ވާރޭވެހުމުގެ ސަބަބުން ގުރައިދޫގެ 50 އަށްވުރެ ގިނަ ގެއަށް ގެއްލުން!

Tue, 30 Apr 2024 07:33 PM

View on this article on vNews

ވާރޭވެހުމުގެ ސަބަބުން ގުރައިދޫގެ 50 އަށްވުރެ ގިނަ ގެއަށް ގެއްލުން!

ކ. ގުރައިދުއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން 50 އަށް ވުރެ ގިނަ ގެއަށް ފެންވަދެ އެކި ވަރުގެ ގެއްލުން ލިބިއްޖެއެވެ.



ރޭ އިރާކޮޅު 7:30 ހާއިރު ވާރޭ ވެހެން ފެށި ގޮތަށް ދެ ގަޑިއިރެއް ހާއިރު މެދު ކެނޑުމެއް ނެތި ބޯކޮށް ވާރޭވެހިފައި ވާއިރު، ވާރޭ ހުއްޓާލިއިރު ރަށުގެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފައެވެ.

އެގޮތުން ރަށުގެ ބޮޑެތި މަގުތަކުގައި ފެންބޮޑުވެފައިވާއިރު، ވަރަށް ގިނަ ގެތަކަށް ގެއްލުން ވެފައި ވާ ކަމަށް އެ ރަށުން ކައުންސިލުން މައުލޫމާތު ދެއެވެ. ގެތަކަށް ލިބުނު ގެއްލުން ކައުންސިލުން ބަލަމުން އަންނަ އިރު، މިހާތަނަށް ބެލި ބެލުމުން 50 އަށްވުރެ ގިނަ ގެއަށް ފެންވަދެފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

ކ. ގުރައިދޫ / ފޮޓޯ: އެންޑީއެމްއޭ

ރަށުގައި ފެންބޮޑުވުމާއެކު ގުރައިދޫ ކައުންސިލާއި ރައްޔިތުން ނިކުމެ ވަނީ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ފަށާފައެވެ. އެއަށްފަހު އެމްއެންޑީއެފްއިން ވެސް ވަނީ ފެން ހިންދުމަށް އެހީތެރިވެފައެވެ.

އެގޮތުން ރޭ 11:00 ހާއިރު ވަނީ މަގުތަކުން ފެން ހިންދާ ނިންމާފައެވެ.

ށ. ފޯކައިދޫ

ގުރައިދޫގެ އިތުރުން ށ. ފޯކައިދުއަށް ވެސް ވަނީ ބޯކޮޑް ވާރޭ ވެހި ގިނަ ގެތަކަކަށް ގެއްލުން ލިބިފައެވެ. އެގޮތުން ބައެއް ގޭގެ ސިޓިން ރޫމާއި ކޮޓަރިތަކަށް ވެސް ފެން ވަދެފައިވާއިރު ގޭގައި ހިފާ ގެންގުޅޭ ސަމާނަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ރަށުގެ އުތުރު ސަރަހައްދުގެ ބައެއް ގެތަކުގައި ދެ ފޫޓަށް ވަނީ ފެންބޮޑުވެފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މިހާރު ރާއްޖެއަށް ކުރަމުން ދަނީ ދެ މޫސުން ބެދޭ ވިއްސާރައެވެ. އެ އިދާރާއިން މިއަދު ވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފައެވެ.



More from vNews