ހުޅުމާލޭގައި ވެއާހައުސިން ކޮންޕްލެކްސްއެއް އަޅަން ހަވާލުކޮށްފި

Wed, 24 Apr 2024 04:43 PM

View on this article on vNews

ހުޅުމާލޭގައި ވެއާހައުސިން ކޮންޕްލެކްސްއެއް އަޅަން ހަވާލުކޮށްފި

ޒަމާނީ ވަސީލަތްތަކާ އެކު ހުޅުމާލޭގައި ފެންވަރު ރަނގަޅު ވެއާހައުސިންގ ކޮމްޕްލެކްސް އެއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީ އާއި ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑް އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.



އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި ކޮންޓްރެކްޓާ، ރޮޓައިމް އިންޖިނިއަރިންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޒޯ ވެއިޑޮން އެވެ.

އެޗްޑީސީއިން ބުނީ މި ކޮމްޕްލެކްސް އިމާރާތް ކުރަން ހަމަޖެހިފައި ވަނީ އޮޓޮމޭޓެޑް ވެއާހައުސް މެނޭޖްމެންޓް ސިސްޓަމްގެ ވަސީލަތްތައް ހިމަނައިގެން ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ވެއާހައުސިން ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ފޮޓޯ: އެޗްޑީސީ

އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ މި ވެހައުސް ކޮމްޕްލެކްސް އަކީ އިންޑަސްޓްރީ އަށް އަންނަ އިންގިލާބީ ބަދަލަކަށް ވާނެ ކަމަށާއި، ހިދުމަތް ދޭން ފެށުމުން ވިޔަފާރިތަކަށް ގިނަ ކުރިއެރުންތައް ލިބޭނެ ކަމަށެވެ.

މި ކޮމްޕްލެކްސް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ އެކި ބާވަތުގެ މުދާ ރައްކާކުރުމަށް ތަފާތު ޔުނިޓްތައް ހިމަނައިގެންނެވެ. އޭގެެތެރޭގައި ކޯލްޑް ސްޓޯރޭޖް އާއި އިންޑަސްޓްރިއަލް ވެއާހައުސިން ޔުނިޓް އަދި ކާނާގެ ބާވަތްތަކާއި ކޮންޒިއުމަބްލް ރައްކާކުރެވޭ ޔުނިޓްތައް ހިމެނެއެވެ. އަދި އޮފީސް ޖާގައާއި ޝޯރޫމް ހިމެނޭ އިމާރާތެއް ވެސް މި ކޮމްޕްލެކްސްގައި ހުންނާނެއެވެ.

އެޗްޑީސީން ބުނީ އެކި ބާވަތުގެ މުދާ ރައްކާކުރެވޭ ގޮތަށް ހަދާ މި ކޮމްޕްލެކްސް އަކީ ވިޔަފާރިތަކަށް މުދާ ރައްކާކުރުމަށް ލުއި ފަސޭހަ ވަސީލަތަކަށް ވާނެ ކަމަށެވެ. ވަކިން ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މުދާ ރައްކާ ކުރާނެ އިތުރު ޖާގަ ތަނަވަސްވެ، ވިޔަފާރި ފުޅާ ކުރެވޭނެ ފުރުސަތު ތަނަވަސް ވާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.



More from vNews