ފުލުހުންގެ ބޭނުމަށް ބިދޭސީ މަސައްކަތްތެރިން ގެންނަނީ

Sun, 05 May 2024 08:43 PM

View on this article on vNews

ފުލުހުންގެ ބޭނުމަށް ބިދޭސީ މަސައްކަތްތެރިން ގެންނަނީ

ދިވެހި ފުލުހުންގެ މުއައްސަސާގެ ބޭނުމަށް ރާއްޖެއިން ބޭރުން ބިދޭސީން ގެނައުމާއި އެފަރާތްތަކާ ގުޅޭގޮތުން ސަރުކާރު އިދާރާތަކުން ކުރަންޖެހޭ ކަންކަން ކޮށްދޭނެ ފަރާތެއް ހޯދަން ބީލަމަށް ހުޅުވާލައިފިއެވެ.



މިދިޔަ ހަފުތާގައި ބޭއްވި އަހާ ފޯރަމްގެ ތިންވަނަ ޕްރޮގްރާމްގައި، ސަރުކާރުގެ އިދާރާތަކުގައި ބިދޭސީން ގެންގުޅުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ދިވެހި ރައްޔިތުން ވަޒީފާއަށް ނެގޭނެ ތަނެއްގައި ބިދޭސީން ގެންގުޅުމަކީ ސަރުކާރުގެ ވިސްނުމެއް ނޫންކަމަށެވެ.

ވަކިން ޚާއްސަކޮށް ސަލާމަތާ ރައްކާތެރިކަމާ ގުޅޭ ޚިދުމަތް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި އެއްވެސް ހާލެއްގައި ބިދޭސީއަކު ހުރުމަކީ އެއީ މި ސަރުކާރުން ގެންގުޅޭނެ ސިޔާސަތެއް ނޫންކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

ވަޒީރު މިހެން ވިދާޅުވެފައި ވީނަމަވެސް ފުލުހުންގެ ފަރާތުން ގެޒެޓުކުރި އިއުލާނެއްގައި ބުނެފައި ވަނީ، ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު އީމެއިލްއަށް މެއިލްކޮށް، ޕްރޮކިމަންޓް މެއިލްއަށް ކޮޕީ ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް މެއިލްކުރެވޭނެ ކަމަށެވެ. އަދި ބީލަމުގައި ރަޖިސްޓްރީވިކަން ޔަގީންކުރަންވާނީ ރަޖިސްޓްރީ ނަމްބަރު ލިބުމުންކަމަށް އެ އިއުލާނުގައި ވެއެވެ.

ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ މި މަހުގެ 14ވަނަ ދުވަހުގެ 14:00 އެވެ. ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 18ވަނަ ދުވަހުގެ 14:00 ގައި އަމީނީމަގު، އިސްކަންދަރު ކޮށި އެކެއްގައެވެ.

ބިޑް ހުށަހެޅުމާ ގުޅޭ އިތުރު މައުލޫމާތު ދިވެހި ފުލުހުންގެ ޚިދުމަތުންނާއި، 9790052 ނަމްބަރުން ލިބޭނެކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

އަހާ ފޯރަމުގައި ވާހަކަދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ، ފުލުހުންގެ ތެރެއިން ރައްޔިތުންނަށް ސީދާ ދޭ ޚިދުމަތްތަކުގައި ބިދޭސީން މިހާރު ވެސް ޝާމިލް ނުވާނެ ކަމަށެވެ. ނަމަވެސް، ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގައާއި އަންސްކިލްޑް މަސައްކަތްތަކުގައި ކޮންމެވެސް ވަރަކަށް ބިދޭސީން އުޅޭކަމަށް ވަޒީރު ވިދާޅުވިއެވެ.



More from vNews