ދިއްގަރުގައި 75 ހައުސިން ޔުނިޓް އަޅަން އެމްޓީސީސީއަށް

Thu, 18 Apr 2024 12:01 PM

View on this article on vNews

ދިއްގަރުގައި 75 ހައުސިން ޔުނިޓް އަޅަން އެމްޓީސީސީއަށް

މ. ދިއްގަރުގައި ހައުސިން ޔުނިޓްތަކެއް އިމާރާތް ކުރުމުގެ މަޝްރޫއު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.



މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ޢަބްދުﷲ ޒިޔާދެވެ. އަދި މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑެވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދެވެ.

މިމަޝްރޫޢުގެ ދަށުން، 1000 އަކަފޫޓުގެ ސަރަޙައްދެއްގައި 3 ފަންގިފިލާގެ 75 ފްލެޓް އިމާރާތްކުރާނެއެވެ. އަދި ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި އިމާރާތް ކުރާނެއެވެ. މި މަޝްރޫއަކީ 117.97 މިލިއަން ރުފިޔާއަށް 420 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.

1،460 މީހުންގެ އާބާދީއެއް އޮންނަ ދިއްގަރު ރައްޔިތުން އާއްމުގޮތެއްގައި އާމްދަނީ ހޯދަން ހަރަކާތްތެރިވަނީ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގައެވެ. އަދި، ކޮންސްޓްރަކްޝަން މަސައްކަތުގައި ހަރަކާތްތެރިވާ ރައްޔިތުންވެސް މަދެއް ނޫނެވެ. ޒަމާނުއްސުރެ ގެދޮރުގެ ދަތިކަން ދިމާވެފައިވާ ދިއްގަރު ރައްޔިތުންނަށް މިމަޝްރޫއުގެ މަސައްކަތް ނިމުމާއެކު، ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ފާއިތުވި 43 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް ހިންގާ ކާމިޔާބުކަމާއިއެކު ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.



More from vNews