ވީޓޯގެ ބާރު ބޭނުންކުރަނީ ނަހަމަގޮތުގައި، އެ ބާރު އުވާލަން ޖެހޭ: ޤާސިމް އިބްރާޙިމް

Sat, 04 May 2024 07:30 PM

View on this article on vNews

ވީޓޯގެ ބާރު ބޭނުންކުރަނީ ނަހަމަގޮތުގައި، އެ ބާރު އުވާލަން ޖެހޭ: ޤާސިމް އިބްރާޙިމް

އދ.ގެ ސަލާމަތީ މަޖިލީހުގައި ވީޓޯކުރުމުގެ ބާރު ބޭނުންކުރަމުން ދަނީ ނަހަމަގޮތުގައި ކަމަށާއި، އެ ބާރު އުވާލުމަށް ރާއްޖެއިން ގޮވާލި ގޮވާލުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަަދު ތާއިދުކުރައްވައިފިއެވެ.



މިދިޔަ ބުދަ ދުވަހު އދ.ގެ އާންމު މަޖިލީހުގެ 78ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވެވީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަޙުމަދެވެ.

ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ހައިދަރު ވަނީ، އދ ގެ ދާއިމީ މެމްބަރުކަން ފަލަސްޠީނަށް ލިބުމަށް އެޅިފައިވާ ހަމައެކަނި ހުރަހަކީ، އެންމެ ގައުމެއްގެ ވޯޓުކަން ފާހަގަކުރައްވާފައެވެ. ފަލަސްޠީނަށް އިންސާފުލިބުމަށް އެންމެ ގައުމަކުން ދޭ ވޯޓަކުން ހުރަސްއެޅުން އެއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި، 140 ގައުމަކުން، ސަލާމަތީ މަޖިލީހުގެ 12 ގައުމެއް ހިމެނޭހެން ފަލަސްޠީނަށް އިންސާފުހޯދައިދޭން ކުރާ މަސައްކަތަށް އެންމެ ގައުމަކުން ހުރަސްއެޅުން އެއީ ލަދުވެތިވާން ޖެހޭ ކަމެއްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

އދ ގެ މެމްބަރު 193 ގައުމުގެ ތެރެއިން އެންމެ ގައުމެއްގެ ސަބަބުން ފަލަސްޠީނާއި އެ ގައުމުގެ ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތަކުން މަހުރޫމުވަމުންދާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

އެންމެ ވޯޓެއްގެ ސަބަބުން އެތައް މިލިއަން ބައެއްގެ ކުރިމަތީގައި އދ ގެ ސަލާމަތީ މަޖިލިސް ފެއިލްވެއްޖެ ކަމަށާއި، އެ ވޯޓުގެ ސަބަބުން، އިސްރާއީލުން ހިންގަމުންދާ ނަސްލެއް ނެތިކޮށްލުމުގެ ޤަތުލުއާންމު ހުއްޓުވުމުގައި އދ ގެ ސަލާމަތީ މަޖިލިސް ނުކުޅެދިފައިވާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

އެހެންކަމުން މިއީ އާންމު މަޖިލީހުން ވީޓޯގެ ބާރު ގައުމަތަކަށް ދިނުމާމެދު ނޫނެކޭ ބުނަންވީ ވަގުތު ކަމަށާއި، ވީޓޯގެ ބާރު ބޭނުންކުރަމުންދަނީ އިސްރާއީލަށް ނުހައްގު މަންފާތަކެއް ހޯދައިދީ، ފަލަސްޠީނުގައި ހިންގަމުންދާ ގަތުލުއާންމަށް ހިތްވަރުދިނުމުގެ ގޮތުންކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ މި ވާހަކަފުޅަށް ތައުރީފުކުރައްވައި އެކްސް ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވިދާޅުވީ، އދ.ގެ ސަލާމަތީ މަޖިލީހުގައި އެންމެ ގައުމެއްގެ ވީޓޯ ވޯޓުގެ ސަބަބުން ފަލަސްތީނުގެ ގަތުލްއާންމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެ މަޖިލީހަށް ނުކުޅެދިފައިވާ މައްސަލައަށް، މިނިސްޓަރުގެ ބަޔާނުން ސަމާލުކަން ގެނެސްދީފައިވާ ކަމަށެވެ.

ގާސިމް ވިދާޅުވީ ވީޓޯ ބާރު ލިބިގެންވާ ފަސް ގައުމުން މުޅި ދުނިޔޭގެ ހެވަށް ވުރެ، އަމިއްލަ މަސްލަހަތު އިސްކުރާކަން ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށެވެ. ވަކިން ޚާއްސަކޮށް، ފަލަސްތީނުގައި އިސްރާއީލުން ޖަރީމާތައް ހިންގާއިރު އިސްރާއީލް ހިމާޔަތް ކުރަން ވީޓޯގެ ބާރު ބޭނުންކުރުމުން އެކަން ހާމަވާ ކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ދުނިޔޭގެ ބޮޑެތި މައްސަލަތަކުގައި ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުން ވީޓޯ ބާރު ބޭނުންކުރާ ގޮތުން އެކަށީގެންވާ ފިޔަވަޅު އެޅުމަށް އދ.އަށް ހުރަސް އެޅޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންވެ، އދ.ގެ މަސައްކަތްތައް މިހާރަށް ވުރެ ކާމިޔާބުކަމާއެކު ކުރުމަށްޓަކައި ސަލާމަތީ މަޖިލީހުން ވީޓޯ ބާރު އުވާލުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން އދ.ގެ އާންމު މަޖިލީހުގައި ރާއްޖެ ތަމްސީލުކޮށްފައިވަނީ ވަގުތާއި ހާލަތާ ގުޅޭ ގޮތަށް، ވަރަށް ފުރިހަމަކޮށް ކަމަށް ވިދާޅުވެ ރައީސް ޑރ. މުޙައްމަދު މުއިއްޒާއި މުޅި ސަރުކާރަށް ގާސިމް މަރުހަބާ ވިދާޅުވިއެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގައި ވީޓޯ ބާރު ލިބިގެންވާ ފަސް ގައުމަކީ އެމެރިކާ، އިނގިރޭސިވިލާތް، ރަޝިއާ، ފްރާންސް އަދި ޗައިނާއެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތަކުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށާއި ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް އެ މަޖިލީހަށް ހުށަހެޅި ގަރާރުތަކެއް އެމެރިކާއިން ވީޓޯކޮށްފައިވެއެވެ.



More from vNews