އަތޮޅު ތެރެއިން މާލެ ސްކޫލްތަކަށް ބަދަލުވާން 790 ފޯމު

Mon, 06 May 2024 01:17 PM

View on this article on vNews

އަތޮޅު ތެރެއިން މާލެ ސްކޫލްތަކަށް ބަދަލުވާން 790 ފޯމު

މި މަހު 26 ގައި ފަށާ ދިރާސީ އާ އަހަރަށް އަތޮޅު ތެރޭގެ ސްކޫލުތަކުން މާލޭގެ ސްކޫލުތަކަށް ބަދަލުވާން އެދި 790 ދަރިވަރުންގެ ފޯމު ހުށަހަޅާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.



އެ މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް އެކަކަށް ކުދިން ވެއްދުމަށް 2،290 ފޯމު ވަނީ ހުށަހަޅާފައެވެ. އަދި އެހެން ގްރޭޑުތަކަށް ދަރިވަރުން ވެއްދުމަށް 1،450 ފޯމު ހުށަހަޅާފައިވާކަމަށް ތަފާސްހިސާބުތަކުން ހާމެވެއެވެ.

އޭގެ އިތުރުން މާލެ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމަށް އެދި 660 ފޯމު ހުށަހަޅާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއެވެ.

ދިރާސީ އައު އަހަރަށް މާލެ ސަރަހައްދުގެ ސަރުކާރު ސްކޫލުތަކަށް ދަރިވަރުން އަލަށް ވެއްދުމާއި، އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މާދަމާ މެންދުރުފަހު 2:00 އެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ފޯމުތަކަށް މި މަހު 13 ގެ ކުރިން ޖަވާބު އަރުވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އަންނަ ދިރާސީ އައު އަހަރުގެ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން، އައު އަހަރުގެ ކިޔެވުން ފަށާނީ މެއި 26 ގައެވެ. ޓީޗަރުން ސްކޫލަށް ރިޕޯޓުކުރަން ޖެހެނީ 22 ގައެވެ. އަދި ފުރަތަމަ ޓާމުގެ ކިޔެވުން ސެޕްޓެމްބަރު 26 ގައި ނިމޭނެއެވެ.

ކަލަންޑަރުގައިވާ ގޮތުން އަންނަ ދިރާސީ އާ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ކުރިއަށްދާނީ މިއަހަރުގެ އޮކްޓޯބަރު 6 އިން ފެށިގެން 2025 ވަނަ އަހަރުގެ މާޗު 6 ގެ ނިޔަލަށެވެ. އަދި އެ އަހަރުގެ ބޮޑު ޗުއްޓީގެ ގޮތުގައި ދަރިވަރުންނަށް ލިބޭނީ މާޗު 9 އިން ފެށިގެން އޭޕްރީލް 3 ވަނަ ދުވަހާއި ހަމައަށެވެ.



More from vNews