ޓްރޭޑް މާކުގެ ހައްގުތަކަށް އަހުލުވެރިކުރުވަން ސެމިނާއެއް

Sun, 05 May 2024 05:02 PM

View on this article on vNews

ޓްރޭޑް މާކުގެ ހައްގުތަކަށް އަހުލުވެރިކުރުވަން ސެމިނާއެއް

ޔުނައިޑެޓް ސްޓޭޓްސް ޕޭޓަންޓް އެންޑް ޓްރޭޑްމާކް އޮފީސް (ޔޫއެސްޕީޓީއޯ)އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެން ޓްރޭޑްމާކުގެ ހައްޤުތަކާ ގުޅޭގޮތުން ސެމިނާއެއް ފަށައިފިއެވެ.



އިކޮނޮމިކް މިނިސްޓްރީން ބުނީ މިއީ ޓްރޭޑްމާކުގެ ހައްޤުތަކާ ގުޅޭގޮތުން ކަމާ ގުޅުންހުރި އިދާރާތަކުގެ މުވައްޒަފުން ތަމުރީން ކުރުމަށާއި، ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް މަސައްކަތްކުރަމުން އަންނަ ޓްރޭޑްމާކާ ބެހޭ ބިލާ މެދު، ކަމުގެ މާހިރުންނާ އެކު ހިޔާލުބަދަލުކޮށް މަޝްވަރާކުރަން ބޭއްވި ސެމިނާއެއް ކަމަށެވެ.

މި ސެމިނާގައި ޓްރޭޑްމާކް ރަޖިސްޓްރީކުރުމުގައި ބަލަންޖެހޭ ކަންކަމާއި، ރަޖިސްޓްރޭޝަން ޕްރޮސެސް ހިނގާގޮތާއި، ރަޖިސްޓްރީކުރުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން ސެމިނާގެ ބައިވެރިންނަށް މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ފިކުރީ މުދާ ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަކީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއްކަމަށާއި އެއީ، ވިޔަފާރިތަކަށް އެންމެ ފުރިހަމަ ގޮތުގައި ފިކުރީމުދަލުގެ ނަފާ ލިބޭނެގޮތް ހޯދައިދީ، ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް ވިޔަފާރީގެ މާހައުލަށް އިތުބާރު ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

އެގޮތުން ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނު އިސްލާހުކުރުމަށް މިޙާރު މަޖިލީހަށް ފޮނުވާފައިވާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ މި އަހަރު ތެރޭގައި ޓްރޭޑްމާކާ ބެހޭ ބިލް މަޖިލީހަށް ފޮނުވުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި ޕޭޓަންޓާ ބެހޭ ބިލަކާއި، ޖޯގްރަފިކަލް އިންޑިކޭޝަންސްއާ ބެހޭ ބިލެއް މަޖިލީހަށް ފޮނުވުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެއިތުރުން މިނިސްޓްރީން ބުނީ އަދަބީ އަދި ފަންނީ މަސައްކަތްކުރާ މީހުންނަށް އެ މީހުންކުރާ މަސައްކަތަށް ރޯޔަލްޓީ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ކަލެކްޓިވް މެނޭކްމަންޓް އޯގަނައިޒޭޝަންއެއް އުދެއްދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

ޓްރޭޑް މާކުގެ ހައްގުތަކާ ބެހޭ ގޮތުން ކަސްޓަމްސްގައި ބޭއްވި ސެމިނާގައި މިނިސްޓްރީއާއި ކަސްޓަމްސްގެ އިތުރުން، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް، މިނިސްޓްރީ އޮފް ޔޫތު، މޯލްޑިވްސް ޕޮލިސް ސާވިސްގެ އިތުރުން ބާ ކައުންސިލް އަދި ބިޒްނަސް ސެންޓަ ކޯޕަރޭޝަންގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.



More from vNews