މިހާތަނަށް ފޮނުވާލެވުނީ އިންޑިއާގެ 51 ސިފައިން: ހީނާ

Mon, 06 May 2024 06:07 PM

View on this article on vNews

މިހާތަނަށް ފޮނުވާލެވުނީ އިންޑިއާގެ 51 ސިފައިން: ހީނާ

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ތެރެއިން މިހާތަނަށް ފޮނުވާލެވުނީ އިންޑިއާގެ 51 ސިފައިންކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.



ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ކުރިން ފޮނުވާލި ދެ ބެޗްގައި ހިމެނެނީ 51 ސިފައިން ކަމަށާއި ބާކީ ތިބި ސިފައިން ޝެޑިއުލާ އެއްގޮތަށް މި މަހުގެ 10 ގައި އެނބުރި ދާނެ ކަމަށެވެ.

އިންޑިއާ ސިފައިންގެ ދެ ބެޗު ފޮނުވާލަފައިވާކަމަށް ސަރުކާރުން މީގެކުރިން ބުނެފައިވެއެވެ. އެގޮތުން ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިންގެ ތެރެއިން ފުރަތަމަ ބެޗު ފޮނުވާލާފައި މިދިޔަ މާޗު މަހުއެވެ. އަދި މިދިޔަ އޭޕްރިލް މަހު ދެވަނަ ބެޗު ވަނީ ފޮނުވާލާފައެވެ.

ރާއްޖެއާއި އިންޑިއާ އާ ދެމެދު ބާއްވާ ހައި ލެވެލް ކޯ ގްރޫޕުގެ ހަތަރު ވަނަ ބައްދަލުވުން އިންޑިއާގެ ވެރިރަށް ދިއްލީގައި މިމަހުގެ ތިންވަނަ ދުވަހު ވަނީ ބާއްވާފައެވެ. މި ބައްދަލުވުމަށް ފަހު ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނީ އެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގައި ދެ ފަރާތުން ވެސް ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ހާރިޖީ ގުޅުމާ ބެހޭ ގޮތުން ވާހަކަދެއްކި ކަމަށެވެ.

އަދި ކުރިން އެއްބަސްވި ގޮތަށް އިންޑިއާ ސިފައިންގެ ފަހު ބެޗު މި މަހުގެ 10 ގައި ރާއްޖެ ދޫކޮށް ދާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ. މިނިސްޓްރީން ބުނީ ތަރައްގީ އާއި ދިފާއީ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން ވެސް، އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން، ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ތިން ސަރަހައްދުގެ ތެރެއިން އެންމެ ފަހު ސަރަހައްދުގައި ތިބި ސިފައިންގެ މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ފޮނުވާލައި އެ މީހުންގެ ބަދަލުގައި މަދަނީ މީހުން ގެންނާނެ ކަމަށާއި، ލޮޖިސްޓިކަލް ހުރިހާ އިންތިޒާމެއް ވެސް ޝެޑިއުލާ އެއްގޮތަށް ކުރިއަށް ގެންދާ ކަމަށް މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ. ނަމަވެސް އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ތިން އުޅަނދު ދުއްވަން އެ ގައުމުގެ ސިވިލިއަނުން ގެންނަނީ ވަކި މުއްދަތަކަށް ކަމަށާއި އެއީ ދާއިމީ ބައެއް ނޫން ކަމަށް ސަރުކާރުން ވަނީ މީގެކުރިން ބުނެފައެވެ.

ހައި-ލެވެލް ކޯ ގްރޫޕްގެ ފަސްވަނަ ބައްދަލުވުން އަންނަ މަހު ނުވަތަ ޖުލައި މަހު ބާއްވަން ވަނީ އެއްބަސްވެފައެވެ.

ރާއްޖެ އަށް އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވަން ގެނެސްފައި ތިބި އިންޑިއާގެ ސިފައިން ބޭލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.



More from vNews