އެންމެ ކުޑަ އުޖޫރަ ކަނޑައެޅި ނަމަވެސް މަސައްކަތްތެރިންގެ ހާލަތު ބަދަލެއް ނުވޭ

Wed, 01 May 2024 01:38 PM

View on this article on vNews

އެންމެ ކުޑަ އުޖޫރަ ކަނޑައެޅި ނަމަވެސް މަސައްކަތްތެރިންގެ ހާލަތު ބަދަލެއް ނުވޭ

މަސައްކަތްތެރިންނަށް އެކަށީގެންވާ މުސާރައެއް ފޯރުކޮށް ދިނުމަށް، އެންމެ ކުޑަ އުޖޫރައެއް ކަނޑައަޅާފައިވީ ނަމަވެސް، މަސައްކަތްތެރިންގެ ހާލަތަށް އެންމެ އެކަށީގެންވާ ހެޔޮ ބަދަލެއައިސްފައި ނުވާ ކަމަށް މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) އިން ގޮވާލައިފިއެވެ.



ބައިނަލްއަގްވާމީގޮތުން ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ބުނީ ރާއްޖެއަކީވެސް އެކަށީގެންވާ މުސާރައެއް މަސައްކަތްތެރިންނަށް ލިބި ނުދެވޭ، މަސައްކަތުގެ މާހައުލަށް އެކަށީގެންވާ ހެޔޮ ބަދަލުތައް އައިސްފައި ނުވާ ގައުމެއް ކަމަށެވެ.

އެ ޖަމިއްޔާއިން ބުނީ އެންމެ ކުޑަ އުޖޫރައެއް ގާނޫނުން ކަނޑައަޅާފައި އޮތް ނަމަވެސް އެކަން އެންމެ އެކަށީގެންވާ ގޮތުގައި ތަންފީޒު ނުކުރެވޭ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ވަޒީފާތަކުގައި އަދިވެސް، ބައެއް އޮފީސްތަކުގެ ވެރީންގެ ގޮތުގައިވެސް ބިދޭސީން މަސައްކަތް ކުރަމުންދާ ދިއުމާއި، ރިސޯޓުތަކުގައި މަސައްކުރަމުންދާ އެތައް ހާސް މުވައްޒިފުންގެ ކެއުމާއި، ބުއިމާއި، އެކަމަޑޭޝަނާއި، އެމީހުންނަށް ސަރވިސް ޗާރޖު ލިބިދިނުންފަދަ އެތައް ކަމެއްގައި އަދިވެސް ބޮޑެތި އިހުމާލްތައް ހުރިކަމުގެ ޝަކުވާތައް ގިނަކަމަށް އެމްޓީއޭއިން ވަނީ ބުނެފައެވެ.

އަދި ބައެއްކަހަލަ މަގާމުތަކުގައި ތަޢުލީމާއި ތަޖުރިބާއާއި އެކަށީގެންނުވާ ވަރުގެ ބޮޑެތި މުސާރަތައް ދެމުން ދިއުމުގެ ސަބަބުން އިޖުތިމާއީ އިންސާފު ގެއްލިގެން ގޮސްފައިވާކަމަށް ވެސް ބަޔާނުގައި ވެއެވެ.

މީގެއިތުރުން، މަސައްކަތްތެރިންނާމެދު ބޮޑެތި އިހުމާލުތައް ހުރިއިރު، މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތު ކުރުމުގެ ބަދަލުގައި ސިޔާސީ ފަރާތްތަކުން އެފަރާތްތަކުގެ ސިޔާސީ މަސްލަހަތު އެކަނި އިސްކޮށް، މަސައްކަތްތެރިންގެ ގުރުބާނީތަކުގެ މަތިން ހަނދާން ނައްތާލާއިގެން ތިބޭ ތިބުމަކީ މިފަދަ ދުވަހެއްގައި ފާހަގަކުރަންޖެހޭ ކަމެއްކަމަށް ވެސް ބުނެފައިވެއެވެ.

ޓްރޭޑް އެސޯސިއޭޝަނުން ވަނީ ރާއްޖޭގެ މަސައްކަތްތެރިންގެ ހައްގުތައް ފުރިހަމައަށް ރައްކާތެރިކޮށްދީ، މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި މަސައްކަތްތެރިންނަށް ހައްގުވާ މުސާރަ ކަށަވަރު ކޮށްދިނުމަށް ދައުލަތަށާއި، ވަޒީފާ ދޭ ފަރާތްތަކަށް ގޮވާލާފައެވެ.



More from vNews