vNews