އިންޑަސްޓްރިއަލް ވިލެޖް ސާފުކޮށް ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

Sun, 05 May 2024 07:23 PM

View on this article on vNews

އިންޑަސްޓްރިއަލް ވިލެޖް ސާފުކޮށް ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ކުނިބުނިން ފުރިބާރުވެ، ގޮނޑުވެފައި އޮތް އިންޑަސްޓްރިއަލް ވިލެޖު ސާފުކޮށް، އެ ސަރަހައްދުގައި ސެކިއުރިޓީ ބަލަހައްޓަން ފަށައިފިއެވެ.



މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެކްސް ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް، ޕަބްލިކް ވޯކްސްއާއި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާގެ އިތުރުން ވެމްކޯއާއި މޯލްޑިވްސް ޕޮލިސް ސާވިސް އަދި އެމްޕީއެލް ގުޅިގެން މާލޭ އިންޑަސްޓްރިއަލް ވިލެޖް ސާފުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މާލެ ސިޓީގެ އެއްވެސް ތާކަށް އެއްވެސް ބޭފުޅަކު ކުނި ނޭޅުމަށް އަދި މާލެ ސިޓީ ހަޑިވާޒާތުގެ އެއްވެސް ކަމެއް ނުކުރުމަށް މޭޔަރު އެދިވަޑައިގަތެވެ. އެގޮތުން ކުޅުޖެހުން، ޓިސޫ އެއްލާލުން، ޕެކެޓް، ދަޅުފަދަ ތަކެތި އެއްލާލުން ހުއްޓާލުމަށް މޭޔަރު އެދިވަޑައިގަތެވެ.

ރާއްޖޭގެ މީޑިއާ އަކާ ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، ޕިކަޕާއި ވޭން އަދި ކާރުތަކުގައި އިންޑަސްޓްރިއަލް ވިލެޖަށް ވަދެ، އެ ތަނުގެ ތެރެއަށް ކުނި އެޅުން އާއްމުވެފައިވާ ކަމަށެވެ. އިންޑަސްޓްރިއަލް ވިލެޖުގެ ތެރޭގައި ބައެއް އުޅަނދުތައް ޕާކްކޮށްފައިވަނީ ސިޓީ ކައުންސިލްގެ ހުއްދައިގެ ދަށުންނެވެ. އެއީ އެމްޕީއެލްގެ ހެވީ ވެހިކަލް އެވެ.

އާޒިމް ވިދާޅުވީ ބާވެފައި ހުރި އުޅަނދުތައް އެ ތަނުން ނަގައި ސާފުކުރަން ފަށާފައިވާ ކަމަށެވެ. ސިޓީ ކައުންސިލްގެ ވިސްނުމަކީ އިންޑަސްޓްރިއަލް ވިލެޖުގައި ހުރި ޕެޓްރޯލް ޝެޑުތަކާ ހިސާބަކުން ގޭޓު ހަރުކޮށް، އެ ތަނުގެ ސެކިއުރިޓީ ބަލަހައްޓަން ފެށުމެވެ. އެކަމަކު، ގޭޓު ހަރުނުކުރިއަސް ކައުންސިލާއި އެމްޕީއެލްގެ މުވައްޒަފުން އެ ތަނުގެ ސެކިއުރިޓީ ބަލަހައްޓަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އިންޑަސްޓްރިއަލް ސަރަހައްދުގެ ސެކިއުރިޓީ 24 ގަޑިއިރު ވަންދެން ދެން ބަލަހައްޓާނެކަމަށް މޭޔަރު ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި އެ ސަރަހައްދު ކުނިގޮނޑެއް ގޮތަށް އޮތުމުން ބަލިތައް ފެތުރި، އެ ސަރަހައްދުގައި މަސައްކަތްކުރާ މުވައްޒަފުން ނުރައްކާ ކުރިމަތިވެފައިވާ ކަމަށެވެ. ސިނާއީ މަސައްކަތަށް ދޫކުރާ ތަނަކަށް ވިއަސް އެ ސަރަހައްދު ހަޑިކޮށް އޮތުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް މޭޔަރު ވިދާޅުވިއެވެ.

އިންޑަސްޓްރިއަލް ވިލެޖަށް ކުނި އެޅުމުގެ މައްސަލަ ބޮޑުވެފައިވާއިރު، އެ ސަރަހައްދުގައި ބައެއް މީހުން މުޖުތަމައުގެ އާންމު މިންގަނޑާ ޚިލާފު އަމަލުތައް ހިންގާ މައްސަލަ ވެސް ފާއިތުވީ ދުވަސްތަކުގެ ތެރޭގައި ފެންމަތިވެފައިވެއެވެ.



More from vNews