ބިދޭސީ މަސައްކަތްތެރިން ހޯދަން ފުލުހުން ކުރި އިއުލާން ބާތިލްކޮށްފި

Sun, 05 May 2024 11:47 PM

View on this article on vNews

ބިދޭސީ މަސައްކަތްތެރިން ހޯދަން ފުލުހުން ކުރި އިއުލާން ބާތިލްކޮށްފި

ދިވެހި ފުލުހުންގެ މުއައްސަސާގެ ބޭނުމަށް ރާއްޖެއިން ބޭރުން ބިދޭސީން ގެނައުމާއި އެފަރާތްތަކާ ގުޅޭގޮތުން ސަރުކާރު އިދާރާތަކުން ކުރަންޖެހޭ ކަންކަން ކޮށްދޭނެ ފަރާތެއް ހޯދަން ބީލަން ހުޅުވާލައި ގެޒެޓުގައި ކުރި އިއުލާން ބާތިލްކޮށްފިއެވެ.



މި އިއުލާން ބާތިލުކުރިކަން އަންގާފައި ވަނީ ފުލުހުންގެ މީޑިއާ ގުރޫޕަށް ފޮނުވި މެސެޖެއްގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން އެވެ. ތަރުޖަމާނު ވިދާޅުވީ، އެ އިޢުލާނަކީ އާދައިގެމަތިން، ފުލުހުންގެ އިދާރާގެ ބަހާތަކުގައި ބިދޭސީންލައްވާ ކުރުވަމުންއައި މަސައްކަތްތައް ކުރުމަށް، ބިދޭސީން ހޯދުމަށް ކޮށްފައިވާ އިޢުލާނެއް ކަމަށެވެ. އިޢުލާނު ބާތިލް ކުރީ ދިވެހިންނަށް ވަޒީފާދިނުމުގައި އިސްކަންދޭގޮތަށް އެފަދަ ވަޒީފާތަކަށް މީހުން ހޯދުމުގައި ފުލުހުންގެ ޚިދުމަތުން ޢަމަލު ކުރުމަށް ނިންމާފައިވާތީ ކަމަށެވެ.

ފުލުހުން މިފަދަ އިއުލާނެއް ކޮށްފައިވާތީ އާންމު ރައްޔިތުން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ. އެއީ، މިދިޔަ ހަފުތާގައި ބޭއްވި އަހާ ފޯރަމްގެ ތިންވަނަ ޕްރޮގްރާމްގައި، ސަރުކާރުގެ އިދާރާތަކުގައި ބިދޭސީން ގެންގުޅުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން، ދިވެހި ރައްޔިތުން ވަޒީފާއަށް ނެގޭނެ ތަނެއްގައި ބިދޭސީން ގެންގުޅުމަކީ ސަރުކާރުގެ ވިސްނުމެއް ނޫންކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައި ފުލުހުން އެފަދަ އިއުލާނެއް ނެރެފައިވާތީއެވެ.

ވަޒީރު ވިދާޅުވީ، ޚާއްސަކޮށް ސަލާމަތާ ރައްކާތެރިކަމާ ގުޅޭ ޚިދުމަތް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި އެއްވެސް ހާލެއްގައި ބިދޭސީއަކު ހުރުމަކީ އެއީ މި ސަރުކާރުން ގެންގުޅޭނެ ސިޔާސަތެއް ނޫންކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

އަހާ ފޯރަމުގައި ވާހަކަދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ، ފުލުހުންގެ ތެރެއިން ރައްޔިތުންނަށް ސީދާ ދޭ ޚިދުމަތްތަކުގައި ބިދޭސީން މިހާރު ވެސް ޝާމިލް ނުވާނެ ކަމަށެވެ. ނަމަވެސް، ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގައާއި އަންސްކިލްޑް މަސައްކަތްތަކުގައި ކޮންމެވެސް ވަރަކަށް ބިދޭސީން އުޅޭކަމަށް ވަޒީރު ވިދާޅުވިއެވެ.



More from vNews