ޝާހިދުގެ ބައްޕާފުޅު އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުއްވެއްޖެ

Wed, 24 Apr 2024 07:36 PM

View on this article on vNews

ޝާހިދުގެ ބައްޕާފުޅު އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުއްވެއްޖެ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް އަދި ކުރީގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނ.ޢ.ޢ.ވ ޢަބުދުﷲ ޝާހިދުގެ ބައްޕާފުޅު، ދަރަވަންދޫގޭ މޫސާ ޖަމީލް، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.



އެކްސް ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، އަލް މަރްޙޫމް ދަރަވަންދޫގޭ މޫސާ ޖަމީލް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމަޔާއެކުގައިކަމަށް ވިދާޅުވެފައެވެ. އަދި މާތް ﷲ މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމަށާއި، މައްޔިތާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުޢާކުރައްވައިފައެވެ.

ރައީސްގެ މި ޕޯސްޓު ރިޓުވީޓު ކުރައްވައި އަބްދުﷲ ޝާހިދު ވިދާޅުވީ، ރައީސްގެ ތަޢުޒިޔާގެ މެސެޖްގައި ފާޅުކުރައްވާފައިވާ ހިތްޕުޅުހެޔޮ ޝުޢޫރުތަކަށް އަމިއްލަ ނަންފުޅުގައާއި ޢާއިލާގެ ފަރާތުން އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ. ޢާއިލާއަށް ދިމާވި ނުހަނު ހިތްދަތި މިދަނޑިވަޅުގައި ރައީސްގެ އިރްޝާދާއެކު ބައްޕާފުޅުގެ ޖަނާޒާގެ ކަންކަން ފުރިހަމަ ކުރުމުގައި ސަރުކާރުގެ އިދާރާތަކުން ކުރެއްވި އިންތިޒާމުތަކަށްވެސް ޝާހިދު ވަނީ ޝުކުރު ދަންނަވާފައެވެ.

އަލް މަރްހޫމް މޫސާ ޖަމީލްގެ ކަށުނަމާދު ބާއްވާފައި ވަނީ މަސްޖިދުއް ސުލްތާން މުޙައްމަދު ތަކުރުފާނުލް އައުޛަމްގައެވެ. އެމަނިކުފާނު ފަސްދާނު ލެވުނީ ގަލޮޅު ސަހަރާގައެވެ.

މޫސާ ޖަމީލް އަވަހާރަވީ އާލާސްކަންފުޅަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެންދުނުގެ ވަގުތެއްގައެވެ. އަވަހާރަވީ އުމުރުފުޅުން 88 އަހަރުގަ އެވެ.

ޝައިޚް މޫސާ ޖަމީލަކީ، އައްޝައިޚް ދަރަވަންދޫގޭ ޢަބްދުﷲ ދީދީ ނުވަތަ ޢަބްދުﷲ ކަމާލުއްދީން، ބަންޑާރަ ނާއިބު މަނުކުފާނުގެ ބޭފުޅެކެވެ. ދޮންބަންޑާރައިންނަކީ ޝައިހް މޫސާ ޖަމީލު ދީދީގެ ފަސް ވަނަ ކާފާފުޅެވެ.

ދިވެހި ޅެންވެރި ކަމުގެ "އުޖާލާވި ރަންތަރި" ޝައިހު މުހައްމަދު ޖަމީލް ދީދީއާ އެެއް ބަފާ މޫސާ ޖަމީލަކީ ވެސް ކުޅަދާނަ ޅެންވެރިއެކެވެ. އަދި އޭނާއަކީ ގުރުއާން ހިތުދަސް ކުރައްވައިގެން ހުންނެވި ވަރަށް މޮޅު ވާހަކަ ދެއްކުންތެރިއެކެވެ. ކުރީގެ މަޖައްލާ "ސޫލާ" އަށް ވެސް މޫސާ ޖަމީލް ޅެން ލިޔުއްވި އެވެ. އޭނާގެ ޅެންތަކުގެ ތެރެއިން "މަރުގެ ނިދާ އައުމުން" އެއީ ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދި ޅެމެކެވެ.

ޝައިޚް މޫސާ ޖަމީލަށް ފަސް ބޭފުޅުން ލިބިވަޑައިގަތެވެ. އޭގެ ތެރެއިން އެންމެ ދޮށީ ބޭފުޅަކީ މުޙައްމަދު ޝާހިދެވެ. ދެން ތިއްބަވަނީ އަބްދުﷲ ޝާހިދާއި އަހުމަދު ޝާހިދެވެ. ހަނގަށް ލިބިވަޑައިގަތީ ފާތުމަތު ޝާހިދާއާއި އާމިނަތު ޝާހިދާއެވެ. ހަނގު ދެ ބޭފުޅުން ވަނީ ޅަ އުމުރުގައި އަވަހާރަވެފައެވެ.



More from vNews