ސިންގަޕޫރު ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން އެނބުރި ގައުމަށް

Sun, 05 May 2024 11:34 PM

View on this article on vNews

ސިންގަޕޫރު ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން އެނބުރި ގައުމަށް

ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރާއްޖެ ވަޑައިގެންފިއެވެ.



ސިންގަޕޫރަށް ރައީސްގެ ދެކަނބަލުން ކުރެއްވި ދަތުރުފުޅާ ގުޅުން ހުރި އެއްވެސް ތަފުސީލެއް ރައީސް އޮފީހުން ހިއްސާކޮށްފައެއް ނުވެއެވެ.

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިދިޔަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުއެވެ.

މިދިޔަ މާޗު މަހުގެ 21ގައި ވެސް ރައީސާއި ފަސްޓްލޭޑީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގަތެވެ. ދެ ދުވަހުގެ އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު 23 ވަނަ ދުވަހުގެ ރޭ ދެކަނބަލުން އެނބުރި ވަޑައިގަތެވެ.

މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި ރައީސް އިންތިޚާބީ ރައީސްގެ ގޮތުގައި ހުންނެވިއިރު ވެސް ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ. އެ ދަތުރުފުޅުގައި އެމަނިކުފާނު ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަސް ހޭދަކުރެއްވިއެވެ.

ވެރިކަމަށް އިންތިޚާބުވުމަށް ފަހުގައި އެންމެ ފުރަތަމަ ރައީސް ދަތުރުފުޅެއް ކުރެއްވީ ތުރުކީއަށެވެ.

ރައީސްގެ ވެރިކަމުގެ ފުރަތަމަ ހަތަރު މަހުގެތެރޭގައި އެމަނިކުފާނު ވަނީ ތިން ޤައުމަކަށް ރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައެވެ. އެއީ ތުރުކީވިލާތް، އެކުވެރި އަރަބި އިމާރާތް، އަދި ޗައިނާއަށް ރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައެވެ. އަދި އެކުވެރި އަރަބި އިމާރާތަށް ރައީސް ދެ ފަހަރެއްގެ މަތިން ވަޑައިގަންނަވާފައިވެއެވެ.



More from vNews