އުޑުގައި ޖެހުނަސް ބިމުގައި ޖެހުނަސް ރައީސް އަޅުގަނޑަށް މެސެޖް ކުރާކަމަކަށް ނުވާނެ: ޔާމީން

Thu, 18 Apr 2024 12:35 PM

View on this article on vNews

އުޑުގައި ޖެހުނަސް ބިމުގައި ޖެހުނަސް ރައީސް އަޅުގަނޑަށް މެސެޖް ކުރާކަމަކަށް ނުވާނެ: ޔާމީން

އުޑުގައި ޖެހި ބިމުގައި ޖެހުނަސް ރައީސް ޑރ މުހައްމަދު މުއިއްޒު އެމަނިކުފާނަށް މެސެޖް ކުރައްވާކަމަކަށް ނުވާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.



ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ ހުކުމް އިއްވުން މިއަދަށް ހައިކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ.

އެއާއެކު، ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލައިގައި ހުކުމްކުރުން ބުރާސްފަތި ދުވަހަށް ތާވަލުކުރުން އެއި ނުހަނު އުފާކުރައްވާކަމެއް ކަމަށާއި، ދުޢާ އަކީ ރައީސް ޔާމީނަށް އިންސާފުލިބި، މިނިވަންވެގެން އައުންކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ރޭ އޮތް ޕީއެންއެފްގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ރައީސްގެ އެ ވާހަކަފުޅަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އެހެންނަމަވެސް ރައީސްގެ މެސެޖުގައި ކޮންމެވެސް ކަހަލަ ނުރައްކަލެއް އުޅޭކަމަށް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވަނީ މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗު ހަމަވާނެ ކަމަށް އުންމީދު ކުރާކަމަށް ވިދާޅުވެފައެވެ.

ކޮންމެސް ކަހަލަ ނުރައްކަލެއް މި މެސެޖުގައި އެބައުޅޭ. އެހެން މި ދަންނަވާ ސަބަބަކީ ރައީސް މުއިއްޒަކީ އަޅުގަނޑަށް މެސެޖް ފޮނުއްވާ އުޅުއްވާ ބޭފުޅެއް ނޫން. މިހާތަނަކަށް އެކަން ކުރެއްވި ބޭފުޅެއް ނޫން. އަދި ކިތަންމެ ވަރަކަށް ރައީސް ޔާމީނަށް ގުޅާ މެސެޖް ފޮނުވާ ހަދަމޭ ވިދާޅުވިޔަސް އެއީ ހަމަ އުޑުގައި ޖެހުނަސް ބިމުގައި ޖެހުނަސް އެއީ ހަމަ ބުހުތާނު ދޮގު ވާހަކަ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑަކުރި ކަމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން އެ ހުކުމް އިއްވާފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ރައީސް ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރި ނަމަވެސް، ހުކުމާ ހަމައިގައި އޮތް އެ މައްސަލައިގެ ކަންކަން ކުރިއަށް ދިޔައީ ވަރަށް ލަސް ދުވެއްޔެއްގައެވެ.



More from vNews