ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ޕީއެންއެފް ރަޖިސްޓްރީކޮށްދީފި

Thu, 25 Apr 2024 05:33 PM

View on this article on vNews

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ޕީއެންއެފް ރަޖިސްޓްރީކޮށްދީފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)، ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީކޮށްދީފިއެވެ.



މިކަން ހާމަކުރައްވައި އެ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލް އެކްސް ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައި، އެ ޕާޓީ ރަޖިސްޓްރީ ކޮށްދިންކަން އަންގައި އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ރަޖިސްޓްރީ ލިޔުމުގެ ފޮޓޯއެއް ހިއްސާކުރައްވާފައިވެއެވެ.

އެކްސް ޕްލެޓްފޯމުގައި މަލީހް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ޕާޓީގެ ބާނީ، ރައީސް ޔާމީން ދައުލަތުގެ އަނިޔާގައި ބަހައްޓަވައި, ޕާޓީ އުފައްދާ ޖަލްސާ ހުއްޓުވަން ކަރަންޓު ނުދީ، ސަރުކާރުން އަސޭމިރުސް ބޭނުންކޮށްގެން އެ ޕާޓީގެ އެތައް މެމްބަރުންނަށް ކުރީ އަނިޔާ ކަމަށެވެ. ޕާޓީ އުފައްދަން ޖެހުނީ ރާޅުގަނޑު ގޮނޑުދޮށުގައި ޖަލްސާ ބާއްވައިގެން ކަމަށާއި އެހެންނަމަވެސް އެއީ މާޒީ ކަމަށް ވިދާޅުވެ މަލީހް ވަނީ، ޕާޓީ ދާނީ ވަރުގަދަކޮށް ކުރިއަށްކަމުގެ ޔަގީންކަން ދެއްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ޕީއެންއެފް ރަޖިސްޓްރީ ކޮށްދީފައިވަނީ މިއަދުއެވެ. އެ ޕާޓީގެ މަސްއޫލުވެރިއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ރައީސް ޔާމީންގެ ދަރިކަލުން އަދި އެ ޕާޓީގެ ވަގުތީ ރައީސް ޒެއިން އަބްދުﷲ ޔާމީންއެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕާ މެދު ހިތްހަމަނުޖެހިވަޑައިގެން އެ ޕީޕީއެމުން އިސްތިއުފާދެއްވައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ރައީސް ޔާމީނާއި އެމަނިކުފާނަށް ވަފާތެރި ބައެއް ބޭފުޅުން އިސްވެ ތިއްބަވައި ފެއްޓެވިއިރު އެ ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.



More from vNews