އުޖޫރައިގެ ހަމަހަމަކަން ވީހާވެސް އަވަހަކަށް ގާއިމްކުރުމަށް ސީއެސްސީން އެދިއްޖެ

Wed, 01 May 2024 01:27 PM

View on this article on vNews

އުޖޫރައިގެ ހަމަހަމަކަން ވީހާވެސް އަވަހަކަށް ގާއިމްކުރުމަށް ސީއެސްސީން އެދިއްޖެ

އުޖޫރައިގެ ހަމަހަމަކަން ވީހާވެސް އަވަހަކަށް ގާއިމްކުރުމަށް ސިވިލް ސާވީސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ނާސިހު ގޮވާލައްވައިފިއެވެ.



ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ހިތާބުގައި ނާސިހު ވަނީ، ދިވެހި ސިވިލް ސާވިސްއަކީ ދިވެހި މަސައްކަތްތެރިންގެ ބޮޑު ބައެއް ހިއްސާކުރާ މުއައްސަސާއެއްކަން ފާހަގަކުރައްވާފައެވެ. ޒަމާނަށް އަންނަމުންދާ ބަދަލުތަކާއި، ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތަކުގެ ސަބަބުން ހިދުމަތް ދިނުމުގެ ވައްޓަފާޅިއަށް ބިޑެތި ބަދަލުތަކެއް އައިސްފައިވާކަން ނާސިހު ފާހަގަކުރެއްވިއެވެ. އެހެންކަމުން ހިދުމަތުގެ އާންމު މިންގަނޑެއްގެ ގޮތުގައި އާންމުން ރައްޔިތުން ބަލައިގްނަން މިންގަނޑު މިއަދު އުފުލިފައިވާކަން އޭނަ ފާހަގަކުރެއްވިއެވެ.

މަސައްކަތުގެ އުޖޫރަ މަތިކޮށް އެ އުޖޫރައިގެ ހަމަހަމަކަން ގާއިމްކުރަން ސަރުކާރުން ކުރާ މަސައްކަތްތަކުގެ ނަތިއްޖާއެއްގެ ގޮތުން ސިވިލް ސާވީސްގެ ތައުލީމީ އަދި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަންނީ ބައެއް މުވައްޒަފުންނަށް އުޖޫރައިގެ ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކުރައްވާ ނާސިހު ވިދާޅުވީ، އަދިވެސް ގިނަ ދާއިރާތަކެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެންމެ އެދެވޭ ގޮތެއްގައި އެ ކުރިއެރުން ލިބިފައިނުވާކަމަށެވެ.

ނާސިހު ވިދާޅުވީ، އުޖޫރައިގެ ހަމަހަމަކަން ގާއިމްނުވެ ހޭދަވާ ކޮންމެ ދުވަހަކީ ސިވިލް ސާވީސްގެ ދާއިރާތަކަށް ގާބިލު މީހުން ލިބުމުގެ ދަތިކަން ތަހައްމަލު ކުރަންޖެހޭ އަދި ހިދުމަތުގައި މިހާރުވެސް ދެމިތިބި މިފަދަ މުވައްޒަފުންނަށް ނުތަނަވަސް ކަމާއި މާޔޫސްކަމާއި ކުރިމަތިލާން ޖެހޭ ދުވަހެއްކަމަށެވެ. އެހެންކަމުން ސިވިލް ސާވިސްގެ ހުރިހާ ފަންތީތަކާއި ގިންތިތަކެއްގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންނަށް އޫޖުރައިގެ ކުރިއެރުން ލިބިދިނުމާއި އުޖޫރައިގެ ހަމަހަމަކަން ގާއިމްކުރުމުގެ މަސައްކަތް ވިހައިވެސް އަވަހަކަށް ނިންމައިދޭން ނާސީހު އެދިވަޑައިގެންނެވިއެވެ.

ސިވިލް ސަރވިސްއަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒްކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުމާއި، ރައްޔިތުންނަށް ޚިދުމަތްކުރުމަށް އޮތް މުވައްސަސާއަކަށްވާއިރު ރައްޔިތުން ބަލައިގަންނަ ގޮތެއްގައި ޚިދުމަތްދިނުމުގައި އަދި ޚިދުމަތް ހޯދާ ފަރާތްތަކާއި މުއާމަލާތްކުރުމުގައި ސާފު، ސާދާ އަދި ދެފުއްފެންނަ ގޮތްތައް ހިޔާރުކޮށް މައްސަލަ ހައްލުކުރުމުގެ ވިސްނުމުގައި މަސައްކަތްކުރުމަކީ މުހިންމު ކަމެއްކަމަށް ނާސިހު ވަނީ ފާހަގަކުރައްވާފައެވެ.



More from vNews