ރިޓަޔަރ ކުރާ އީސީގެ މުވައްޒަފުންނަށް އިނާޔަތްދޭ އިސްލާހު އުވާލައިފި

Sun, 05 May 2024 06:07 PM

View on this article on vNews

ރިޓަޔަރ ކުރާ އީސީގެ މުވައްޒަފުންނަށް އިނާޔަތްދޭ އިސްލާހު އުވާލައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މުވައްޒަފެއްގެ މަގާމުގައި ހުރުމަށްފަހު މެމްބަރުކަމަށް އައްޔަނުވެ ރިޓަޔާކުރާއިރު، ވަޒީފާގައި ދެމި ހުރި މުއްދަތުން ފަށައިގެން މެމްބަރުކަމުގެ މުއްދަތު ގުނައި، އިނާޔަތް ދޭން ނިންމި ގަވާއިދު އެ ކޮމިޝަނުން އުވާލައިފިއެވެ.



ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީސީން އަމަލުކުރަން ފެށި ގަވާއިދުގައި ވަނީ އެ ކޮމިޝަންގެ މުވައްޒަފުންނާއި ކޮމިޝަންގެ މެމްބަރުންނަށް މުސާރަ އާއި އިނާޔަތްތަކާއި އިތުރުގަޑީގެ ފައިސާ ދިނުމުގެ އުސޫލާ އެކު ރިޓަޔާމަންޓް ފައިސާ ލިބޭނެ ގޮތްތަކެއް ހިމަނާފައެވެ.

އެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި ރިޓަޔާކުރުމުގެ ދަރަޖައާ އެކު، ވަޒީފާ އިން ވަކިކުރެވޭނީ، އުމުރުން 55 އަހަރު ފުރި، އީސީ އަށް މަދުވެގެން 15 އަހަރު ހިދުމަތް ކޮށްފައިވާ ނަމައެވެ. އަދި، އެ ކޮމިޝަނުގައި ވަޒިފާ އަދާކުރަމުން ދަނިކޮށް ކޮމިޝަނަރަކަށް އައްޔަން ކޮށްފި ނަމަ، ރިޓަޔާކުރާއިރު ހިދުމަތުގެ މުއްދަތު ބަލާނީ އެ އަހަރުތައް ވެސް ހިމަނައިގެންނެވެ.

ނަމަވެސް ކޮމިޝަނުގެ މެންބަރަކު ރިޓަޔާވާއިރު އުމުރުން 55 އަހަރުވުން ލާޒިމެއް ނޫނެވެ. އެ ކޮމިޝަނަށް 10 އަހަރު ހިދުމަތް ކޮށްފައިވާ ނަމަ، މުޅި އުމުރަށް ލިބޭ އިނާޔަތްތަކާ އެކު ރިޓަޔާ ކުރެވޭނެ ކަމަށް ގަވާއިދުގައި ވެއެވެ.

ރާއްޖޭގެ މީޑިއާތަކާ ވާހަކަދައްކަވަމުން އީސީގެ މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ، އެ ގަވައިދު އުވާލީ މުވައްޒަފެއްގެ މަގާމުގައި ހުރުމަށް ފަހު މެމްބަރު ކަމަށް އައްޔަނުވެ ރިޓަޔާކުރާއިރު، ވަޒީފާގައި ދެމި ހުރި މުއްދަތުން ފަށައިގެން މެމްބަރު ކަމުގެ މުއްދަތު ގުނައި، ދަރަޖަ ކަނޑައެޅައިގެން އިނާޔާތް ނުދެވޭނެކަމަށް ފިނޭންސް މިނިސްޓްރީން އެންގުމާއި ގުޅިގެން ކަމަށެވެ.

އީސީން މިހާރު އުވާލާފައިވާ ރިޓަޔާމެންޓް ގަވާއިދުގައިވާ ގޮތުން، ރިޓަޔާ ކުރާ ކޮންމެ މުވައްޒަފަކަށް އެއް ފަހަރާ ގަނޑުކޮށް ދެވޭ ފައިސާގެ އިނާޔަތެއްގެ ގޮތުގައި އެ މީހަކު ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރަ އާއި ހިދުމަތް ކުރި އަހަރު ގުނަކުރުމުން ޖެހޭ އަދަދަށްވާ ފައިސާ އެއް ފަހަރާ އެ މީހަކަށް ލިބޭނެއެވެ. އެ މީހަކު ހިދުމަތް ކުރި އަހަރު 15 އަހަރު ދުވަހަށް ވުރެ އިތުރުވާނަމަ، އެއް ފަހަރާ ގަނޑުކޮށް ފައިސާ ދިނުމުގައި ބަލަނީ 15 އަހަރުގެ ހިދުމަތަށެވެ.

ވަޒީފާއިން ރިޓަޔާ ކުރާ ކޮންމެ މީހަކަށް މަހުން މަހަށް އެ މީހެއްގެ މުޅި އުމުރަށް ދެވޭ އިނާޔަތެއްގެ ގޮތުގައި އެ މީހަކު އެންމެފަހުން ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރައިގެ 75 ޕަސަންޓް ރިޓަޔާމަންޓް ޕޭގެ ގޮތުގައި ދެވޭނެކަމަށް ވެސް އެ ގަވައިދުގައި ބުނެފައިވެއެވެ. މީގެއިތުރުން، ޚިދުމަތް ކުރާތާ 30 އަހަރު ވެފައިވާނަމަ އެ އިރަކު އެ މުވައްޒަފަކަށް ލިބޭ މުސާރަ، ރިޓަޔާމަންޓް ޕޭގެ ގޮތުގައި ދޭންވެސް ޖެހޭނެކަމަށް ބުނެފައިވެއެވެ.

އަދި، އުމުރު ހަމަނުވި ނަމަވެސް، އީސީގައި ވަޒީފާ އަދާކޮށްފައިވާ ނުވަތަ އަދާކުރަމުންދާ މުވައްޒަފަކު ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކޮށްފިނަމަ އެ މެންބަރެއްގެ ދައުރު ހަމަވިއިރު 10 އަހަރު ދުވަސް ކޮމިޝަނަށް ހިދުމަތް ކޮށްފައިވާނަމަ ރިޓަޔާމަންޓް އިނާޔަތް ލިބޭނެކަމަށް ވެސް ގަވައިދުގައި ބުނެފައި ވެއެވެ.

އީސީން ފެބްރުއަރީ މަހު މި ބަދަލު ގެނައި އިރު، އެ ކޮމިޝަންގައި އޭރު ތިބި ފަސް މެމްބަރުން ކަމުގަވާ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު، ނައިބު ރައީސް އިސްމާއިލް ހަބީބު، މެމްބަރު މުހައްމަދު އާސިފް އަދި މެމްބަރު އަލީ ނަޝާތު ވެސް އެ ގަވާއިދުގެ ދަށުން ރިޓަޔާކުރެވޭނެއެވެ.

އީސީގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު، ނައިބު ރައީސް އަލީ ނަޝާތު، މެމްބަރު މުހައްމަދު އާސިފް އަދި މެމްބަރު ހަސަން ޒަކަރިއްޔާއެވެ.



More from vNews