ރައީސް އިލްތިމާސްކުރެއްވީ މީހުން ފަޟީހަތް ނުކުރުމަށް

Mon, 06 May 2024 12:30 PM

View on this article on vNews

ރައީސް އިލްތިމާސްކުރެއްވީ މީހުން ފަޟީހަތް ނުކުރުމަށް

މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގައި، އެކަމުގެ ވީޑިއޯ ނަގައި އެމީހުން ފަޟީހަތް ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.



ރައީސް މިފަދައިން އިލްތިމާސްކުރެއްވި ސީދާ ސަބަބު ހާމަނުކުރެއްވި ނަމަވެސް ބެލެވޭ ގޮތުގައި މިއީ، ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ކާރުކޮޅާއި އާންމު މީހެއްގެ ޕިކަޕެއް އެކްސިޑެންޓުވި ސަރަހައްދުގައި ހުންނަވައި، ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު އިމްރާން ލަތީފް (އިންމު) ސޯޝަލް މީޑިއާގައި އާންމުކުރެއްވި ވީޑިއޯ އަކާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ކުރީގެ ވަޒީރު އިމްރާނަށް އަމާޒުވެފައިވާތީ ރައީސް ކުރެއްވި އިލްތިމާސެކެވެ.

އެ ވީޑިއޯއިން ފެންނަގޮތުގައި އިންތިޚާބީ މެމްބަރު އިންމު، ކުރީގެ ވަޒީރު އިމްރާންގެ ކިބައިން އެދެމުންދިޔައީ ޕިކަޕް ޑްރައިވަރަށް މައާފުކޮށްދިނުމަށެވެ. މައާފުނުކުރެވޭ ނަމަ، ކާރަށްވީ ގެއްލުމުގެ ބަދަލު ދެއްވާނެކަމަށް އިންތިޚާބީ މެމްބަރު ވިދާޅުވެއެވެ.

އެ ވީޑިއޯއާ އެކު ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި ކުރީގެ މިނިސްޓަރު އިމްރާނަށް ފާޑު ކިޔައިފައެވެ. އަދި، އަނެއް ބަޔަކު ވަނީ އިންތިޚާބީ މެންބަރުގެ ފަރާތުން ފެނުނީ ދަށު ދަރަޖައިގެ އަމަލެއް ކަމަށް ބުނެ ވެސް ނުރުހުން ފާޅުކޮށްފައެވެ.

ވީޑިއޯ ވައިރަލްވެ އެކި މީހުން އެކިގޮތަށް މި މައްސަލައިގައި ވާހަކަދައްކަމުން އަންނަ މި ދަނޑިވަޅުގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، އެއްވެސް މަޤްސަދެއްގައި ވީޑިޔޯކޮށް ޢާއްމުންގެ ތެރޭގައި ފަޟީހަތްކޮށް ހެދުމަކީ، އަޚްލާޤީ ގޮތުންނާއި އިޖްތިމާޢީގޮތުން ބަލާއިރު އެއްގޮތަކަށްވެސް ކޮށްގެންވާނޭ ކަންކަމެއްނޫން ކަމަށެވެ.

ކުށެއް ކޮށްފި މީހަކާއިމެދު ކަންކުރާނޭ ގޮތް ޤާނޫނުގައި ބަޔާންކޮށްފައިވާކަމާއި، އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ޤާނޫނީ ނިޒާމު ޤާއިމް ވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ދީނީ ގޮތުންނާއި އިޖްތިމާޢީގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް، ޤާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖްތަމަޢުން ނައްތާލަން މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫޙު ނައްތާލުމަށްވެސް އެޅޭ ހުރަހަކަށްނޫނީ ނުވާކަމަށް ރައީސް ވިދާޅުވިއެވެ.

އެއަށްފަހު ރައީސް އިލްތިމާސްކުރެއްވީ، އަޅުގަނޑުމެން އެންމެންނަކީ އޯގާތެރި، ކުލުނުވެރި، އަދި ޒިންމާދާރު މުޖުތަމަޢެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވުމަށެވެ.

ކުރީގެ ވަޒީރު އިމްރާނަށް ފާޑުކިޔުންތަކެއް އަމާޒުވެފައިވާ މި ދަނޑިވަޅުގައި، މީހުންނަށް ކުރެވޭ ކުށުގެ ނާޖައިޒު ފައިދާ ނަގައި، އެ މީހާ ފަޟީހަތްކުރުމަށް ވީޑިއޯ ނަގައި އާންމުނުކުރުމަށް ރައީސް އިލްތިމާސްކުރެއްވިއިރު، ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ސިޔާސީ ހަޔާތްޕުޅު ފެއްޓެވީ އިމްރާން ރައީސްކަން ކުރައްވަމުން ގެންދަވާ އަދާލަތު ޕާޓީންނެވެ.

ރާއްޖޭގައި މީހުން ފަޟީހަތް ކުރުމަށް ސޯޝަލްމީޑިއާގައި ފޮޓޯއާއި ވީޑިއޯ އާންމުކުރާއިރު އެފަދަ ނޭއްގާނި އަމަލުތައް ކުރުމަށް ވަކިން ހާއްސަކޮށް ޕޭޖުތަކާއި އެކައުންޓުތައް ހަދާފައި ހުންނަކަން ފާހަގަކޮށްލެވެއެވެ.



More from vNews