ނިއުޕޯޓު ހިންގި ބިން އަތުލީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

Wed, 24 Apr 2024 04:15 PM

View on this article on vNews

ނިއުޕޯޓު ހިންގި ބިން އަތުލީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ބްރިޖް ވިއު ޕްލެޓްފޯމް ސަރަހައްދުގައި ހިންގަމުން ދިޔަ ނިއުޕޯޓް ވިއު ރެސްޓޯރަންޓް ހުސްކޮށް، އެ ބިން ދައުލަތުން ނަގާފައިވަނީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.



ސިނަމާލޭގެ ބްރިޖުގެ މަސައްކަތްތައް ކުރިއަށް ދާ ގޮތް އާއްމުންނަށް ދެއްކުމަށް ފްލެޓުފޯމަކާއެކު، ކާ އެއްޗެހި ވިއްކާތަނެއް ހަދައި، ނިއުޕޯޓް ހިންގާ ސްޓްރާޑާ ކުންފުންޏާއެކު އޭރުގެ ޕްލޭނިން މިނިސްޓްރީން ތިން އަހަރުގެ މުއްދަތަކަށް ސޮއިކުރިއެވެ.

ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް ސްޓްރާޑާއިން ކުލި ދައްކަމުންނުދާތީ، އެއްބަސްވުން ބާތިލްކޮށް، 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 2019 ވަނަ އަހަރުގެ ފެބްރުއަރީ 27 އާއި ހަމައަށް އެ ބިމުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 1.1 މިލިއަން ރުފިޔާ ހޯދުމަށާއި ބިން ހުސްކުރުމުގެ އަމުރަކަށް އެދި ދައުލަތުން ވަނީ ސްޓްރާޑާ އާ ދެކޮޅަށް ސިވްލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

އޭރު ސިވިލް ކޯޓުން ހުކުމް ކުރީ ދައުލަތުން އެދުނު ގޮތަށް އެ ފައިސާ ދެއްކުމަށާއި އެތަން ހުސްކުރުމަށެވެ. އެ މައްސަލަ ސްޓްރާޑާއިން އިސްތިއުނާފް ކުރުމުން 2021 ވަނަ އަހަރު ހައި ކޯޓުން ވެސް އެ ހުކުމަށް ތާއީދުކުރިއެވެ.

އެއަށްފަހު އެ މައްސަލަ ސްޓްރާޑާއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ އެއްބަސްވުމާ އެއްގޮތަށް ކުލި ދައްކާފައި ނުވާކަން އެ ކުންފުނީގެ ބަހުން ވެސް އެނގޭ ކަމަށެވެ. އެއްބަސްވުން ބާތިލް ކުރުމުގެ ކުރިން، ސްޓްރާޑާއަށް ދޫކުރި ބިމުން ބައެއް ދައުލަތަށް ނަގާފައިވާތީ ސަރުކާރުން އެ ކުންފުންޏަށް ބަދަލު ދޭންޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏަސް އެ ބަދަލު ނަގައިދެވޭނެ ހަމައެއް ނުދެއްކޭ ކަމަށް ކޯޓުން ވަނީ ބުނެފައެވެ.

މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި

ހުކުމުގައިވަނީ ހައި ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މައްސަލަ ބެއްލެވީ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުޖޫން އެވެ.



More from vNews