ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން 48 ޑީޕޯޓްކުރަނީ

Wed, 01 May 2024 12:34 PM

View on this article on vNews

 ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން 48 ޑީޕޯޓްކުރަނީ

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބޭރު މީހުން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓްކުރަން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.



ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ، އާމްދަނީ ހޯދުމަށް މަސައްކަތްކުރުމުގެ ފުރުސަތު، ދިވެހީންނަށް އިތުރަށް ފަހިކޮށްދިނުމަށްޓަކައި ރާއްޖޭގައި ދިވެހީންނަށް ނޫނީ ވަޒީފާ އަދާނުކުރެވޭނެ 22 ދާއިރާއެއް މި ސަރުކާރުން ވާނީ ކަނޑައަޅައިފައިކަމަށެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް ވަޒީފާ އަދާކޮށް، ވިޔަފާރިކުރަމުންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް، އެފަދަ ބޭރުމީހުން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓްކުރަން މިހާރު ފަށާފައިވާކަަމަށެވެ. އަޅައިނުލައި ހައްލެއް ނުހޯދައި އެތައް އަހަރެއްވެފައިވާ މިފަދަ ކަންކަން މުޅީން ހައްލުކުރެވޭނީ ގިނަދުވަހުން، ހުއްޓުމެއްނެތި ބެލެހެއްޓުމާއެކު، ގާނޫނު ތަންފީޒުކުރުން ދަމަހައްޓައިގެންކަމަށް ރައީސް ވިދާޅުވިއެވެ.

ގަވާއިދާ ހިލާފަށް ބިދޭސީން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓްކުރަން ފަށާފައިވާކަމަށް ރައީސް ވިދާޅުވިއިރު، މިމައްސަލަ ތިން އަހަރު ދުވަހުގެ ތެރޭގައި ހައްލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާންވެސް މިފަހުން ވިދާޅުވެފައެވެ.

އިހުސާން ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭކަމަށް ފާހަގަކުރެވޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ފުރުސަތު ދޭނެކަމަށާއި އެ ފުރުސަތުގެ ބޭނުން ނުހިފާނަމަ ޑީޕޯޓް ކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި އެއްވެސް ގޮތަކަށް ކާކުކަން އެނގޭފަދަ ލިޔެކިޔުމެއް ނެތް ފަރާތްތައް ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު އެކި އެމްބަސީތަކާ ގުޅިގެން ދެނެގަނެ، ޓްރެވަލް ޑޮކިއުމަންޓެއް ހަދައި ވަގުތުން ޑީޕޯޓް ކުރެވޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖެއެތެރެވާ ބިދޭސީންގެ މައުލޫމާތު ބެލެހެއްޓުމުގެ ކަންކަން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މިހާރަށްވުރެ ހަރުދަނާކުރުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން ފަށަން ނިންމާފައިވާ ތަރައްގީގެ ގިނަ މަޝްރޫއުތަކާއެކު ކުރިއަށް އޮތްތަނުގައި އަންސްކިލްޑް ލޭބަރުންގެ ޑިމާންޑް އިތުރުވާނެ ކަމަށާއި، އެފަދަ ލޭބަރުން ގަވާއިދާ އެއްގޮތަށް ރާއްޖެއަށް އެތެރެވާކަން ކަށަވަރު ކުރުމަށް ހާއްސަ މަސައްކަތްތައް ކުރާނެ ކަމަށެވެ.



More from vNews