ކުރީގެ މެންބަރުންނަށް އެލަވަންސް ދިނުމާ ދެކޮޅަށް އަޑު އުފުލަނީ

Wed, 24 Apr 2024 04:00 PM

View on this article on vNews

ކުރީގެ މެންބަރުންނަށް އެލަވަންސް ދިނުމާ ދެކޮޅަށް އަޑު އުފުލަނީ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނަށް ދައުލަތުން އެލަވަންސް ދިނުމާ ދެކޮޅަށް އަޑުއުފުލައި ސޯޝަލް މީޑިއާ ކެމްޕެއިނެއް ފަށައިފިއެވެ.



މަޖިލީހުގެ މެންބަރުކަން އެންމެ މަދުވެގެން އެއް ދައުރު ފުރިހަމަ ކުރާ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި ހިދުމަތުގެ އިނާޔަތް ދޭން ވަނީ ކަނޑައަޅާފައެވެ.

ގާނޫނުގައި ބުނާ ގޮތަށް އެލަވެންސް ދޭ ނަމަ، އެއް ދައުރު ފުރިހަމަ ކުރާ މެންބަރަކަށް 18،000 ރުފިޔާ އަދި ދެ ދައުރަށް ވުރެ އިތުރަށް އަދާކުރާ މެންބަރަކަށް މަދުވެގެން 27،000 ރުފިޔާ ލިބޭނެއެވެ.

އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި މަޖިލީހުގެ އެއް ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި މެންބަރުކަމުގެ މަގާމުގައި ހުންނަ މީހަކަށް އޮންނަ މުސާރައެއްގެ 30 ޕަސެންޓް ދައުލަތުން ދޭންވާނެއެވެ. އަދި މަޖިލީހުގެ ދެ ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި މެންބަރުކަމުގެ މަގާމުގައި ހުންނަ މީހަކަށް އޮންނަ މުސާރައެއްގެ 45 ޕަސެންޓް ދައުލަތުން ދޭންވާނެއެވެ.

މި އިނާޔަތް ލިބޭނީ ރައްޔިތުންގެ މަޖިލީހުން ވަކިވުމަށް ފަހު އަދި އެ މެންބަރެއްގެ އުމުރުން 55 އަހަރު ފުރުމަށް ފަހުއެވެ. އަދި ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކުރާ ނަމަ، އެ ވަޒީފާއެއް އަދާކުރަމުންދާ މުއްދަތުގައި މި އިނާޔަތެއް ނުލިބޭނެ ކަމަށް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

މި އިނާޔަތް ލިބޭ ނަމަ، ދައުލަތުގެ އިތުރު ޕެންޝަނެއް ނުވަތަ މާލީ އިނާޔަތެއް ދައުލަތުން ނުލިބޭނެއެވެ. ނަމަވެސް ކުރީގެ މެންބަރުންނަށް މަޖިލީހުގެ މެންބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝުއަރެންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ލިބެއެވެ.

ނިމުނު މަޖިލިސް އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު މި ހިނގާ 10 ވަނަ ދައުރުގައި ތިއްބެވި 87 މެންބަރުންގެ ތެރެއިން އައު ދައުރަކަށް އިންތިޚާބުވެފައި ވަނީ އެންމެ 11 މެންބަރުންނެވެ. އެހެންކަމުން މި ނިމޭ މަޖިލީހުން އެކަނިވެސް 76 މެންބަރުންނަށް އެލަވަންސް ދޭން ޖެހޭނެއެވެ.

އޭގެ ތެރޭގައި އެއް ދައުރު ފުރިހަމަކުރި ގިނަ މެންބަރުންނާއި ދެ ދައުރު ނުވަތަ ތިން ދައުރު ފުރިހަމަކުރި މެންބަރުން ހިމެނެއެވެ.

ކުރީގެ މެންބަރުންނަށް އިނާޔަތް ދިނުމާ ދެކޮޅަށް އަޑު އުފުލާ ފަރާތްތަކުން ބުނަނީ ކޮންމެ މަޖިލީހަކަށް ވެސް އާ މެންބަރުން ހޮވަމުން އަންނަ އިރު ކުރީގެ މެންބަރުންގެ އަދަދު އިންތިހާއަށް އިތުރުވަމުންދާ ދަނޑިވަޅެއްގައި މިއީ ދައުލަތަށް އުފެލޭ މިންވަރަށް ވުރެ ބޮޑު މާލީ ބުރައެއް ކަމަށެވެ.

އެއް ދައުރުން އަނެއް ދައުރަށް މަޖިލީހުގެ މެންބަރުންގެ އަދަދުވެސް އިތުރު ވަމުން އަންނަކަން އެ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ނިމުނު އިންތިޚާބުގައި ވާދަކޮށް ނާކާމިޔާބީ އާ ކުރިމަތިލާން ޖެހުނު ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިސް މައުމޫން ވެސް ވަނީ އެކަމުގެ ސަބަބުން ދައުލަތު މާލިއްޔާއަށް ބުރަ އޮންނަ ކަމަށާއި އާއި އޭގެ ސަބަބުން އާންމު ރައްޔިތުންގެ އާމްދަނީއާ މެންބަރުންގެ އިނާޔަތާ ދެމެދު ފަރަގު އޮންނަ ކަމަށް ވިދާޅުވެފައެވެ. އަދި އެ އެލަވެންސްގެ ސަބަބުން އެ ހޯދުމުގެ ބޭނުމުގައި އެކި ނާޖައިޒު ގޮތްތަކުން މަޖިލީހަށް އިންތިހާބުވާން މަސައްކަތް ކުރާ މީހުން ވެސް އިތުރުވެފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ކުރީގެ މެންބަރުންނަށް އެލަވެންސްއެއް ދޭ ނަމަވެސް، އެ އެލަވަންސްއަކީ ޓީޗަރުންނާއި ޑޮކްޓަރުންނާއި އެހެން ވެސް ސަރުކާރުގެ ވަޒީފާތައް އަދާކުރާ މީހުންނަށް ދޭ އެލަވެންސްއަށް ވުރެ ބޮޑު އެލަވެންސްއަކަށް ވެގެން ނުވާނެ ކަން އެ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

މި އެލަވެންސް އުވާލުމާ ގުޅޭ ގޮތުން އެއްވެސް ސިޔާސީ ޕާޓީއަކުން ވެސް އަދި މަޖިލިސް މެންބަރުން ވެސް ވަކާލާތު ކުރަމުން ނުދާތީ، ސޯޝަލް މީޑިއާގައި އެކި މީހުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.



More from vNews