އަމިއްލަ ގޮތުން ހޮވުނު 6 މެންބަރަކު ޕީއެންސީއަށް ސޮއިކޮށްފި

Wed, 24 Apr 2024 01:44 PM

View on this article on vNews

އަމިއްލަ ގޮތުން ހޮވުނު 6 މެންބަރަކު ޕީއެންސީއަށް ސޮއިކޮށްފި

ނިމުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވި ހަ މެންބަރަކު ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ.



އޭގެ ތެރެއިން ފަސް އިންތިޚާބީ މެންބަރުންނަކީ ޕާޓީން ވަކިވެ އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބު ކުރެއްވި ބޭފުޅުންނެވެ. އެ ފަސް ބޭފުޅުން ވަނީ މިއަދު އަލުން ޕީއެންސީ އާ ގުޅިވަޑައިގެންފައެވެ.

އެއީ:

  • މައްޗަންގޮޅި މެދު ދާއިރާ އިން އިންތިހާބުވި އަހްމަދު ޒަމީރު
  • ނައިފަރު ދާއިރާއިން އިންތިހާބުވި ޔާސީން އަބްދުﷲ
  • ތިމަރަފުށި ދާއިރާ އިން އިންތިހާބުވު އަހުމަދު ރިޔާޒް
  • ހުރާ ދާއިރާއިން އިންތިހާބުވި ޑރ. އަނާރާ ނައީމް
  • މަތިވެރި ދާއިރާ އިން އިންތިހާބުވި ހަސަން ޒަރީރު

މި ބޭފުޅުންގެ އިތުރުން ވިލިނގިލި ދާއިރާ އިން އިންތިހާބުވި އާޒިމް އަބްދުލް އަޒީޒް ވަނީ މުޅިން އަލަށް ޕީއެންސީ އާ ގުޅިވަޑައިގެންފައެވެ.

އެ މެންބަރުން އިއްޔެ ޕީއެންސީއަށް ސޮއިކުރައްވާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާޒިރުގައެވެ.

ޕާޓީގެ ޕްރައިމަރީން ޓިކެޓު ކަށަވަރު ނުވުމުން ބައެއް ބޭފުޅުން ވަނީ އަމިއްލަ ގޮތުން ވާދަކުރައްވާފައެވެ. އެގޮތުން މި ހަ މެންބަރުންވެސް އިންތިޚާބު ކާމިޔާބުކުރައްވާފައި ވަނީ ޕީއެންސީގެ ޓިކެޓުގައު ވާދަކުރެއްވި ކެންޑިޑޭޓުންނާ ވާދަކުރެއްވައިގެންނެވެ.

ނިމުނު އިންތިޚާބުގައި ޕީއެންސީން 66 ގޮނޑި ކާމިޔާބު ކޮށްފައި ވާއިރު ސަރުކާރުގެ ތާއީދާ އެކު އިންތިހާބުގައި ވާދަކުރެއްވި ހަ ކެންޑިޑޭޓަކު ވެސް ވަނީ އިންތިހާބު ކާމިޔާބުކުރައްވައިފައެވެ. އަދި ޖުމްހޫރީ ޕާޓީގެ މެންބަރާއި އެމްއެންޕީގެ މެންބަރު އަދި އެމްޑީއޭގެ ދެ މެންބަރުން ވެސް ގުނަނީ ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ ގޮތުގައެވެ.

އެހެންކަމުން ސަރުކާރު ކޯލިޝަނުގައު ހިމެނޭ މެންބަރުންގެ އަދަދު މިހާރު ވަނީ 76 އަށް އަރާފައެވެ.

ދާދި ފަހުން ރައީސް ތަސްދީގު ކުރެއްވި އެންޓި-ޑިފެކްޝަންގެ ގާނޫނުގައިވާ ގޮތުން އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ހާލަތުގައި އެ މެންބަރަކު އިސްތިއުފާ ދޭން ޖެހޭނެއެވެ. ނަމަވެސް، މެންބަރެއްގެ ހުވާ ކުރެއްވުމުގެ ކުރިން ޕާޓީއަކަށް ސޮއިކޮށްފި ނަމަ، ކަން ވާނެ ގޮތެއް ގާނޫނުގައި ބަޔާންކޮށްފައެއް ނުވެއެވެ.



More from vNews