ގެސްޓްހައުސްތަކުން ރާއްޖޭގެ ޖީޑީޕީ ދައްވާ ކަމަށް ގަބޫލު ނުކުރަން: މަޓާޓޯ

Tue, 30 Apr 2024 10:04 PM

View on this article on vNews

ގެސްޓްހައުސްތަކުން ރާއްޖޭގެ ޖީޑީޕީ ދައްވާ ކަމަށް ގަބޫލު ނުކުރަން: މަޓާޓޯ

ރާއްޖޭގެ ޖީޑީޕީ ދަށްވަނީ ލަގްޒަރީ ރިސޯޓުތަކުން ގެސްޓްހައުސްތަކަށް ފަތުރުވެރިންގެ މިސްރާބު ބަދަލުވަމުންދާތީ ކަމަށް ވޯލްޑް ބޭންކުން ދާދި ފަހުން ނެރުނު ރިޕޯޓުގައި ބުނި ނަމަވެސް އެކަން ގަބޫލު ނުކުރާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަރސް (މަޓާޓޯ) އިން ބުނެފިއެވެ.



ވޯލްޑް ބޭންކުން އެންމެ ފަހުން ނެރުނު ސައުތު އޭޝިއާ ޑިވެލޮޕްމަންޓް އަޕްޑޭޓްގައި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ކުރިއެރުމުގެ އަންދާސާވަނީ ކުރިން ލަފާކޮށްފައިވާ ހިސާބާއި އަޅާކިޔާއިރު 0.5 އިންސައްތަ ދަށްކޮށްފައެވެ. އަދި 2024 ވަނަ އަހަރުގެ "އައުޓްޕުޓް ފޯރކާސްޓް" އިތުރުވާނެ ކަމަށް ލަފާކޮށްފައިވަނީ 4.7 އިންސައްތައިންނެވެ.

މި އެޑްޖަސްޓްމަންޓް މައިގަނޑު ގޮތެއްގައި ގުޅުވާފައިވަނީ ފަތުރުވެރިކަމުގެ ހަރަކާތްތައް މަތީ ފެންވަރުގެ ރިސޯޓްތަކުން އެއަށްވުރެ އަގުހެޔޮ ގެސްޓްހައުސްތަކަށް ބަދަލުވަމުން ދާތީކަމަށެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ނެރުނު ބަޔާނުގައި މަޓާޓޯއިން ބުނީ ޖީޑީޕީގެ ކުރިއެރުން ދަށްވުމަކީ ހަމައެކަނި މި ބަދަލަށް ނިސްބަތްވާ ކަމެއް ނޫން ކަމަށާއި އޭގެ ބަދަލުގައި މި ދަށަށް ދިއުމުން ދޭހަވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރޭގައި ސަޕްލައި އާއި ޑިމާންޑާއި ދެމެދުގައިވާ ބޮޑު ތަފާތު ކަމަށެވެ.

މީގެ އިތުރުން މުޅި ސިނާއަތުގައި އެވްރެޖް ޑެއިލީ ރޭޓްސް (އޭޑީއާރު) ދަށްވެފައިވާކަމާއި އިތުރުވެފައިވާ ސަޕްލައި އަށް ހައްލެއް ހޯދުމަށް ވިސްނުންތެރި މާކެޓިން މަސައްކަތްތަކެއް ނުކުރެވޭ ކަމަށް މަޓާޓޯއިން ވަނީ ފާހަގަކޮށްފައެވެ.

މަޓާޓޯއިން ބުނީ 2023 ވަނަ އަހަރު ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ ރޭޓްއަކީ %42.7 ކަމަށާއި މިއީ ރިސޯޓްތަކުގެ 2023 ގެ އޮކިއުޕެންސީ ރޭޓަށްވުރެ މާ ދަށް ރޭޓަކަށްވެފައި ގެސްޓްހައުސްތަކުގެ ރޫމް ރޭޓާއި އޮކިއުޕެންސީ ރޭޓަކީ ރިސޯޓްތަކާއި އަޅާބަލާއިރު ޖީޑީޕީއަށް އެފަދަ އަސަރެއްކުރާނެވަރަށް ވުރެ ކުޑަ އަދަދެއް ކަމަށެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވަމުންއައި ނަމަވެސް، މުހިއްމު ޕާފޯމަންސް އިންޑިކޭޓަރުތަކަށާއި އާމްދަނީއަށް އަސަރުކުރާ ބޮޑެތި ހުރަސްތަކާއި މުޅި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިމަތިލާން ޖެހުނު ކަމަށް މުޅި އަހަރު އެއްކޮށް ފާހަގަކުރެވިފައިވާ ކަމަށްވެސް މަޓާޓޯއިން ވަނީ ބުނެފައެވެ.

މީގެއިތުުރުން އޮކިއުޕެންސީ އާއު އާމްދަނީ އާ ބެހޭގޮތުން މަޓާޓޯއަށް ފާހަގަކުރެވޭ މުހިންމު ނުކުތާތަކަށް ވަނީ އަލިއަޅުވާލާފައެވެ.

  • ރާއްޖޭގައި 1 ނޮވެމްބަރު 2023 ގެ ނިޔަލަށް ޖުމްލަކޮށް 62،822 އެނދު ވިއްކެންހުރި ނަމަވެސް 2023 ވަނަ އަހަރުވިކިފައިވަނީ އެންމެ %51 އިންވެންޓަރީ. މީގެން ދައްކުވައިދެނީ ކަންބޮޑުވާވަރަށް ވަސީލަތްތައް ބޭނުންކުރެވިފައިނުވާ ކަން.
  • ރާއްޖޭގައި ފަތުރުވެރިންއައިސް ތިބޭ އެވްރެޖް މުއްދަތު ވަނީ 2022 ވަނަ އަހަރު 8.1 ދުވަހުން 2023 ވަނަ އަހަރު 7.6 ދުވަހަށް މަދުވެފަ. މިއީ ފަތުރުވެރިކަމުގެ ދާއިރާގެ ޕާފޯމަންސްގެ މުހިންމު އިންޑިކޭޓަރެއް ކަމަށްވާ "ރެވެނިއު ޕަރ އެވޭލެބަލް ރޫމް" އާ މެދު ކަންބޮޑުވުން އުފެދޭ.
  • މިދިޔަ އަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ އާމްދަނީ ވަރަށް ބޮޑަށްވަނީ ދަށްވެފަ. ޖުމްލަ 2.6 ބިލިއަން ޑޮލަރު (40 ބިލިއަން ރުފިޔާ) މިމުއްދަތުގެ ތެރޭގައި ދަށްވެފައިވާއިރު އޭގެ ކުރީ އަހަރުދަށްވެފައިވަނީ 160 މިލިއަން ޑޮލަރު (2.5 ބިލިއަން ރުފިޔާ). މިއީ ކުރީ އަހަރާއި އަޅާބަލާއިރު 5% ގެ ދަށްވުމެއް.

މަޓާޓޯއިން ބުނީ ރާއްޖެއަށް ދިމާވެފައިވާ ހުރަސްތައް އިތުރުވެގެންދާ ސަބަބުތަކުގެ ތެރޭގައި ފްލައިޓް ދަތުރުފަތުރުގެ އަގު ބޮޑުވުމާއި، އިންފްލޭޝަން އާއި، ޖިއޮޕޮލިޓިކަލް ކޯޅުންތަކާއި، ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ހިމެނޭ ކަމަށެވެ.

އަދި އެންމެ ބޮޑު މައްސަލަ އަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރޭގައި ސަޕްލައި އާއި ޑިމާންޑް ދިމާ ނުވުން ކަމަށް ވެސް މަޓާޓޯއިން ބުނެއެވެ. ފަތުރުވެރިކަމުގެ މާކެޓްގެ ކަންކަން ތަރައްގީވަމުން އަންނަގޮތާއި ވަރުގަދަ ވާދަވެރިކަމުގެ މަންޒަރު ފެންނަމުންދާ މި މާހައުލުން ދައްކުވައިދެނީ މި މުހިންމު ސިނާޢަތުގެ ދިގުމުއްދަތުގެ ތަނަވަސްކަން ކަށަވަރުކުރުމަށްޓަކައި ކަންތައްތަކާއި އެއްގޮތަށް ބަދަލުވުމާއި އައު ވިސްނުމާއި ޚިޔާލުތަކުގެ މުހިންމު ކަމަށް ވެސް މަޓާޓޯގެ ބަޔާނުގައި ބުނެފައިވެއެވެ.



More from vNews