ރައީސް މުއިއްޒު ވިލިމާލެއަށް ގެންނެވި ބަގީތައް ހަލާކުވެ، އައު ބަގީތަކެއް ގެންނަނީ

Thu, 25 Apr 2024 06:06 PM

View on this article on vNews

ރައީސް މުއިއްޒު ވިލިމާލެއަށް ގެންނެވި ބަގީތައް ހަލާކުވެ، އައު ބަގީތަކެއް ގެންނަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނެވިއިރު ވިލިމާލޭގައި ބަގީގެ ޚިދުމަތްދޭން ގެނައި 10 ބަގީގެ ތެރެއިން ހަތް ބަގީ ހަލާކުވެ, ޚިދުމަތްދޭން ދަތިވުމުގެ ސަބަބުން އައު ބަގީތަކެއް ގެންނަން ސިޓީ ކައުންސިލުން ނިންމައިފިއެވެ.



ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތް ދޭން ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 3 ވަނަ ދުވަހުއެވެ.

މާލޭ ސިޓީ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 142 ވަނަ އާންމު ޖަލްސާގައި ބަގީގެ ޚިދުމަތް ދިނުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި، މިހާރު ހުރި ބަގީތަކުގެ ތެރެއިން ހަލާކުނުވެ އޮތީ ތިން ބަގީ ކަމަށްވުމުން، އިތުރު ހަތް ބަގީ ގަންނަންޖެހޭކަން އެ ބައްދަލުވުމުގައިވަނީ ފާހަގަކޮށްފައެވެ.

ބަގީ ގަތުމަށް ޚިޔާލު ހުށަހަޅުއްވަމުން މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު އަދި މިހާރު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ އިންތިޚާބީ މެމްބަރު އަހުމަދު ޒަމީރު ވިދާޅުވީ، އެ ޚިދުމަތް ފަށަން ބޭނުންކުރި ބަގީތައް މައްސަލަ ޖެހި ހަލާކުވެ، ސްޕެއާ ނުލިބި ދިޔައީ އެ ބަގީތަކަކީ ރަނގަޅު ބަގީތަކަކަށް ނުވީމާ ކަމަށެވެ.

އޭނާ ވިދާޅުވީ އަލަށް ގެންނަ ބަގީތައް ކޮލިޓީވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

ވިލިމާލޭގައި ބަގީގެ ޚިދުމަތް ފެށުމަށް މާލޭ ސިޓީ ކައުންސިލުން ރައީސް މުއިއްޒުގެ މޭޔަރުކަމުގެ ދަށުން 10 ބަގީއެއް ގެނައި އިރު، އޭގެތެރޭގައި މުދާ އުފުލާ ބަގީއާއި ކުއްލި ހާލަތްތަކުގައި އިމަޖެންސީކޮށް ބަލި މީހުންނަށް ދަތުރުކުރެވޭނެގޮތަށް ހެދިފައިވާ ބަގީއެއް ހިމެނެއެވެ. އަދި، ހަތަރު ސީޓުގެ ބަގީއާއި، ހަ ސީޓުގެ ބަގީގެ އިތުރުން 12 މީހުންގެ ކެޕޭސިޓީ ހިމެނޭ ބަގީ ވެސް ހިމެނެއެވެ.

ބަގީގެ ހިދުމަތް މާލެ ސިޓީ ކައުންސިލުން ފޯރުކޮށްދެނީ ރައްޔިތުންނަށް ބުރަ ނުވާނެ ގޮތަކަށެވެ. ބަގީގެ ރޫޓުން ކުރާ ކޮންމެ ދަތުރަކަށް ނަގާނީ 2 ރުފިޔާގެ ފީއެކެވެ. އެހެންނަމަވެސް ބަގީ "ޕްރައިވެޓް ހަޔާރ"ގެ ގޮތުގައި ނަގާނަމަ އަގު ތަފާތު ވާނެއެވެ. އެގޮތުން ޕްރައިވެޓް ހަޔަރގެ ގޮތުގައި ބަގީ ނަގާނަމަ އަގު ތަކަކީ 4 ސީޓްގެ ބަގީއަކަށް 6 ރުފިޔާ، 6 ސީޓްގެ ބަގީއަކަށް 10 ރުފިޔާ އަދި 12 ސީޓްގެ ބަގީއަކަށް 15 ރުފިޔާއެވެ.

މީގެ އިތުރުން 6 އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ ބޭފުޅުންނާއި އެންސްޕާގައި ރެޖިސްޓަރ ވެފައިވާ ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކާއި ސްކޫލް ޔުނިފޯރމްގައި ދަތުރުކުރާ ދަރިވަރުންނަށް ހިލޭ ބަގީގައި ދަތުރުކުރެވެއެވެ.



More from vNews