އަނބިކަނބަލުންނަށް ގޮނޑި ނުލިބުނީ ފައިސަލް ނަސީމްއާ ހެދި: މަޙްލޫފް

Tue, 23 Apr 2024 10:53 PM

View on this article on vNews

އަނބިކަނބަލުންނަށް ގޮނޑި ނުލިބުނީ ފައިސަލް ނަސީމްއާ ހެދި: މަޙްލޫފް

ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ފުވައްމުލަކު ދެކުނު ދާއިރާއަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވި ނަޒްރާ ނަސީމްއަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތީ އެކަމަނާގެ ބޭބޭފުޅު އަދި ރާއްޖޭގެ ކުރީގެ ނައިބުރައީސް ފައިސަލް ނަސީމްގެ ސަބަބުންކަމަށް ނަޒްރާގެ ފިރިކަލުން އަދި ރާއްޖޭގެ ކުރީގެ ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.



އެ އިންތިހާބާއި ގުޅުވައިގެން މަހުލޫފް އެމްޑީޕީ ގައުމީ މަޖިލީސް ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އެ ދާއިރާގެ ގޮނޑި އެމްޑީޕިއަށް ގެއްލުވާލީ ސީދާ ނަޒްރާގެ ބޭބޭފުޅު، ފައިސަލް ނަސީމް ކަމަށެވެ. އެކަމަކު އެމަނިކުފާނަށް ގެއްލުވާލެވުނީ އެންމެ 48 ވޯޓު ކަމަށް ވިދާޅުވިއެވެ. އަދި އެ ދާއިރާގެ ޓީމްގެ ފަރާތުން މި މައްސަލަ ޕާޓީއަށް ހުށަހަޅާނެކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

މަހްލޫފް ވިދާޅުވީ، އާއިލާ އަދި ދާއިރާގެ އެތައް ބަޔަކަށް ގުޅާ ދިޔައީ ނަޒްރާ އާއި ދެކޮޅަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި މިކަން ޕާޓީގެ ލީޑާޝިޕް ބޭފުޅުންނަަށާއި، އަދި ނަޒްރާގެ މައިންބަފައިންނާއި އާއިލާއަށްވެސް އެނގޭނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

މިކަމުގައި ނަޒްރާގެ ކެމްޕެއިން ޓީމު އޮތީ ދޫދޭގޮތަކަށް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، މިދިޔަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ކުރިމަތިވެވަޑައިގަތް ނާކާމިޔާބީއާ ވެސް މަހްލޫފް ގުޅުވީ ފައިސަލް ނަސީމާއެވެ. ފައިސަލް އެގޮތަށް ކަންކުރެއްވީ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙްގެ ރަނިންމޭޓަކަށް މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ހަމަޖެއްސުމުންކަމަށާއި އެކަމުގައި އިތުރު ސަބަބެއް ވެސް އެބައޮތްކަމަށް މަހްލޫފް ވިދާޅުވިއެވެ.

ނަޒޫގެ ކެމްޕޭނަށް ރައީސް ޞާލިހު، ޕާޓީގެ ރައީސް ޝާހިދު އަދި ޕާޓީގެ ޗެއަރޕާސަން ފައްޔާޒް ވަޑައިގެން ވަރަށް މަސައްކަތްކޮށްދެއްވި ކަމަށާއި، ނަމަވެސް އެހެން ހުރިހާ ކެންޑިޑޭޓުންގެ ދާއިރާތަކަށް ދަތުރު ކުރަމުންދިޔައިރު، ފައިސަލް ނަސީމަށް ހަމައެކަނި ނާދެވުނީ އެއްބަނޑު އެއްބަފާ ކޮއްކޮ ނަޒޫގެ ކެމްޕޭނަށް ފުވައްމުލަކަށް ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މަހްލޫފްގެ މި ވާހަކަފުޅާ ގުޅިގެން މީސްމީޑިއާގައި އެކި މީހުން ވާހަކަދައްކަމުން އަންނަނީ އެކި ގޮތަށެވެ. ބައެއް މީހުން އޭނާގެ ވާހަކަތަކަށް ތާއީދުކުރި ނަމަވެސް އަނެއްބައި މީހުން ބުނަމުން ގެންދަނީ، މަހްލޫފް އުޅުއްވަނީ ކުރިމަތިވެވަޑައިގަތް ނާކާމިޔާބީ ބަލައިނުގަނެވިގެން ކަމަށެވެ.

މަޖިލިސް އިންތިޚާބުގައި ނަޒްރާ އެމްޑީޕީގެ ޓިކެޓުގައި ނުކުމެވަޑައިގެންނެވިއިރު، ރައީސް ޔާމީން އުފެއްދެވި ޕީއެންއެފް އިން ވަނީ އެ އިންތިޚާބުގައި އެކަމަނާއަށް ތާއީދުކޮށްފައެވެ.

އެހެންނަމަވެސް އެ ދާއިރާގެ ގޮނޑި ނެގީ ސަރުކާރު ކެންޑިޑޭޓް އިބްރާހިމް ހުސައިނެވެ. ނަޒްރާއަށް އިންތިޚާބުގައި ލިބިވަޑައިގަތީ 1094 ވޯޓެވެ. އިބްރާހިމް ހުސެއިން ވަނީ 1142 ވޯޓު ހޯއްދަވާފައެވެ.



More from vNews