ރައީސްކަމާއި މެމްބަރުކަން ކުރީތީވެ ލިބޭ އިނާޔަތް ކަނޑާލަން ވަކާލާތުކުރާނަން: ޝުޖާއު

Wed, 24 Apr 2024 10:16 PM

View on this article on vNews

ރައީސްކަމާއި މެމްބަރުކަން ކުރީތީވެ ލިބޭ އިނާޔަތް ކަނޑާލަން ވަކާލާތުކުރާނަން: ޝުޖާއު

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް އަދި ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅުންނަށް އުމުރު ދުވަހަށް ދޭ އިނާޔަތްތައް ކަނޑާލަން މަަސައްކަތް ކުރައްވާނެކަމަށް، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރުކަމަށް އިންތިޚާބުވެވަޑައިގެންފައިވާ އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.



ދައުލަތުގެ މީޑިއާއިން މީގެ ދުވަސްތަކެއް ކުރިން ގެނެސްދިން މަޖިލިސް ބަހުސްގައި، މި ކަންކަން މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ޝުޖާއު ވިދާޅުވާ މަންޒަރާއި އަޑު ފެންނަ ވީޑިއޯއެއް ހިއްސާކޮށް އާންމު ރައްޔިތަކު އެކްސް ޕްލެޓްފޯމުގައި ކުރި ޕޯސްޓެއް ރިޕޯސްޓް ކުރައްވައި ޝުޖާއު ވިދާޅުވީ، މި މައްސަލައިގައި ތާއީދުކުރާގޮތް ދާއިރާގެ ރައްޔިތުންނަށް ކިޔާދެއްވާފައިވާނެ ކަމަށެވެ.

މަޖިލިސް ބަހުސްގައި ވާހަކަދައްކަވަމުން ޝުޖާއު ވަނީ، ރައީސްކަން ކުރި ފަރާތްތަކާއި ފަނޑިޔާރުކަން ކުރާ ފަރާތްތައް އަދި މަޖިލިސް މެމްބަރުން އެއް ދައުރު އަދާކުރީމަ ދާއިމީކޮށް ދެމިގެންދާގޮތަށް ދޭ މާލީ އިނާޔަތްތައް ކަނޑާލަން މަޖިލީހުގައި ވަކާލާތުކުރާނެ ފަރާތަކީ އޭނާކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހުގެ މެމްބަރުންނަށް މެމްބަރުކަން ގެއްލުމުން ލިބޭ ހެލްތު އިންޝުއަރެންސް ކަނޑާލައި، އާންމު ރައްޔިތެކޭ އެއްވަރަށް އެ ފަރާތްތަކަށް އެ އިންޝުއަރެންސް ލިބޭގޮތް ހެދުމަށާއި، މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ވެސް ވަކާލާތުކުރާނީ އޭނާކަމަށް، މަޖިލިސް ބަހުސްގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވެފައެވެ.

ކުރީގެ މެމްބަރުންނަށް ދޭ މި އިނާޔަތްތަކާ ދެކޮޅަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަޑުއުފުލަމުން އަންނަ މި ދަނޑިވަޅުގައި، އެ ވާހަކަތައް ތަކުރާރުކުރައްވައި އެކްސް ޕްލެޓްފޯމުގައި ޝުޖާއު ވިދާޅުވީ، މެމްބަރުކަން ކުރުމުން ދާއިމީ ގޮތެއްގައި ލިބޭ އިނާޔަތްތައް ކަނޑާލަން ކުރާ މަސައްކަތުގައި އޭނާގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ލިބޭނެ ކަމަށެވެ.

އަދި ކަނޑާލަން ޖެހެނީ ހަމައެކަނި މެމްބަރުކަން ކުރި ފަރާތްތަކުގެ އިނާޔަތްތައް ނޫންކަމަށާއި، ރައީސްކަން ކުރައްވާ ފަރާތްތައް މަގާމުން ވަކިވުމަށްފަހު އެ ލިބޭ ބޮޑެތި މާލީ އިނާޔަތްތަކާއި، ފަނޑިޔާރުކަން ކުރައްވާ ފަރާތްތަކުން މަގާމުން ވަކިވުމަށްފަހު ލިބޭ މާލީ އިނާޔަތްތައް ވެސް ކަނޑާލަން މަޖިލީހުގެ ތެރެއިން ވަކާލާތުކުރައްވާނެކަމަށް ޝުޖާއު ވިދާޅުވިއެވެ.

މި ތިން މަޤާމު އަދާކުރި ފަރާތްތަކުގެ ތެރެއިން ވަކި މަޤާމެއް ތަފާތު ކުރުމަކީ އިންސާފެއް ނޫންކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ، މިކަމަށް ހެޔޮ ނިޔަތުގައި ވަކާލާތު ކުރައްވާ ހުރިހާ ފަރާތްތަކުން، މި ތިން މަޤާމު އަދާކޮށްފައިވާ ފަރާތްތަކަން ލިބޭ އިނާޔަތްތައް އުނި ކުރުމަށް އަޑު އުފުލުމަކީ އެކަމުގެ ހެޔޮ ނިޔަތް އޮތްކަން ހާމަވާނޭ ކަމެއްކަމުގައި ދެކިވަޑައިގަންނަވާކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

މަޖިލިސް މެމްބަރުކަން ކުރައްވާ ބޭފުޅުންނަށް، އެކި މިންވަރަށް މާލީ އިނާޔަތް ދެއްވުމަށް ގާނޫނުން ލާޒިމް ކުރެއެވެ. އެގޮތުން، އެއް ދައުރު ފުރިހަމަ ކުރައްވާ މެމްބަރުންނަށް މުސާރައިގެ %30 ލިބޭއިރު އެއީ މަހަކު 18،000 ރުފިޔާއެވެ. ދެ ދައުރު އަދާކުރި މެމްބަރުންނަށް މުސާރައިގެ %45 ލިބޭއިރު އެއީ މަހަކު 27،000 ރުފިޔާއަށް ވުރެ ބޮޑު އަދަދެކެވެ.

މެމްބަރުންނަށް މި މުސާރަ ލިބޭނީ މަގާމުން ވަކިވުމަށް ފަހުގައި އަދި އުމުރުން 55 އަހަރުވުމަށް ފަހުއެވެ. މީގެއިތުރުން މަޖިލިސް މެމްބަރުންނަށް އޮންނަ ހެލްތު ސްކީމްގެ ފުރުސަތުތައް ކުރީގެ މެމްބަރުންނަށް ވެސް އޮވެއެވެ.

ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭންޖެހޭ އިނާޔަތާއި ރައްކާތެރިކަން ބަޔާންކުރާ ގާނޫނުގައިވާ ގޮތުން، ރައީސްކަން އެއް ދައުރު ކުރައްވައިފި ނަމަ ދައުލަތުން މާލީ އިނާޔަތުގެ ގޮތުގައި މަހަކު 50،000ރ. ދޭންޖެހެއެވެ. އެއް ދައުރަށް ވުރެ އިތުރު ނަމަ މަހަކު 75،000ރ. ދޭންޖެހެއެވެ. އަދި ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ދިރިއުޅުއްވާ ތަނަކަށް ހިނގާ ހުރިހާ ހަރަަދަކަށް ކޮންމެ މަހަކު 50،000ރ. އާ ހަމައަށް ދައުލަތުން ދޭންޖެހޭނެ ކަމަށް ގާނޫނުގައި ވެއެވެ. މީގެ އިތުރުން، މުޖުތަމައަށް ފައިދާ ހުރި އިޖުތިމާއީ މަސައްކަތެއް ކުރައްވަން އެ ބޭފުޅަކު ބޭނުންފުޅުވެއްޖެ ހިނދެއްގައި އޮފީހާއި މުވައްޒަފުންގެ ހަރަދާއި އެހެނިހެން ކަންކަމަށް 175،000ރ. އާ ހަމައަށް ދައުލަތުން ފައިސާ ދޭންޖެހެއެވެ.



More from vNews