އިންތިޚާބެއްގައި ޑިމޮކްރެޓްސްއަށް ފުރަތަމަ ކާމިޔާބީ

Sat, 04 May 2024 08:44 PM

View on this article on vNews

އިންތިޚާބެއްގައި ޑިމޮކްރެޓްސްއަށް ފުރަތަމަ ކާމިޔާބީ

ޕާޓީ އުފެއްދިފަހުން މިހާތަނަށް ވާދަކުރި އިންތިޚާބުތަކުގެ ތެރެއިން ފުރަތަމަ ފަހަރަށް އެ ޕާޓީއަށް ކާމިޔާބީ ލިބިއްޖެއެވެ.



އެމްޑީޕީގެ ތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކެއްގެ ތެރެއިން ޕާޓީ ދެބައިވެ، ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނަށް ވަފާތެރި މަޖިލިސް މެމްބަރުންތަކެއް އިސްވެ ތިއްބަވައި އުފެއްދެވި ދަ ޑިމޮކްރެޓްސް، ރާއްޖޭގެ ސިޔާސީ ޕާޓިތަކުގެ ދަފްތަރުގައި ރަޖިސްޓަރ ކޮށްފައި ވަނީ މިދިޔަ އަހަރުގެ މެދު ތެރޭގައެވެ.

އޭގެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި އާއި، މާލޭގެ މޭޔަރަކު ހޮވުމަށް ބޭއްވި ބައި އިލެކްޝަންގައި ވެސް އަދި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވެސް ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓުން ވާދަކުރިއެވެ. ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރި އިލްޔާސް ލަބީބަށް ލިބުނީ ތިންވަނައެވެ. އެފަހުން ބޭއްވި މޭޔަރު އިންތިޚާބުގައި އެ ޕާޓީގެ ސައިފް ފާތިހަށް ވެސް ކުރިމަތިވެވަޑައިގަތީ ނާކާމިޔާބީއާއެވެ.

ދެން އައި މަޖިލިސް އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ 40 ކެންޑިޑޭޓަކު ވާދަކުރެއްވިއިރު އޭގެތެރޭގައި މިހާރު ވެސް މަޖިލީހުގައި އެކި ދާއިރާތައް ތަމްސީލްކުރައްވާ މެމްބަރުން ހިމެނިވަޑައިގަންނަވައެވެ. އެހެންނަމަވެސް މިއިން އެއްވެސް ކެންޑިޑޭޓަކަށް މަޖިލިސް އިންތިޚާބުގައި ކުރި ނުހޯއްދެވުނެވެ.

އެއަށްފަހު ހޮނިހިރު ދުވަހު ބޭއްވި ކަލް ކައުންސިލް އިންތިހާބުގެ ބައި-އިލެކްޝަން ގައި މ. މަޑުއްވަރީ ކައުންސިލްގެ ރައީސްގެ ގޮނޑި ދަ ޑިމޮކްރެޓްސްގެ މެމްބަރު މިވަނީ އެ ޕާޓީގެ ފުރަތަމަ އިންތިޚާބީ ކާމިޔާބީ ހޯދާފައެވެ.

ހޮނިހިރު ދުވަހު ހަ ކައުންސިލެއްގެ ބައި-އިލެކްޝަނުގެ ވޯޓުލުން ކުރިއަށް ދިޔައެވެ. އެއީ މ. މަޑުއްވަރި ރަށު ކައުންސިލް ރައީސްއާއި ނ. ލަންދޫ, ނ. ވެލިދޫ, ހއ. ތަކަންދޫ އަދި ހއ. އުތީމު ކައުންސިލްގެ ބައި އިލެކްޝަނެވެ.

މަޑުއްވަރީ ކައުންސިލްގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރި މުހައްމަދު އާޒިމް އަލީ (ޓޮޓީ)އެވެ. މުޙައްމަދު އާޒިމް ޢަލީ އެ އިންތިޚާބު ކާމިޔާބު ކުރެއްވީ ސަރުކާރު ނިސްބަތްވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓްގެ މައްޗަށް ކުރިހޯއްދަވައި، 194 ވޯޓާ އެކުގައެވެ. މި އިންތިހާބުގައި ދެން ވާދަކުރެއްވި ޕީއެންސީ ގެ ކެނޑިޑޭޓަށް ލިބިފައިވަނީ 144ވޯޓެވެ.

މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އެ ޕާޓީން ވަނީ ނޫސް ބަޔާނެއް ވެސް ނެރެފައެވެ.



More from vNews