ފައިނޭންސް ސާވިސް އޮތޯރިޓީގެ ޗެއާޕާސަންކަމަށް ޖިހާދު

Tue, 30 Apr 2024 10:58 PM

View on this article on vNews

ފައިނޭންސް ސާވިސް އޮތޯރިޓީގެ ޗެއާޕާސަންކަމަށް ޖިހާދު

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސާވިސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ) ގެ ޗެއާޕާސަންގެ މަގާމަށް، ރާއްޖޭގެ ކުރީގެ ނައިބުރައީސް ޢަބްދުﷲ ޖިހާދު އައްޔަންކުރައްވައިފިއެވެ.



އެމްއައިއެފްއެސްއޭ އަކީ ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ގާއިމްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި އަހަރު ތެރޭގައި އުފައްދަން ނިންމެވި އިދާރާއެކެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ އެކްސް ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ އިދާރާގެ ގަވަނިން ބޯޑް އެކުލަވާލައްވާފައިވާ ކަމަށެވެ.

ރާއްޖޭގެ މާލީ ދާއިރާއަށް އިންގިލާބެއް ގެނައުމަށް ރައީސް ކުރައްވާ ތަސައްވަރު، ޖިހާދު ފުއްދަވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނައިބު ރައީސްގެ މަގާމް އަދާކުރެއްވުމުގެ ކުރިން ޖިހާދު ހުންނެވީ ފިނޭންސް މިނިސްޓަރުގެ މަގާމުގައެވެ.

ޖިހާދު ވަނީ، ނިއު ޒިލަންޑްގެ ޔުނިވަރސިޓީ އޮފް ވައިކަޓޯއިން މާސްޓަރސް އޮފް މެނޭޖްމަންޓް ސްޓަޑީޒް އިން އިކޮނޮމިކްސް ފުރިހަމަކުރައްވާފައެވެ. އެމަނިކުފާނު ބެޗަލަރ އޮފް އާޓްސް (އިކޮނޮމިކްސް/މެނޭޖްމަންޓް) ފުރިހަމަ ކުރައްވާފައިވަނީ ފިޖީގެ ޔުނިވަރސިޓީ އޮފް ސައުތު ޕެސިފިކްއިންނެވެ.

އެމަނިކުފާނު ވަނީ ރައީސް ޑރ. މުޙައްމަދު ވަހީދު ހަޞަން މަނިކުގެ ޒަޢާމަތުގައާއި ރައީސް މަޢުމޫން ޢަބްދުލް ޤައްޔޫމްގެ ޒަޢާމަތުގައިވެސް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަޤާމު ފުރުއްވާފައެވެ. ޢަބްދުﷲ ޖިހާދު ފުރުއްވާފައިވާ ފާހަގަކޮށްލެވޭ އެހެނިހެން މަޤާމްތަކުގެ ތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުކަމާ ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަން ހިމެނެއެވެ.



More from vNews