އެމެރިކާ ސިފައިންނާއި އެމްއެންޑީއެފް ގުޅިގެން ތަމްރީންތަކެއް ފަށައިފި

Sun, 05 May 2024 06:59 PM

View on this article on vNews

އެމެރިކާ ސިފައިންނާއި އެމްއެންޑީއެފް ގުޅިގެން ތަމްރީންތަކެއް ފަށައިފި

ޔޫއެސް މޮންޓާނާ ނޭޝަނަލް ގާޑްގެ ސިފައިންނާއި ދިވެހި އަސްކަރިއްޔާއިން ގުޅިގެން ބާއްވާ އެކްސަސައިޒް "ބްލެކް މާލިން"ގެ ހަތަރު ވަނަ އެޑިޝަން ފަށައިފިއެވެ.



މި ތަމްރީނު ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މި މަހުގެ 28 ގެ ނިޔަލަށެވެ. މި ތަމްރީނުތަކުގައި ފަސް އެސްއެމްއީއީ (ސަބްޖެކްޓް މެޓާ އެކްސްޕާޓް އެކްސްޗޭންޖް ޕްރޮގްރާމް) ކުރިއަށް ގެންދިއުމަށް ވަނީ ހަަމަޖެހިފައެވެ. އޭގެ ތެރޭގައި، އިންޓެލިޖަންސް، ލޮޖިސްޓިކް، މެޑިކަލް، އީއޯޑީ، އަދި އިންފެންޓްރީއާ ގުޅުންހުރި އެސްއެމްއީއީ ހިމެނެއެވެ.

އެމްއެންޑީއެފުން ބުނީ, އިންފެންޓްރީ އެސްއެމްއީއީ ކުރިއަށް ގެންދާނީ ލ. ކައްދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އެހެން ހުރިހާ އެސްއެމްއީއީތަކެއް ކުރިއަށް ދާނީ މާލޭގައި ކަމަށެވެ.

މި ތަމްރީނުތަކުގެ ތެރެއިން "ފީލްޑް ގްރޭޑް އެކްސްޗޭންޖް ޕްރޮގްރާމް" އެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ރާވާފައެވެ. އެއީ އެމްއެންޑީއެފުން ބުނި ގޮތުގައި އެ ޕްރޮގްރާމާއެކު ސްޓާފް އޮފިސަރުންގެ ޒިންމާތަކާއި، މިލިޓަރީ ޕްލޭނިންގ ޕްރޮސެސްއާއި ޓްރެއިނިން މެނޭޖްމަންޓްގެ ކަންކަން ކުރިއަށްވުރެ ރަނގަޅަށް ދެނެގަތުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އެެމެރިކާއާއި ދިވެހި އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ތަމްރީނުތައް ފެށުމުގެ ގޮތުން ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއެވެ. މި ރަސްމިއްޔާތުގައި މޭޖާ ޖެނެރަލް ހިލްމީގެ އިތުރުން ޔޫއެސް މޮންޓާނާ ނޭޝަނަލް ގާޑުގެ އެޖުޓަންޓް ޖެނެރަލް، މޭޖާ ޖެނެރަލް ޕީޓާ ރޮނެކް ވަނީ ވާހަކަ ދައްކަވާފައެވެ.

އެކްސަސައިޒް ބްލެކް މާލިން ފުރަތަމަ ބޭއްވީ 2021 ވަނަ އަހަރުގެ ފެބްރުއަރީ 24އިން އޭޕްރިލް ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ. މާފިލާފުށީގައި ބޭއްވި އެ ތަމްރީނުގައި ދިވެހި 30 ސިފައިން ބައިވެރިކުރިއެވެ.



More from vNews