ހުވާ ކުރުމުގެ ކުރިން މެމްބަރުންނަށް ޕާޓީ ބަދަލުކުރުމުގެ ފުރުސަތު އެބައޮތް: ހަބީބް

Wed, 24 Apr 2024 05:04 PM

View on this article on vNews

ހުވާ ކުރުމުގެ ކުރިން މެމްބަރުންނަށް ޕާޓީ ބަދަލުކުރުމުގެ ފުރުސަތު އެބައޮތް: ހަބީބް

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި، ވަކި ޕާޓީއެއްގެ ޓިކެޓުގައި ވިޔަސް އަދި އަމިއްލަ ގޮތުން އިންތިޚާބުވެވަޑައިގެންނެވި ނަމަވެސް، އެ މެމްބަރެއްގެ މެމްބަރުކަމުގެ ދައުރު ފެށުމުގެ ކުރިން އެހެން ޕާޓީއަކާ ގުޅުމުގެ ފުރުސަތު އޮންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބުރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.



ހަބީބް މިހެން ވިދާޅުވެފައި މިވަނީ، އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވި ހަ މެންބަރަކު ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއާ ގުޅިވަޑައިގަތުމުން، ދާދި ފަހުން ރައީސް ތަސްދީގު ކުރެއްވި އެންޓި-ޑިފެކްޝަންގެ ގާނޫނުގައިވާ ގޮތަށް އެ ހަ މެމްބަރުންގެ ގޮނޑި ގެއްލޭނެކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ.

އެންޓި-ޑިފެކްޝަންގެ ގާނޫނުގައިވާ ގޮތުން އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ހާލަތުގައި އެ މެންބަރަކު އިސްތިއުފާ ދޭން ޖެހޭނެ އެވެ. ނަމަވެސް، މެންބަރެއްގެ ހުވާ ކުރެއްވުމުގެ ކުރިން ޕާޓީއަކަށް ސޮއިކޮށްފި ނަމަ، ކަން ވާނެ ގޮތެއް ގާނޫނުގައި ނެތެވެ.

މިކަމާ ގުޅިގެން އެންމެ ފުރަތަމަ ހަބީބު ވެސް ވަނީ މިކަން ހިނގާނެ ގޮތަކާ މެދު ސުވާލު އުފައްދަވާފައެވެ. ޤާނޫނުގައި އެފަދަ ހާލަތެއްގައި ކަންކުރަންވީގޮތް ބަޔާންކޮށްފައި ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް ފަހުން އެކްސް ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައި ހަބީބް ވިދާޅުވީ، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބުނާ ޝަރުޠަކުންކުރެ ޝަރުޠެއް މި 6 ބޭފުޅުންގެ އުނި ނުވާ ކަމަށާއި އެންޓި-ޑިފެކްޝަންގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ބ) ގައި ބުނާ ފަދައިން، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު އަދި ނުފެށޭތީ އިންތިޚާބުވެވަޑައިގެންފައިވާ ކޮންމެ މެންބަރަކުވެސް، މެއި 28 ގެ ކުރިން އެ ބޭފުޅަކު ބޭނުންފުޅު ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ފުރުސަތު އެބައޮތްކަމަށް ހަބީބް ވިދާޅުވިއެވެ.

އެހެންނޫނަސް، ޤާނޫނުއަސާސީގެ 30، 59، 63، 69 އަދި 73 ގެ (ބ) އާ ޚިލާފަށް، އަދި ޤާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ޙައްޤެއް ޤާނޫނަކުން އުނި ނުކުރެވޭނެކަން ފާހަގަކުރައްވައި ހަބީބް ވަނީ މި 6 މެންބަރުންނަށް މަރުހަބާ ދަންނަވާފައެވެ.

ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި 66 ކެންޑިޑޭޓަކަށް އިންތިޚާބުގައި ކާމިޔާބީ ލިބިވަޑައިގެންނެވިއިރު، ސަރުކާރުގެ ތާއީދާ އެކު އިންތިހާބުގައި ވާދަކުރެއްވި ހަ ކެންޑިޑޭޓަކު ވެސް ވަނީ އިންތިހާބު ކާމިޔާބުކުރައްވައިފައެވެ. އަދި ޖުމްހޫރީ ޕާޓީގެ މެންބަރާއި އެމްއެންޕީގެ މެންބަރު އަދި އެމްޑީއޭގެ ދެ މެންބަރުން ވެސް ގުނަނީ ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ ގޮތުގައެވެ.

އެހެންކަމުން ސަރުކާރު ކޯލިޝަނުގައު ހިމެނޭ މެންބަރުންގެ އަދަދު މިހާރު ވަނީ 76 އަށް އަރާފައެވެ.



More from vNews