ޑެންގީ ހުން ޖެހިގެން ތުއްތު 6 ކުދިން ހޮސްޕިޓަލުގައި ފަރުވާ ހޯދަނީ

Sun, 05 May 2024 09:00 PM

View on this article on vNews

ޑެންގީ ހުން ޖެހިގެން ތުއްތު 6 ކުދިން ހޮސްޕިޓަލުގައި ފަރުވާ ހޯދަނީ

މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް އިންތިހާއަށް ގިނަވެފައިވާ މި ދަނޑިވަޅުގައި، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މިހާރު ވެސް ތުއްތު 6 ކުއްޖަކަށް ފަރުވާދޭން ފަށައިފިއެވެ.



މިކަން ހާމަކޮށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް ވަނީ ސަމާލުވާން އިލްތިމާސްކޮށް އެކްސް ޕްލެޓްފޯމުގައި ޕޯސްޓެއް ކުރައްވާފައެވެ.

ޑރ. ފައިސަލް ވިދާޅުވީ، މިވަގުތު ޑެންގީ ޖެހިގެން ހަ ތުއްތު ކުދިންނަށް ފަރުވާދެމުންދާ ކަމަށާއި، ބައެއް ކުދިންނަށް ލޭވެސް އަޅަން ޖެހޭކަމަށެވެ. މިއީ ފުރާނައަށް ނުރައްކާވާ ބައްޔެއްކަން ހަނދާންކޮށްދެއްވައި ފައިސަލް ވަނީ، މަދިރިން ރައްކާތެރިވުން މުހިންމުކަން ފާހަގަކުރައްވާފައެވެ.

ޑެންގީ އިތުރުވެފައި ވާއިރު، މަދިރީގެ ސަބަބުން ޖެހޭ ޗިކުންގުންޔާ ވެސް މި ދުވަސްވަރު ވަނީ އާންމު ވެފައެވެ. އެގޮތުން މިއަހަރުގެ އެޕްރިލް މަހާ ހަމައަށް އެބަލީގެ 134 ކޭހެއް ރިޕޯޓުކޮށްފައި ވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މީގެ ކުރިން ވަނީ ބުނެފައެވެ.

ޑެންގީ ހުމަކީ ވައިރަހެއްގެ ސަބަބުން ޖެހޭ ހުމުގެ ވައްތަރެކެވެ. މިއީ ރާއްޖެ ފަދަ ހޫނު ގައުމުތަކުގައި ވަރަށް ޢާންމު ބައްޔެކެވެ. މިބަލި ފެތުރިގެން ދަނީ އީޑީޒް އިޖިޕްޓި ކިޔޭ މަދިރިއެއްގެ ސަބަބުންނެވެ. ޢާންމު ގޮތެއްގައި މިމަދިރި ހަފަނީ ފަތިހުގެ ވަގުތު އިރުއެރުމުގެ ކުރިންނެވެ. އަދި ބައެއް ފަހަރު ދުވާލުގައި ވެސް ހަފައެވެ.

ޑެންގީ ހުމަކީ މަދިރީގެ ޒަރީޢާއިން ފެތުރޭ ވައިރަލް ހުމެކެވެ. ޑެންގީ ހުން ޖައްސާ ވައިރަސް ނުވަތަ ޑެންގީ ވައިރަސްގެ ހަތަރު ވައްތަރެއް މިހާތަނަށް ވަނީ ފެނިފައެވެ. މި ވައިރަހުގެ ކޮންމެ ބާވަތަކުން މީހަކަށް ބަލިޖެހެނީ އެއްފަހަރުއެވެ. އީޑީޒް އިޖިޕްޓައި، އަދި އީޑީޒް އަލްބޯޕިކްޓަސް މަދިރިން އުފުލާ މިވައިރަސް އިންސާނާގެ ހަށިގަނޑަށް ވާޞިލްވަނީ ޖަރާސީމް އަށަގެންފައިވާ މަދިރި އިންސާނާ ގައިގައި ހަފާ ވަގުތުއެވެ.

ޑެންގީ ހުމަކީ މަދިރި ހެފުމަކާއި ނުލައި އެކަކު ގައިން އަނެކަކުގެ ގަޔަށް އަރާ ބައްޔެއް ނޫނެވެ.

ޑެންގީގެ އަލާމާތްތަކުގެ ތެރޭގައި ކުޑަކަމުދާ މިންވަރު މަދުވުމާއި، ވަރުދެރަވުމާއި، ތުއްތުުކުދިންނަށް ގާތުން ނުބޮވުމާއި، ބަނޑުގައި ރިއްސުމާއި، ގިނަގިނައިން ހޮޑުލުމާއި، ހަށިގަނޑުގެ އެއްވެސް ތަނަކުން ލޭ އައުން ފަދަ ކަންކަން ހިމެނެއެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަ ދުވަސްވަރަކަށް ވާއިރު، ވިއްސާރަ މޫސުމަކީ މަދިރި އާލާވުން ގިނަވާ ދުވަސްވަރަކަށް ވުމާއެކު މި މޫސުމުގައި މަދިރި ހެފުމުން ދިމާވާ އުނދަގޫތައް ވެސް ގިނަވެއެވެ. މަދިރިން ރައްކާތެރި ވުމަށް ފަރުދީ، އާއިލީ އަދި ރަށު ފެންވަރުގައި ވެސް މަސައްކަތް ކުރެވިދާނެއެވެ.

މަދިރި އާލާވާ ގޮތަށް ހުރި ތަކެއްޗާއި ތަންތަން ނައްތާލަންޖެހެއެވެ. ނުވަތަ މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަނާއި ތަކެތީގައި ފެން ހަރުލިޔަނުދޭށެވެ.

ޑެންގީ ހުން ފެތުރެމުންދާއިރު، މި ހުމުން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. އެގޮތުން ގޯތި ތެރެއާ ރަށުތެރެ ސާފުކޮށް، މަދިރި އާލާވާ ތަންތަން ނައްތާލުމާއި މަދަރި ކޮންޓްރޯލް ކުރުމަށް ދުންދަނޑިޖެހުމާއި ގޭތެރެއާއި ރަށުތެރައަށް ފޮގް ކުރުން އެދެވިގެންވެއެވެ. އަދި ހަށިގަނޑު ނިވާވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން ބޭނުންކުރުން، މަދިރި އެންމެ ގިނަވާ ވަގުތުތަކުގައި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމާއި ހުސް ފުޅި/ ދަޅު ކަހަލަ ފެން ހަރުލާ ތަކެތި ގޯތިތެރެ އާއި މަގުމަތީގައި ނުބެހެއްޓުން ފަދަ ކަންކަން ކުރުން ވެސް އެދެވިގެންވެއެވެ.



More from vNews