ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ސަރުކާރުން ކުރަންޖެހޭ ކޮންމެކަމެއް ކުރާނެ: ހީނާ

Mon, 06 May 2024 07:23 PM

View on this article on vNews

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ސަރުކާރުން ކުރަންޖެހޭ ކޮންމެކަމެއް ކުރާނެ: ހީނާ

މި ސަރުކާރުން އަބަދުވެސް ތިބޭނީ ފަލަސްޠީނުގެ ރައްޔިތުންގެ ދިފާޢުގައިކަމަށާއި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ދިވެހި ސަރުކާރުން ކުރައްވަންޖެހޭ ކޮންމެ ކަމެއް މި ސަރުކާރުން ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.



ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި، ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި، ހީނާ ވަނީ، ދާދިފަހުން ރާއްޖޭގެ ފަރާތުން ބައިނަލްއަޤުވާމީ ޕްލެޓްފޯމްތަކުގައި ތަޤުރީރު ކުރެއްވި ދެ ވަޒީރުންގެ ވާހަކަފުޅުތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން އ.ދ. ގެ އާންމު މަޖިލީހުގެ 78 ވަނަ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދުގެ ވާހަކަފުޅުގައި އެންމެ ވޯޓަކުން ވީޓޯކުރުމުގެ ބާރު ލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ދެއްކެވި ވާހަކަފުޅާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އިން އިންތިޒާމްކޮށްގެން ގެމްބިޔާގެ ވެރިރަށް ބަންޖުލްގައި ކުރިއަށްގެންދިޔަ، އިސްލާމީ ޤައުމުތަކުގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓުގައި ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވާފައިވާކަން ފާހަގަކުރައްވާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ހިނާ ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ނުގެއްލޭ ގޮތަށް ކަންތައްތައް ބައްޓަން ކުރުމަކީ އަބަދުވެސް ސަރުކާރުގެ ސްޓޭންޑް ކަމަށެވެ. ފަލަސްތީނުގެ މިނިވަން ދައުލަތެއް އޮތުމަށް ރާއްޖޭން އަބަދު ވެސް ވަކާލާތު ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ޔަހޫދީ ފައުޖުން ފަލަސްތީނުގައި ފެށި އުދުވާނުގައި ޝަހީދުކޮށްލި ރައްޔިތުންގެ އަދަދު މިހާރު ވަނީ 34,654އަށް އަރާފައެވެ. އޭގެ ތެރޭގައި 25,000 އެއްހާ އަންހެނުންނާއި ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވޭކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ޒަހަމުކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 77,908އަށް އަރާފައެވެ.

ޣައްޒާގެ އާބާދީގައި ހިމެނޭ 1.5 މިލިޔަނެއްހާ ރައްޔިތުން މި ވަގުތު ތިބީ އެ ސަހަރުގެ އެންމެ ދެކުނުން އޮތް ރަފަޙުގައެވެ.



More from vNews