ޗެނަލް 13 އާއި ރާއްޖެ ޓީވީއަށް އިިންޒާރުދިނުން ސަރުކާރުން ކުށްވެރިކޮށްފި

Tue, 30 Apr 2024 11:17 PM

View on this article on vNews

ޗެނަލް 13 އާއި ރާއްޖެ ޓީވީއަށް އިިންޒާރުދިނުން ސަރުކާރުން ކުށްވެރިކޮށްފި

މީސްމީޑިއާގައި އަދި ފޯނު މެދުވެރިކޮށް ކާކުކަން ދެނެނުގަނެވޭގޮތަށް ފޮރުވިގެން ތިބެ ރާއްޖޭގެ ބައެއް މީޑިއާތަކަށް ބަޔަކު އިންޒާރުދެމުންދާތީ، ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން މިކަން ކުށްވެރިކޮށްފިއެވެ.



ރާއްޖޭގެ ޕްރައިވެޓް ދެ ބްރޯޑްކާސްޓަރުން ކަމަށްވާ ޗެނަލް 13 އާއި ރާއްޖެ ޓީވީގައި ހުޅުޖަހާނެކަމުގެ އިންޒާރުދީފައި ވަނީ، ސޯޝަލް މީޑިއާގައި ކާކުކަން ނޭނގޭގޮތަށް ހަދާފައިވާ އެކައުންޓަކުންނެވެ.

އެގޮތުން ރާއްޖެ ޓީވީގައި ހުޅުޖަހާނެކަމުގެ އިންޒާރުދީފައި ވަނީ އެ ޓީވީގައި މަސައްކަތްކުރާ ނޫސްވެރިއެއްގެ އިންސްޓަގްރާމް މެދުވެރިކޮށެވެ. އެ މެސެޖުގައި އެ ނޫސްވެރިއާއަށް ނިސްބަތްކޮށް، "މިފަހަރު ހޭއަރުވައިލާނަން" ކަމަށް ލިޔެފައި އޮތެވެ.

އެކަމުގެ ޚަބަރު ޝާއިއުކޮށް ރާއްޖޭގެ އޮންލައިން މީޑިއާއަކުން ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓަކަށް ކުރި ކޮމެންޓެއްގައި ބުނެފައި ވަނީ، މީޑިއާ މެދުވެރިކޮށް މީހުންގެ ސިކުނޑިއާ ކުޅުމުގެ ފުރުސަތު މިހާރު ނޯންނާނެ ކަމަށާއި ބަޔަކު ނައްތާލަން ޖެހިއްޖެނަމަ އެކަން ވެސް ކުރާނެ ކަމަށެވެ.

ޗެނަލް 13 އަށް އިންޒާރުދީ ލިޔެފައިވާ އެ ކޮމެންޓުގައި ވަނީ، ރާއްޖެ ޓީވީގައި ހުޅުޖަހަން ދިން އިންޒާރަށް ވެސް ތާއީދުކޮށް އެއީ ބަރާބަރު ކަމެއް ކަމަށް ބުނެފައެވެ. އަދި ރާއްޖެޓީވީއަށް އިންޒާރުދިން ހަބަރު ގެނެސްދިނުން އެއީ ރާއްޖެޓީވީއާ މެދު ހަމްދަރުދީ އުފެއްދުން ކަމަށް ވެސް އެ ކޮމެންޓުގައި ލިޔެފައިވެއެވެ.

އެންމެ ފުރަތަމަ ނައްތާލަންޖެހެނީ ޗެނަލް 13 ކަމަށް ބުނެ އެ އެކައުންޓުން އިންޒާރު ދީފައި ވަނީ ހަމަ އެ ޕޯސްޓަށް ކުރި ދެވަނަ ކޮމެންޓުގައެވެ.

ރާއްޖެ ޓީވީގައި ހުޅުޖަހާނެކަމަށް އަދި އެ ޗެނަލްގެ ނޫސްވެރިޔާ "ހޭއަރުވާލާނެ" ކަމަށް ބުނެ އިންޒާރުދިން މައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުން ބުނީ، ދިވެހި މީޑިއާތަކާ ނޫސްވެރީންގެ ޙިމާޔަތުގައި ދިވެހި ސަރުކާރުން ފުރިހަމަ ސަމާލުކަމާއެކު މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދިވެހި އެންމެހާ ރައްޔިތުންނަށާއި މީޑިއާތަކަށް އަރުވާ ކަމަށެވެ.

ފޮރުވިގެންތިބެ ނޫސްވެރީންނަށާއި މީޑިއާތަކަށް އިންޒާރުދެމުންދާތީ އެކަމުގެ ތަޙްޤީޤް ދިވެހި ފުލުހުންގެ އިދާރާއިން ފަށާފައިވާކަން ފާހަގަކޮށް، އެކަން އެކުރާ ބަޔަކު ދެނެގަތުމަށް ފުލުހުންނަށް ލިބިފައިވާ ހުރިހާ ވަސީލަތަކާ ޤާބިލްކަމެއްގެ ބޭނުންކޮށްގެން މަސައްކަތްކުރަމުންދާނެކަމުގެ ޔަގީންކަން ރައީސް އޮފީހުން ދީފައިވެއެވެ.

އެއްވެސް މީޑިއާއަކަށް ނުވަތަ ނޫސްވެރިއަކަށް ބިރުދެއްކުމުގެ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ހިންގަމުންދާނަމަ، ނުވަތަ އެފަދަ ކަމެއް ކުރަން އުޅޭކަމުގެ މަޢުލޫމާތެއް ލިބިފައިވާ ނަމަވެސް، ޤައުމީ މަޞްލަޙަތު އިސްކުރެއްވުމުގެ ޒިންމާ ކޮންމެ ދިވެހި ރައްޔިތަކުވެސް އަދާކޮށް، އެކަން ފުލުހުންނަށް އަވަހަށް ރިޕޯޓްކުރުމަށް ރައީސް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ.

ނޫސްވެރީންގެ އަޑުއަހައި، މީޑިއާތަކުގެ މަސައްކަތް ކުރިއަރުވައި، ޒިންމާދާރުކަމާއެކު ޚަބަރާ މަޢުލޫމާތު ފެތުރުމަށް ފުރުޞަތު ދިނުމަކީ މި ސަރުކާރުން އަބަދުވެސް ނަގަހައްޓާނޭ ސިޔާސަތެއް ކަމާއި، ނޫސްވެރިންނަށާއި މީޑިއާތަކަށް ބިރުދައްކައި، ޤައުމުގެ އަމްނަށް ނުރައްކާވާނެގޮތަށް ކުރާ ކޮންމެކަމެއް ހުއްޓުވައި ދިވެހި މުޖްތަމަޢުގެ މަސަލަސްކަމާ ހަމަޖެހުން ހިފެހެއްޓުމުގައި ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާއަކުންވެސް ވަފާތެރިކަމާ އިޚްލާޞްތެރިކަމާއެކު ރެޔާދުވާލު މަސައްކަތްކުރަމުން ގެންދާނެކަމުގެ ޔަގީންކަން ރައީސް އޮފީހުން ދީފައިވެއެވެ.



More from vNews