ދިވެހި މުޖުތަމައު އިން އަނެއްކާވެސް ދައްޖާލެއް، މައްސަލަ ބަލަނީ

Mon, 06 May 2024 08:02 PM

View on this article on vNews

ދިވެހި މުޖުތަމައު އިން އަނެއްކާވެސް ދައްޖާލެއް، މައްސަލަ ބަލަނީ

ތިމަންނާ މިއީ އެއްކައުވަންތަ ﷲ سبحانه وتعالى ކަމަށް ބުނެ، ފާޅުގައި ﷲ އަށް ތައުހީނުކުރަމުން ދިޔަ ދިވެއްސެއްގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.



މީސްމީޑިއާގައި "ޝައްފާން ޝަފީގް" ނަމަކަށް ޖަހާފައިވާ އެކައުންޓަކުން ވަނީ މިއަދު ގިނަ އަދަދެއްގެ ޕޯސްޓުތަކެއް މި މޭރުމުން ކޮށްފައެވެ. އެގޮތުން އޭނާ އަކީ ހެއްދެވި ފަރާތް ކަމަށާއި، ޝިރުކު ކުރުމަކީ ފުއްސެވުމެއް ނެތް ފާފައެއްކަމަށް މީހުން ބުނި ނަމަވެސް، އޭނާ އެ ކުށަށް މައާފު ދޭނެކަމަށް އެ އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.

މީގެއިތުރުން އެ އެކައުންޓުން ކުރި ޕޯސްޓެއްގައި، ފިރިހެނަކާއި އަންހެނަކު ފެންނަ ފޮޓޯއެއް ހިއްސާކޮށް، "މިއީ އީސާގެ ފާނާއި އެކަލޭގެފާނުގެ މަންމާފުޅު" ކަމަށް ވެސް ބުނެފައިވެއެވެ.

ފާޅުގައި ﷲ އަށް ތައުހީނުކޮށް ދީނަށް ފުރައްސާރަކުރަމުންދާތީ އެކަމުގެ ކަންބޮޑުވުން ހިއްސާކޮށް އާންމު ރައްޔިތަކު ވަނީ ފުލުހުންގެ ސަމާލުކަމަށް، ސޯޝަލް މީޑިއާ މެދުވެރިކޮށް މިކަން ގެނެސްފައެވެ.

އެ ޕޯސްޓު ރިޓުވީޓު ކުރައްވައި ފުލުހުންގެ ތަރުޖަމާނު، ޗީފް ސުޕްރިޓެންޑެންޓް އަހްމަދު ޝިފާން ވިދާޅުވީ، މި އެކައުންޓާއި އެކައުންޓުން ޝާއިއުކޮށްފައިވާ ޕޯސްޓުތަކުގެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ފުލުހުން ފަށާފައިވާ ކަމަށެވެ.

ރާއްޖޭގައި ދީނަށް ފުރައްސާރަކޮށް، ކުފުރުވާ މީހުންގެ މައްސަލަ މަދުން ނަމަވެސް ފެންމަތިވެއެވެ. އެފަދަ މައްސަލަތަކުގައި މީގެ ކުރިން ޖަލަށް ލާން ހުކުމްކޮށްފައި ވެސްވެއެވެ.

އެހެންނަމަވެސް، ފާއިތުވީ ފަސް އަހަރުގެ ތެރޭގައި، މިފަދަ މައްސަލަތަކުގައި ޝާމިލުވާ ފަރާތްތަކަށް، އެކަށީގެންވާ އަދަބު ނުލިބި މުޖުތަމައުގެ ތެރެއަށް ދޫވުމާއި، ރާއްޖެ ދޫކޮށް ފިލައިގެން ދިއުމުގެ މައްސަލަތަކެއް ފެންމަތިވެ، މިދިޔަ ސަރުކާރަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ.

"ޝައްފާން ޝަފީގް" ގެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށާފައިވާކަން ފުލުހުންގެ ތަރުޖަމާނު ހާމަކުރެއްވިއިރު، އިސްލާމްދީނަށް ތައުހީނުކޮށް، ފުރައްސާރަކުރާ މީހުންގެ މައްސަލަތައް ހާއްސަ ސަމާލުކަމެއް ދީގެން ބަލާނެކަމުގެ ޔަގީންކަން ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވަނީ ދެއްވާފައެވެ.



More from vNews